އަޑު ގަލަމުން (1)

މިލިޔުމަކީ ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 6 ނޮވެންބަރ 2006 ގައި ސޯސަލް ސެންޓަރުގެ ސެމިނާރޫމްގައި ފަޟީލަތުއްޝައިޚް އާދަމް ޝަމީމް ދެއްވާފައިވާ ދަރުސް އަޑުއަހައިގެން ލިޔެފައިވާ ލިޔުމެކެވެ. މިދަރުސްގެ މައުޟޫއަކީ إجتنبوا السبع الموبقات “ ގެއްލިހަލާކު ކުރަނިވި ހަތް ފާފައިން ދުރުހެލިވެ ހުންނާށެވެ.“

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމައުޟޫއަކީ ލިޔެލަން ނުވަތަ ކިޔާލަން ފަސޭހަ މައުޟޫއެއް ކަމުގައިވެދާނެއެވެ. ނަމަވެސް މީގެ މުހިންމުކަމާއި ހައިބަތާއި ބަރުދަން ކިތެންމެހާވެސް ބޮޑެވެ. މިދަރުސް އަޑު އަހައިގެން ލިޔެ ޢާންމުންނާއި ޙިއްޞާ ކުރުމަށް އަޅުގަނޑު ޚިޔާރުކުރީވެސް މިމައުޟޫގެ މުހިންމުކަން ބޮޑު ކަމުންނާއި އަޅުގަނޑުމެންގެ މުޖްތަމަޢުގައި މިފަދަ ލިޔުންތައް މަދުކަމުން، ދީނީ އަދި ޤައުމީ ޚިދުމަތެއްގެ ގޮތުންނެވެ.

އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑަށް މިކަން ކުރުމުގެ ތަވްފީޤުދެއްވި އަޅުގަނޑުމެންގެ ربّ ، الله سبحانه وتعالى  އަޅުގަނޑުގެ މި ޢަމަލު ޤަބޫލުކުއްވައި، އަޅުގަނޑަށާއި މިލިޔުން ކިޔާހާ ބަޔަކަށް މިލިޔުމުން ޢިބްރަތެއް ދެއްވައި އެކަމުގެ ހެޔޮ ޖަޒާ ދެއްވުމެވެ.

الَّهُمَّ إِنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلى الإِسْلاَمِ الَّهُمَّ إِنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلى الإِيْمَانِ

ދަރުސްގެ ފެށުން:

الحمد لله ربّ العلمين والعاقبة للمتّقين ولا عدوان إلا على ظالمين والصلاة والسلام على أشرف الأبياء والمرسلين و على آله وصحبه والتابعين لهم بإحسان إلى يوم الدين

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم  إجتنبوا السبع الموبقات , قالو وما هنّ ؟  قال الشرك با الله , والسحر,  وقتل النفس التى حرّم الله إلا با الحقّ , وأكل الرّباء , و أكل المال اليتيم , والتولى يوم الزحف , وقذ ف المحصنا ت المؤمنا ت الغا فلات.

މިޙަދީޘް ރިވާކުރައްވާފައިވަނީ އަލްއިމާމް ބުޚާރީ އާއި މުސްލިމް. މާނައީ، رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންނާ މުޚާތަބު ކުރައްވާ ޙަދީޘްފުޅު ކުރައްވަނީ إجتنبوا السبع الموبقات ތިޔަބައިމީހުން ގެއްލިހަލާކު ކުރަނިވި ހަތް ފާފައިން ދުރުހެލިވާށެ.. قالو يا رسول الله وما هنّ  އެބޭކަލުން ދެންނެވި އޭ ﷲ ގެ ރަސޫލާއޭ ! އެއީ….އެއީކޮން ހަތްފާފަ އެއްތޯއެވެ. قا ل  އެކަލޭގެފާނު ޙަދީޘްކުރެއްވި الشرك با الله  ، ﷲ އަށް ޝަރީކު ކުރުމެވެ.  والسحر ،  ސިޙުރު ހެދުމެވެ. وقتل النفس التى حرّم الله إلا با الحقّ   ، الله سبحانه وتعالى   ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލާ ޤަތުލު ކުރުމެވެ. وأكل الرّباء  ، ރިބާ ކެއުމެވެ. و أكل المال اليتيم ، ޔަތީމުންގެ މުދާ ކެއުމެވެ. والتولى يوم الزحف ، ހަނގުރާމައިގެ ވަޤުތުގައި ފިލަން ދުވުމެވެ. وقذ ف المحصنا ت المؤمنا ت الغا فلات ، އަދި ޢިތްފަތްތެރި މުއުމިން ފާޙިޝް ޢަމަލްތައް ކުރުމުގެ ގޮތްތައް ނޭންގޭ އެކަމުން