
ރޮނާލްޑޯގެ 500 ވަނަ ލަނޑާއެކު ރެއާލް މެޑްރިޑް ފައިނަލަށް.
0-2 ގެ ނަތީޖާއަކުން މެކްސިކޯގެ ކްލަބް އެމެރިކާ ބަލިކުރުމަށްފަހު، ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލަށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުގެންދިޔައިރު މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ ހާފް ނިމެން ކުޑަތަންވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.
މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ކީޑުގައި އޮވެ ރެއާލްއިން ނިންމާލިއިރު މެޗުގެ ފަހުހާފަށް ކުޅެންނިކުމެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވެސް ރެއާލް އިންނެވެ.
އެގޮތުން ރެއާލް މެޑްރިޑްގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލުގެކުރިން ވެސް ރޮނާލްޑޯއަށް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިފައިވެއެވެ.
މިއަދު މެޗުގެ ކާމިޔާބުކުރި ގޯލާއެކީ ކްލަބް ލެވެލްގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 500 އަށް އަރާފައެވެ.
މީގެތެރެއިން 377 ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ އޭނާގެ މިހާރުގެ ކުލަބު ރެއާލް މެޑްރިޑުގަހުރެއެވެ.
އޭގެތެރެއިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު 118 ގޯލު ކާމިޔާބުކޮށް ރިނާލްޑޯ ފުޓްބޯޅަ ކެރިއަރު ފެށި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއަށް ކުޅުނުއިރު ފަސް ގޯލު ކާމިޔާބުކޮށްފައިވެއެވެ.
މިހާރު ޖަޕާނުގައި ކުރިޔައްދާ ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ޖަޕާނުގެ ކަޝިމާ އެންޓްލާސްއާއެވެ.
ހޮސްޓުންގެ ގޮތުގައި މި މުބާރާތުގައި ވާދަކުރާ ކަޝިމާ އެންޓްލާސް ފައިނަލަށް ދަތުރުކުރީ ކޮލަމްބިއާގެ އެތްލެޓިކޯ ނަސިއޮނާލް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބާސެލޯނާއެވެ.
އެޓީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 3 ފަހަރު ހޯދާފައެވެ.



