
އޮބި މިކޭލް ވެސް ޗައިނާގެ ކްލަބަކަށް ބަދަލުވެއްޖެ
އިނިގިރޭސި ކުލަބު ޗެލްސީގައި ގިނައަހަރުތަކެއް ހޭދަކުރި ނައިޖީރިއާ މިޑްފީލްޑރަ ޖޯން އޮބި މިކޭލް ޗައިނާގެ ކްލަބެއް ކަމަށްވާ، ޓިއަންޖިން ޓެޑާއާ ގުޅިއްޖެއެވެ.
މިކޭލް ޗައިނާގެ ކުލަބް ޓިއަންޖިއަންއަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަފްތާއަކު 140،000 ޕައުންޑުގެ މުސާރައަކަށެވެ.
މި ސީޒަނުގައި ޗެލްސީއަށް އެންމެ މެޗެއް ވެސް މިކޭލް ކުޅެދީފައިނުވާއިރު، އޭނާ ހޯދުމަށް ސްޕެއިންގެ ވެލެންސިއާ އަދި ފްރާންސްގެ މާސޭއިން، ޝައުގުވެރިވި ކަމަށް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.
2006 ވަނަ އަހަރު ޗެލްސީ އާއި ގުޅުނު މިކޭލް ވަނީ އެ ކްލަބަށް މިހާތަނަށް ޖުމްލަ 372 މެޗު ކުޅެދީފައެވެ. އެގޮތުން އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
އެގޮތުން މިކޭލް ވަނީ ޗެލްސީއާއެކު ޕްރިމިއަރ ލީގު ދެ ފަހަރު، އެފްއޭކަޕް ހަތަރު ފަހަރު، އިނގިރޭސި ލީގު ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގަކާއި، ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަނުގައި މިހާތަނަށް މިކޭލް އަދި އެއްވެސް މެޗެއް ޗެލްސީއަށް ކުޅެދީފައި ނުވާއިރު އޭނާ އަކީ ޗެލްސީ ދޫކޮށް ޗައިނާގެ ކްލަބަކަށް ބަދަލުވި ތިންވަނަ ކުޅުންތެރިއާއެވެ.
މީގެކުރިން ޗެލްސީ ދޫކޮށް ޗައިނާ ލީގުގެ ކްލަބަކަށް ބަދަލުވެފައިވަނީ ރަމިރޭސް އާއި ބްރެޒިލް ފޯވާޑް އޮސްކާއެވެ.