ޣާފިލުވެގެންވާ މުއުމިން އަންހެން ތަކުންނަށް ޤަޛްފު ކުރުމެވެ. މިޙަދީޘަކީ އެންމެ ޟައްޙަ ދަރަޖައިގެ ޙަދީޘެއް، އާދެ! އަޅުގަނޑުމެން އެންމެންވެސް ދަންނަން ، ނުވަތަ ވަރަށް ގިނަ މުސްލިމުން ދަނޭ ، ފާފަ އާންމުގޮތެއްގައި އެކި ދަރަޖައިގަ ހުރޭ، އެންމެހާ ފާފަޔަކީ އެއްދަރަޖައިގެ އެއްމިންވަރެއްގެ ފާފަތަކެއްނޫން އަދި ހަމަ އެހެންމެ އާންމު ގޮތެއްގައި ފާފަތައް ބެހިގެންވަނީ ބޮޑު ފާފަޔަށާއި ކުޑަ ފާފަޔަށް، ބޮޑެތި ފާފަޔަކީ ދުނިޔެމަތީގައި الله سبحانه وتعالى އެފާފައެއްގެ މައްޗަށް، އެފާފައެއް ކުރާ މީހާގެ މައްޗަށް އެއްވެސް ކަހަލަ ހައްދެއް ކަނޑައަޅުއްވާފައިވާ ކަންތައްތައް. ހަމައެފަދައިން ދުނިޔެއާއި އާޚިރަތުގައި الله سبحانه وتعالى ގެ ނުވަތަ އެކަލާނގެ ރަސޫލާގެ ނުވަތަ މަލާއިކަތްބޭކަލުންގެ ލަޢްނަތް އެކަމަކާ ގުޅިގެން އައިސްފައިވާ ކަންތައްތައް. ހަމައެހެންމެ! އެކަމެއްކުރުމުގެ މައްޗަށް ނުވަތަ ނުކުރުމުގެ މައްޗަށް ނަރަކައިގެ ވޭންދެނިވި ޢަޛާބު ނުވަތަ ޤަބުރުގައި ވޭންދެނިވި ޢަޛާބު، މިފަދަ ޢިބާރާތްތަކުން ވަޢީދުގެ ބަސްތައް އައިސްފައިވާ ކޮންމެ ފާފަޔަކީ ބޮޑުފާފައެއް. ކުދިފާފަތަކަކީ! އެނޫން އެންމެހާ ފާފަތައް އެއީ އެއްވެސް ކަހަލަ ވަޢީދެއް ނުވަތަ އެކަން ކުރުމުގެމައްޗަށް ނުވަތަ ނުކުރުމުގެމައްޗަށް އެއްވެސް އިންޒާރެއް އައިސްފައިނުވާ ފާފަތައް. އެހެންނަމަވެސް އެއީ އެޙަލާލު އެއްޗެކޭ ނޫން އޭގެމާނަޔަކީ، ކުދިފާފަތަކަކީ الله سبحانه وتعالى ޙަރާމް ކުރައްވާފައިވާ ކަންތައްތަކެއް އެހެންނަމަވެސް، އެކަން ކުރުމުގެ މައްޗަށް އެއްވެސް ކަހަލަ ލަޢްނަތެއް ނުވަތަ އާޚިރަތުގައި އެއްވެސް ވަޢީދެއް ކަނޑައެޅިގެން އައިސްފައިނުވާ ކަންތައްތައް. އާދެ ބޮޑެތިފާފައިގެތެރޭގައިވެސް، ހުރިހާ ފާފަޔަކީ އެއްފެންވަރެއްގެ އެއްދަރަޖައިގެ ފާފަތަކެއްނޫން. އަދިކިޔެއް ބޮޑެތިފާފައިގެ ތެރޭގައިވެސް ތަފާތު ދަރަޖައިޖެ ފާފަތައް އެބަހުރި، އޭގެތެރެއިން ބޮޑެތިފާފައިގެތެރެއިން އެންމެ ނުރައްކާ އެންމެ ބިރުވެރި ފާފަތަކަކީ އެފާފަތަކުގެ ސަބަބުން ތިމާ ދީނުން ބޭރުވެދާ، ތިމާ މުރުތައްދުވެދާ، ތިމާ ކާފަރުވެދާ ފަދަ ފާފަތައް. އެގޮތުން އަޅުގަނޑުމެނަށް އެނގޭ ﷲ އަށް ޝަރީކުކުރުން، ސިޙުރުހެދުން، ފަރުޟު ފަސް ނަމާދު އެޅުން މިހުންނަނީ ދީނުން ބޭރުވާނެކަމަށް ޝަރީޢަތުން އަންގަވާފައި ހުރި ބޮޑެތި ފާފަތައް. ހަމަ އެހެންމެ އަނެއްބައި ބޮޑެތިފާފަތަކަކީ އެއީ ބޮޑެތިފާފަ އެހެންނަމަވެސް އެކަންކުރާމީހާ ދީނުންބޭރުނުވާނެ، ނުވަތަ ދީނުން ބޭރުވާވަރުގެ ކަންތައްތަކެއްނޫން، އެހެންނަމަވެސް ވަޢީދުގެ ބަސްފުޅު އައިސްފައި ހުރީތީވެ އެއީ ބޮޑެތިފާފަތަކެއް. رسول الله صلى الله عليه وسلم މިބޮޑެތިފާފައިގެތެރެއިން ހަތް ފާފަޔަކުން ދުރުހެލިވެ ރައްކައުތެރިވުމަށް އުންމަތަށް އަމުރު ކުރައްވަނީ، އާދެ އެއީ الله سبحانه وتعالىގެ ވަރަށް ބޮޑު ރަޙްމަތެއް ފާފަތައްވެސް އޭގެއެކި ދަރަޖަތައް އެކިއެކި ކެޓަގަރީތައް ހުރުން، އެގޮތަކީ ފާފަޔަކީ އޭގެޒާތުގައި ގެއްލިހަލާކު ކުރަނިވި އެއްޗެއް الله سبحانه وتعالى ގެ ކޯފާ ތިމާގެ މައްޗަށް