
މާޒިޔާއަށް ގެނައި ސާބިއާ ޑިފެންޑަރު ކޮވަސެވިޗް އެޓީމާ ގުޅިއްޖެ
މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބަށް ގެނައި ސާބިއާ ޑިފެންޑަރު މިލޯސް ކޮވަސެވިޗް މިއަދު އެޓީމާ ގުޅިއްޖެއެވެ.
އަންނަ ފުޓްބޯޅަ ސީޒަނަށް އިތުރަށް ޓީމް ވަރުގަދަކުރުމަށް ޓަކައި މާޒިއާއަށް ގެނައި ސާބިއާގެ ޑިފެންޑަރ މިއަދު އެޓީމާއި ގުޅިފައިވާއިރު އޭނާ މިހާރުވަނީ މާޒިއާގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވާން ފަށާފައެވެ.
މާޒިޔާއަށް މީގެކުރިންވެސް ބިދޭސީ ތިންކުޅުންތެރިއަކު ގެނެސްފައިވާއިރު އޭގެ ތެރޭގައިވެސް ސާބިއާގެ ކުޅުންތެރިއަކު ހިމެނެއެވެ. ކޮވަސެވިޗަކީ މާޒިޔާ އަށް މިފަހަރު ގެނައި ސާބިއާގެ ދެވަނަ ކުޅުންތެރިއާއެވެ. މާޒިޔާއަށް ކުރިން ގެނެސްފައިވަނީ ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އާއި ރުމޭނިއާގެ ވަރުގަދަ ޓީމުތަކަށް ކުޅެފައިވާ ޑިފެންޑަރު އަންދްރެއި ކޯޑޯސް އަދި ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗެވެ.
މާޒިޔާ އަށް މިއަދު ގެނައި އުމުރުން 25 އަހަރުގެ ކޮވަސެވިޗަކީ ސާބިއާގެ ސުޕަ ލީގުގެ ހަޖުކް ކުލާ އާއި ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ނޮވީ ސާޑް އަދި ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަންގެ ސުޑޫވާ އަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. ޑިފެންސްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކޮވަސެވިޗް ވަނީ ސާބިއާގެ ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުރިން ކުޅެފަ އެވެ.
މާޒިއާ އަންނަ ސީޒަނަށް ވަރުގަދަ ކުރުމަށް ޓަކައި ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެނެސްފައިވާއިރު މާޒިޔާއަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ޓީމެވެ.