އަތުވެދާނެކަމެއް. އެހެންނަމަވެސް އެ އިލާހުގެ ރަޙްމަތުން، ބޮޑެތި ފާފަޔާއި ކުދި ފާފަ ލެއްވީ، ސަބަބަކީ، والله أعلم ،އެހެންނަމަވެސް އަޅުގަނޑުމެންނަށް ޝުޢޫރުގެނެވޭ، ބޮޑެތިފާފަތަކަކީ ގުނާލެވޭ އަދަދުތައް އެކުލެވިގެންވާ ފާފަތަކެއް، އެހެންވީމާ މިފާފަތަކުން ދުރުހެލި ވުމަކީވެސް ތަންކޮޅެއްފަސޭހަކަމެއް. މިސާލަކަށް ޙަލާލުގޮތުގައި މުދާ ހޯދުން،ފަސޭހަކަމެއް، މީހުންގެފަރާތުންވެސް ދުއްތުރާލާ އުނދަގޫނުލިބޭނެ މީހުން ތާޢީދުކުރާކަމެއް، އަރާމުގައި އުފަލާއެކުގައި ދިރިއުޅެވޭކަމެއް، އެހެންނަމަވެސް، ޙަރާމް ގޮތުގައި ލާރިހޯދުމަކީ..ފަސޭހަކަމެއްނޫން، މީހެއްގެގެޔަށް ވަދެ ވައްކަންކުރުން، ނުވަތަ ފިހާރައެއް ފަޅާލުން ނުވަތަ މަގުމަތިންދާމީހެއްގެ އަތުން އެއްޗެއް ފޭރިގަތުން، އެއިކީ ފަސޭހަކަމެއްނޫން. އެއީ އެކަންކުރާމީހުންނަށް ހުރިހާ މުޖްތަމައެއްގައި ނަފްރަތާ ރުޅިވެރިކަން ލިބޭ،އަދި އެބައިމީހުނަށް އަދަބުވެސް ލިބޭ، އެހެން ވީމަ ބޮޑެތިފާފަ އޭގެބޮޑުކަމާ އެކުގަ އޭގެން ދުރުހެލިވުމަށް الله سبحانه وتعالى އަދި އެކަލާނގެ ރަސޫލާ ބާރުއަޅުއްވާ ފައިވަނީ އޭގެން ދުރުހެލިވުން ތަންކޮޅެއް ފަސޭހަ. އެހެން ނަމަވެސް ކުދިފާފަ، އެއީ ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްކެއް އެހެން ނަމަވެސް އޭގެން ދުރުހެލިވުމަކީ ތަންކޮޅެއް އުނދަގޫކަމެއް. ކުދިފާފައިގެ އަދަދު ވަރަށް ގިނަ، އަޅުގަނޑުމެންނަށް ރެޔާއިދުވާލު އެނގިގެންނާއި ނޭނގިހުރެ ސަލާމަތްވާން މަސަތްކަތް ކުރިޔަސް މުޅިން ކުދިފާފަތަކަކުން ސަލާމަތެއް ނުވެވޭ. އެހެންވީމާ އެކުދިފާފަތައް ދޫކޮށްލެވިފައިވަނީ، ބައެއްފަހަރު ކުރާ ޞާލިޙު ޢަމަލުގެ ސަބަބުން، ތިމާކުރާ މާ ރަގަޅު ޢަމަލެއްގެ ސަބަބުން އެކުދި ފާފަތައް الله سبحانه وتعالى ފުއްސަވާ. އެހެންނަމަވެސް ބޮޑެތިފާފަތައް ތިމާކުރާ ހަމައެކަނި ހެޔޮ ޢަމަލަކުން ނުފުދޭނެ އެފޮހޭކަށް، އަދި ކިޔެއް، ބޮޑެތިފާފަތަކަށް ﷲގެ ޙަޟްރަތަށް ތައުބާވެ ރޫޖޫޢަވާންޖެހޭނެ. އާންމުކޮށް ކުދިފާފަޔަކީވެސް ތައުބާވުމާ އިސްތިޣްފާރުކޮށް ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދެންނެވުމަށް އަމުރު އައިސްފައިވާކަމެއް އެހެންނަމަވެސް ބޮޑުފާފަޔާ ކުދި ފާފަޔާ ހުރި ތަފާތަކީމީ. رسول الله صلى الله عليه وسلم މި ޙަދީޘް ފުޅުކުރެއްވީ، ގެއްލިހަލާކު ކުރަނިވި ހަތް ފާފައިގެ ޚާއްޞަ ކަމަކީކޮބައިތޯ؟ ނުވަތަ ކީއްވެގެން ތޯ ހަތްފާފަޔަކުން ސަލާމަތްވުމަށް ގަދަ އަޅުއްވާފައިވަނީ؟ އާދެ އޭގެމާނަޔަކީ، އެކަންތައްތައް ކުރާމީހާ އޭގެސަބަބުން الله سبحانه وتعالى ގެ ޙަޟްރަތުގައި ކުއްވެރިވެ، އެފާފައިގެ ބޮޑުކަމުން އޭނާ މުއުމިނުންނާ އެކުގައި ސުވަރުގެޔަށް ވަނުމަށް މަނާވެދާ ސަބަބު. އަދި އެފާފައިގެ ސަބަބުން الله سبحانه وتعالى ގެ ކޯފާޔާ ޢަޛާބު ޙައްޤުވެ ނަރަކައިގެ ތެރެޔަށް ދާންޖެހޭ ސަބަބު. އެހެން ވެގެން رسول الله صلى الله عليه وسلم އެހަތް ކަންތަކަށް الموبقات ގެ ނަމުން ނަންދެއްވާފައިވަނީ. ގެއްލި ހަލާކު ކުރުވަނިވި، ހަތްފާފަ. އޭގެމާނަ އެއްނޫން އެއްވެސް ޙާލެއްގައި މި ހަތްފާފަ އެކަންޏޭ، ބޮޑު ފާފަތަކަކީ! ނުވަތަ މި ހަތްފާފަ އެކަންޏޭ، އަޅާ ގެއްލި ހަލާކުކުރުވަނިވި ފާފަތަކަކީ! އެހެނީ މި ހަތްކަންތަކުގެތެރޭގައި ނުހިމެނޭ ވަރަށް ބޮޑެތި ފާފަތައް އެބަހުރި، އެކަމުގެ މައްޗަށް ދުނިޔޭގައި الله سبحانه وتعالى ހައްދުތައް ކަނޑައަޅުއްވާފައިހުރި ފާފަތައް. އަދި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހަކަށް ހުރިކަމުގެ އިންޒާރު އައިސްފަހުރި ފާފަތައް. މިސާލަކަށް: ޒިނޭކުރުމާ ރާބުއިމާ ވައްކަންކުރުމާ، ބައިންބަފައިންނަށް އުރެދުމާ ގާތްތިމާގެ މީހުނާ ގުޅުން ކެނޑުމާ ރަޙިމުގެ ގުޅުން ކެނޑުމާ އަވައްޓެރީންނަށް ނުބައިކޮށް ހިތުމާ އުނދަގޫ ކުރުމާ އަދިވެސް މީހުންގެ ޣީބަ ބުނުމާ ނެތި މޮށުމާ ދެބައުޑުމުވާ މިހެންގޮސް ޙަރާމް ކުރައްވާފައި ހުރި ބޮޑެތި ފާފަތައް އެބަހުރި ބައިވަރު. މީގަ ނުހިމެނޭ، އޭގެމާނަޔަކީ ކޮންމެ ބޮޑުފާފަޔަކީވެސް، އޭގެން ދުރުހެލިވެ ރައްކައުތެރިވާ ޖެހޭކަމެއް އެހެންނަމަވެސް އަޅުގަނޑުމެން ބަލަންޖެހޭނީ އެންމެ ބޮޑެތިކަންތައްތައް އެންމެ ނުރައްކައުތެރި ކަންތައްތައްކަށް އެންމެބޮޑަށް ސަލާމަތްވެވޭތޯ. އެގޮތަކީ، އިންސާނާގެ ޠޮބީޢަތް އޭނަޔަށް އެންމެ ފައިދާހުރިކަންތައް ހޯދުމަށް އޭނާ އެންމެ އަވަސްވެގަނޭ، އަދި އެންމެ ބޮޑަށް ގެންލުން ހުރިކަންތަކުން ސަލާމަތް ވުމައްޓަކައި ދުނިޔެވީގޮތުންވެސް މީހުން މަސަތްކަތްކުރޭ. އެގޮތުންގޮސް އެންމެ ކުޑަފާފަޔައް ދާނދެން ސަލާމަތްވެ ރައްކާތެރިވޭތޯ މަސަތަކަތް ކުރަންޖެހޭނެ. އާދެ! السبع الموبقات އާބެހޭގޮތުން، ގެއްލިހަކުކުރަނިވި ހަތްފާފައިގެ މުރާދާ ބެހޭގޮތުން ބައެއް ޢިލްމުވެރިން، އޭގެތެރެއިން حافظ ابن حجر  (رحمه الله) ވިދާޅުވަނީ އޭގެމުރާދަކީ، الكبائر، ބޮޑުފާފައެވެ. އެހެންވީމާ ބައެއްޙަދީޘްތަކުން މިކަމަށް ތާޢީދު ލިބޭ أبو هريرة رضي الله عنه ގެ ޙަދީޘް (ރިވާޔަތެއްގައި) رسول الله صلى الله عليه وسلم ޙަދީޘް ފުޅު ކުރައްވަނީ، إجتنبوا الكبائر الإشراك با لله ، މިގޮތަށް، ހަތް ބޮޑުފާފައިން ތިޔަބައިމީހުން ސަލާމަތްވާށެ އެއަށްފަހު އެކަލޭގެފާނު ގުނުއްވަނީ، މިމޫބިޤާތުގެ ތެރެއިން ހިމެނޭ ހަތް ފާފަ، ޔަތީމުންގެ މުދާގެއުމުގެފާފަ ފިޔަވައި، އަދިވެސް رسول الله صلى الله عليه وسلم  އެހެން ޙަދީޘް ފުޅެއްގައިވޭ، އެކަލޭގެފާނުޙަދީޘްފުޅު ކުރައްވަނީ مامن عبد صلى الخمس, واجتنبوا الكبائرالسبع إلا فتحت له أبواب الجنّة ފަރުޟު ފަސްނަމާދުޤާއިމުކޮށް، ހަތް ބޮޑުފާފައިން ސަލާމަތްވެއްޖެމީހާ.(ދުރުހެލިވެޖެމީހާ) އަށްޓަކައި الله سبحانه وتعالى އެއިލާހުގެ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައެވެ. ކީރިތި قرآن ގައި މިމައްސަލަޔަށް ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާ الله سبحانه وتعالى ވަޙީކުރައްވާފައިވޭ، إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا ﴿٣١﴾ ( سورة النساء) ތިޔަބައިމީހުން، ތިޔަބައިމީނަށް މަނާކުރެވި ނަހީކުރެވިގެންވާ ބޮޑެތިފާފަތަކުން ދުރުހެލިވެއްޖެނަމަ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ ތިޔަބައިމީހުނަށް ކުރެވޭ އެހެން ކުދިފާފަތައް ތިމަން ﷲ ފުއްސަވާދެއްވާނަމެވެ. وَنُدْخِلْكُم مُّدْخَلًا كَرِيمًا  އަދި މާތް ވެގެންވާ ގޯއްޗަކަށް ސުވަރުގޭގެ ނިޢުމަތައް ތިޔަބައިމީހުން ވައްދަވާހުށީމެވެ.- الله أكبر – އިލާހީ ރަޙްމަތް، الله سبحانه وتعالى އިޢްލާން ކުރައްވަނީ،ބޮޑެތިފާފަތައް ތިޔަބައިމީހުނަށް ނަހީކުރެއްވިގެންވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވާށެ. އެއިރުން އެހެން ފާފަތައް ތިމަން ﷲ ފުއްސަވައިދެއްވާހުށީމެވެ.އާދެ ! ބައެއްމީހުންމީ ތަންކޮޅެއް އާދައިގެ ގޮތަކަށް މިކަހަލަ آية ތަކާ ޙަދީޘްތައްނަގާ. އެއީދެން ހަމައެކަނި ބޮޑެތިފާފައިންހެ ސަލާމަތްވާންވީ؟ ކުދިފާފައިން ސަލާމަތް ވާނެކަމެއްނެތް ހެއްޔޭ؟ މިކަހަލަވާހަކަޔެއް ނުވަތަ އެހެން ފާފަތަކަށް އަޅާލުން ކުޑައެންހީވަނީ، އެއްގޮތަކަށްވެސް އެހެނެއްނޫން، ﷲ އާއި ރަސޫލާ، ފާފައިގެ ބޮޑުކަން ބަޔާން ކޮށްދެއްވިވަރަކަށް އަޅުގަނޑުމެންނަށް އޭގެ ބޮޑުކަން ޤަބޫލުކުރެވޭނީ. އަދި ﷲ އާއި ރަސޫލާ އޭގެ ޙަޤީޤަތް ބަޔާންކުރައްވާގޮތަކަށް އަޅުގަނޑުމެންނަށް ޤަބޫލުކޮށް އެޔާމެދުގައި އިޢުތިޤާފު ކުރަންޖެހޭނީ. އެހެންވީމާ ޝައްކެއްވެސްނެތް، މުއުމިނު އަޅާ އޭނަޔަށް މަނާކުރެވިގެންވާ ނަހީކުރެވިގެނވާ އިންޒާރު އައިސްފައިފާ ވަޢީދުތައް އައިސްފައިވާ ޢަޛާބުން ބިރުދެއްކިފައިވާ ދުނިޔޭގެ ހައްދު ކަނޑައެޅިފައިވާ ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެނަމަ، އޭނަޔަށް އެނގިގެންނާ ނޭނގިކުރެވޭ ފާފަތައް الله سبحانه وتعالى ފުއްސަވައި ދެއްވާނެ. އެހެނވީމާ رسول الله صلى الله عليه وسلم  ޙަދީޘްފުޅުކުރައްވަނީ، މުއުމިނު އަޅާ ފަރުޟު ނަމާދަށްޓަކައި ވުޟޫކުރުން، ނުވަތަ މުއުމިނު އަޅާ ވޫޟޫކޮށް ޠަހާރަތު ޙާޞިލް ކުރުމުން އޭނާގެ ކުދިފާފަތައް الله سبحانه وتعالى ފުއްސަވައެވެ. އަތްދޮވެލުމުން އަތުން ކުރެވިފައިވާ ކުދިފާފަތައް الله سبحانه وتعالى ފުއްސަވައެވެ. އަނގަދޮވުމުން އަނގައިން ކުރެވިފަފިވާ ކުދިފާފަތައް الله سبحانه وتعالى ފުއްސަވައެވެ. މޫނު ދޮވުމުން މުނާ ލޮލުން ކުރެވިފައިވާ ކުދިފާފަތައް الله سبحانه وتعالى ފުއްސަވައެވެ. މިގޮތަށްގޮސް ވުޟޫގެ ހުރިހާގުނަވަނެއް ދޮވެ ނިމޭއިރުގައި، އެގުނަވަންތަކުން ކުރެވިފައިވާ ހުރިހާކުދި ފާފަތަކެއް الله سبحانه وتعالى ފުއްސަވައެވެ. އެއީ އެއިލާހުގެ ރަޙްމަތުގެ ކޮޅުނެތްކޮޅު. ދެން ބާކީހުރީ ގުނާލެވޭ ބޮޑެތިފާފަތަކެއް އޭގެން ދުރުހެލިވުމައްޓަކައި އަޅުގަނޑުމެން މަސަތްކަތް ކުރަންޖެހޭނެ. الله سبحانه وتعالى އެހެން آية އެއްގައި ވަޙީކުރައްވަނީ: الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ -النجم: ٣٢-   الله سبحانه وتعالى އަށް އީމާވެގެންތިބި މުއުމިނުންގެ ސިފަބަޔާން ކުރައްވަނީ: އެބައިމީހުންނަކީ އެބައިމީހުންނަށް ނަހީކުރެވިގެންވާ ބޮޑެތިފާފަތަކާ ފާޙިޝް ކަންތައްތަކުން ދުރުހެލިވާމީހުންނޭ إِلَّا اللَّمَمَ ކުދި ފާފަތަކުން ފިޔަވާ. ބޮޑެތިފާފަތަކުން އެމީހުން ދުރުހެލިވެއެވެ.ކުދިފާ ފަތަކުން ދުރުހެލި ވުމަކީ، ހުރިހާފާފަތަކުން ދުރުހެލިވުނަކީ ވާނެކަމެއްނޫން އެހެންނަމަވެސް އެކަމަށް މަސަތްކަތް ކުރަންޖެހޭނެ.އެއިރުން الله سبحانه وتعالى އަޅުގަނޑުމެން ގެ ކުދިފާފަތައް ފުއްސަވައިދެއްވާނެ. އާދެ! ޙަދީޘްގެ ޝަރަޙަޔަށް ދިއުން ވަރަށް މުހިންމު.އަޅާ ގެއްލި ހަލާކުކުރަނިވި ފާފަ ތަކުގެތެރެއިން އެންމެބޮޑު އެންމެ ބިރުވެރި އެންމެ ނުރައްކައުތެރި ފާފަޔަކީ ހުރިހާ މުސްލިމުންނަށްވެސް އެގެންޖެހޭނެ ފަދައިން الشرك با الله،

الشرك با الله

الله سبحانه وتعالى އަށް ޝަރީކުކުރުން

الله سبحانه وتعالى އަށް ޝަރީކުކުރުމުގެ ފާފަ އެއީ އެންމެ ބޮޑުފާފަ، އެއީ އެންމެ ނުބައި ފާފަ، އެފާފައަށް ވުރެ ބޮޑުފާފައެއްނުވޭ، އެޔާ އަޅުވާކިޔޭވަރުގެ ފާފައެއްވެސް ނުވޭ، އެހެންވީމާ ﷲ ގެ ރަސޫލާއިންފެށިގެން ޞަޙާބީން ފެށިގެން އަޅުގަނޑުމެންނާ ހަމަޔަށް ހުރިހާ ޢިލްމުވެރިން މިޝިރުކުގެ ނުރައްކައުތެރިކަމާ ބޮޑުކަން ހުރިހާއެއްޗަކަށްވިރެ ބޮޑަށް ބަޔާން ކުރައްވާފައިވޭ. ابن بطان رحمه الله ވިދާޅުވަނީ، لا اسم أعظم من الشرك ޝިރުކަށްވުރެ ބޮޑު އެއްވެސް ފާފައެއްނުވެޔެ، ابن حجر رحمه الله ވިދާޅުވެފައިވޭ، الشرك أبغض الى الله من جميعا مع الصين ،ހުރިހާ ފާފަ އަކަށްވުރެ ﷲގެ ޙަޟްރަތުގައި ކޯފާ ބޮޑުވެގެންވާ ފާފައެކޭ އެކަލާނގެޔާ ޝަރީކުކުރުމުގެ ފާފަޔަކީ.

މީހަކު (عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ) ރަސޫލާ صلى الله عليه وسلم  އަރިހަށް އައިސް ދަންނަވަނީ، يا رسول الله ، أي الذ نب أعظم ، އެންމެ ބޮޑުފާފަޔަކީކޮބާތޯއޭ ﷲ ގެ ރަސޫލާއެ؟ އެކަލޭގެފަނު ޖަވާބުގައި ޙަދީޘް ފުޅުކުރައްވަނީ، الإشراك با الله ، އަނެއްބައިމީހުންނަށް ވިދާޅުވި، أن تجعل لله نداً وهوخلقك ، އެންމެ ބޮޑުފާފަޔަކީ ކަލޭ ﷲ އާ ޝަރީކުކުރުމެވެ.އެންމެ ބޮޑު ފާފަޔަކީ ކަލޭ الله سبحانه وتعالى އެއްފަދަ އެހެން ފަރާތެއް ހެދުމެވެ. އޭގެމާނަ އެއްނޫން، އުޒުރެއްގެގޮތުން، ނުވަތަ ބައެއްމީހުން ބުނޭ ތިމަންމެން ބުދަކަށް އަޅުކަމެއްނުކުރަމެވެ. ނުވަތަ އެވެނި ވިމެނި ކަމެއްކުރަނީ، ﷲ ފިޔަވައި އެހެންފަރާތްތަކަށް ނަދުރުބުނުންފަދަ ނުވަތަ އެހެންފަރާތްތަކަށް ދުޢާތައް ދެންނެވުން ފަދަކަންތައް ކުރަނީ، އެއީ ﷲ ކަމުގައި ހިތައިގެނެއްނޫނެ. އެއީ އެކަލާނގެ އަޅުންނެ. އެހެންވީމަ ކިހިނެތްތޯއޭ އެކަލާނގެއާ އެއްވަރުކުރާނީ، މުޅިން ބާޠިލު ދަޢުވާއެއް، އެޙަދީޘް ފުޅުގެ މާނަ ވަރަށް ޞަރީޙަކޮށް އެހެން ޙަދީޘް ތަކުން އެބަލިބޭ، އެހެން މީހަކު رسول الله صلى الله عليه وسلم ގެ އަރިހަށް އައިސް ހަމަ މިސުވާލު ކުރުމުން އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވި، أن تجعل لله نداً وهو خلقك ، ކަލޭ ﷲ އަށް ދަންނަވާ ފަދައިން އެހެން ފަރާތަކަށްވެސް ދެންނެވުމެ. އޭގެމާނައީ ﷲ އާ ޝަރީކު އެއްވެސް ގޮތަކުން ކޮއްފިނަމަ އެއީ الله سبحانه وتعالى ފަދަ އެހެން އިލާހު ތަކެއް ހެދުމެ، އެކަލާނގެ ފަދަ އެހެން ފަރާތަކަކަށް އޭނަޔަށް އަޅުކަން ކުރެވުނީ، އެހެންވީމާ މިޝިރުކުން ދުރުހެލިވެވޭތޯ ކޮންމެ ގޮތަކުންވެސް ބަލަންޖެހޭނެ، މީގެ ނުރައްކައިތެރިކަމާ ބޮޑުކަން ވަރަށް ޞަރީޙަ ކޮށް ކީރިތި قرآن އާއި ރަސޫލާގެ ސުންނަތް ބަޔާކުރޭ، الله سبحانه وتعالى ދުނިޔޭގެ މަތީގައިވާ އެންމެ ބޮޑު ظلم، އެންމެ ބޮޑު އަނިޔާއެއްކަމުގައި ކަނޑައަޅުއްވާފައި ވަނީ ޝިރްކު، އެހެނވީމަ ވަޙީ ކުރައްވާފައިވަނީ، إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾ لقمان) ، ހަމަކަށަވަރުން ޝިރުކަކީ ކަނޑައެޅިގެން އެންމެ ބޮޑުވެގެންވާ، ނުވަތަ ބޮޑު ވެގެންވާ ފާފައެކެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެ، އަދި އޭގެކުރިން ދުނިޔެމަތީގައި ތެދު މަގުގަޔާ އަމާންކަންމަތީގައި އުޅޭ މީހުންގެ ސިފަ ބަޔާކުރައްވަމުން الله سبحانه وتعالى ވަޙީ ކުރައްވާފައިވަނީ الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾ الأنعام: ٨٢  ދަންނާށެ! الله سبحانه وتعالى އަށް އީމާންވެ، އެއީމާންކަމާ އަނިޔާއާ އެއްނުކުރާ މީހުން، އެބައިމީހުންނަށް އަމާންކަން ލިބިގެންވެއެ، އަދި އެއީއޭ، ތެދުމަގުގައިތިބި ބަޔަކީ، މި آية ބާވާލެއްވުމުން رسول الله صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަށް ވަރަށް ބުރަ آية ކަމުގައިވި، އެބޭފުޅުން ދެންނެވި، يارسول الله، އޭ ﷲގެ ރަސޫލާއެ! أينا لا يلبس إيمانه بظلم ؟ އަހަރުމެންގެ ތެރެއިން ކާކުތޯއޭ އީމާވުމަށް ފަހުގައި އެއީމާނާ އަނިޔާޔާ އެއްނުކުރަނީ؟ އީމާން ވުމަށްފަހުގައި ކާކުހެއްޔެ ފާފަ ކުރުން ސަލާމަތް ވަނީ؟ ކޮންމެމީހަކުވެސްފާފަކުރޭ، އަހަރުމެން ގެ ތެރެއިން އެންނެނަށްވެސް ފާފަކުރެވެޔޭ، އެންމެނަށްވެސް އަނިޔާކުރެވެޔެ. ދެން ކިހިނެތްތޯއޭ މި آية ގެ މުރާދުން އަހަރުމެން ސަލާމާތްވާނީ؟ ﷲ ގެ ރަސޫލާ ޙަދީޘް ފުޅުކުރެއްވި، ليس الذي تعمون ، ތިޔަބޭކަލުން ތިޔަ ހީކުރައްވާ މަނަޔެއްނޫނޭ އޭގެ މާނަޔަކީ،ތިޔަބޭފުޅުން އަޑުނާއްސަވަންް ހެއްޔޭ ލުޤުމާން عليه السلام އެކަލޭގެ ފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވިއިރުގަ ވިދާޅުވި ބަސްފުޅު؟ وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾ – لقمان: ١٣-  ލުޤުމާން عليه السلام އަކީ الله سبحانه وتعالى ނަބީކަމާ ޙިކްމަތާ ދޭތިންކުރެ އެކަލޭގެފާނު ބޭނުން އެއްޗެއް ޚިޔާރުކުރެއްވުމަށް ފުރުޞަޠު ދެއްވިބޭފުޅެއް ނަބީކަމާ ރަސޫލުކަމުގެ މަތިވެރުކަމާ މާތްކަމަށް ފަހުގައިވެސް އޭގެ ބުރަކަމާ އޭގެ ޒިންމާގެ ބޮޑުކަމުން އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ޙިކަމަތް.އެހެންވީމާ الله سبحانه وتعالى ޙިކްމަތް ދެއްވާފައިވާ ތަޤުވާވެރި ޞާލިޙު އަޅެއް އެއީ.ބައްލަވާ ރަސޫލުބޭކަލުންގެ ދަޢްވަތު، އެއީ ތައުޙީދަށް ﷲ އަށް ޝަރީކު ނުކުރުމަށް އެކަލާންގެ ޞާލިޙު އަޅުން ޙިކްމަތް ލިބިގެންވާ ބުއްދިވެރި ޞާލިޙުންގެ ދަޢްވަތަކީވެސް ﷲ އަށް ޝަރީކު ނުކުރުން ދައުޙީދުގެ ދަޢްވަތު، އެހެނވޭމާ ލުޤުމާން عليه السلام އެކަލޭގެފާނުގެ ދަރިކަލުން، ލޯބިވާ ދަރިކަލުންނަށް ނަޞޭޙަތްތެރިވެ ވަޑައިގަންނަވަމުން ވިދާޅުވަނީ، يَا بُنَيَّ لَا تُشْرِكْ بِاللَّـهِ  ، އޭދަރިކަލުންނޭ! އޭދަރިފުޅާއެ! ﷲ އަށް ޝަރީކުނުކުރާށެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ، ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނޔާއެކެ.އެއީ މިآية ގައިއެވާ ظلم ގެ މާނަޔަކީ އަނިޔާގެ މާނަޔަކީ.

އާދެ! ޝައްކެއްނެތް ވަރަށް ގިނައިން ބަޔާން ކުރެވޭ ޝިރުކުގެ ނުރައްކައުތެރިކަމާ ބިރުވެރިކަން އެކަމަކު އެއީ ކިތެއްމެ ގިނައިން ބަޔާންކުރެވުނަސް، ފޫހިވާންޖެހޭ ނުވަތަ ފުދިގެން ވާވަރަށް ވުރެވެސް ނުރައްކައުތެރި ބިރުވެރި ކަމެއް. رسول الله صلى الله عليه وسلم ތައުޙީދުގެ ދަޢުވަތު ފައްޓަވައި ޝިރުކު މަނާކުރެއްވި ފަދައިން، އެކަލޭގެފާނު އަވަހާރަވެވަޑައި ގަތީވެސް އެދައުވަތުގެ މަތީގައި، ޝަރީކު ކޮށްފިމީހާގެ މައްޗަށް ހުރިނުރައްކައު ތެރިކަން ވަރަށްބޮޑު އެގޮތަކީ، އޭނަޔަކީ ވެދާނެ ދުނިޔެމަތީގައި ވަރަށް ގިނަ ރޯދަޔާ،ނަމާދާ ޒަކާތާ ޙައްޖާ ޞަދަޤާތާ މިހެންގޮސް ހައިރާވާފަދަ ގިނަގުނަ އަޅުކަންތަކެއް ކޮށްފަ ހުރި މީހަކަށް، ނަމަވެސް އޭނާ ﷲ އަށް އެކުރާ އަޅުކަންތައް ކުރުމާ އެކުގައި الله سبحانه وتعالى އަށް ޝަރީކުގެ ޢަމަލު ކުރޭ! ޝިރުކުގެ ޢަމަލުތަށް ކުރޭ! އެހެން ވެއްޖިއްޔާ އޭނާގެ ޢަމަލުތަކުގައި އެއްވެސް ބަރުދަނެއް ﷲ ޙަޟްރަތުގައިނުވޭ، އޭގެން ޒައްރެއްގެ މިންވަރުވެސް ފައިދާއެއް އޭނާއަކަށް ނުކުރާނެ، وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾ الفرقان: ٢٣ ، الله سبحانه وتعالى ވަޙީ ކުރައްވަނީ، އެމީހުން ކޮށްފައިވާ ޢަމަލުތައް ތިމަން ﷲ ބައްލަވައި، އޭގައި ޝިރުކު ހުރީތީވެ، އެ ޢަމަލުތައް ގެންނަވާ އެ ޢަމަލު ތަކަކީ ވަޔަށް ބުރައިގެންދާ އަޅިތަކެއްކަމުގައި ހައްދަވައި ހުށީމެ. އެއްވެސް ފައިދާއެއް ނުކުރާނެ، موسى عليه السلام އަށް އީމާންވެގެންތިބެގެން ޔަހޫދީން الله سبحانه وتعالى އަށް ޝަރީކުކުރޭ، عزيرعليه السلام ކީ އެކަލާނގެ ދަރިކަލެއްކަމުގައި ބުނި، އެހެންވެއްޖިއްޔާ އެބައިމީހުން ކިތެއްމެ ނަމާދެއް ޤާއިމުކުރިޔަސް ކިތެއްމެ ޞަދަޤާތެއް ދިނަސް ކިތެއްމެ ގިނައިން ރޯދަހިފިޔަސް، އެމީހުން ކުރާ އެއްވެސް އަޅުކަމެއް ﷲ ގެ ޙާޟްރަތުގައި، ޤަބޫލެއްނުވާނެ، ނަޞާރާއިންނަކީ އަދި އެމީހުނަށްވުރެ އަޅުކަމުގައި ކުރިއަރާތިބި ބައެއް. އެމީހުންގެ ތެރޭގައި ވަރަށް ގިނަމީނުންނަކީ، ނުވަތަ ބަޔަކު މީހުންނަކީ ﷲ އަށް އަޅުކަން ކުރުމަށްޓަކައި، ދުނިޔޭގެ ލައްޒަތާ މަޖަލާ އުފާ ދޫކޮށް ﷲ އަށް ތަޤުވާވެރި ވުމަށްޓަކައި ދުނިޔޭގެ އުފާވެރިކަން ދޫކޮށް ކައިވެނި ކުރުން ހުއްޓާލާ މީރު ކާބޯތަކެތި ކެއުން ހުއްޓާލާ، ތަރައްޤީއާ ކުރިއެރުން ދޫކޮށް ޖަންގައްޔަށް ގޮސް ވަޅުތަކުގެތެރޭގައި ހަމައެކަނި الله سبحانه وتعالى އެއްކައުވަންތަކޮށް އަޅުކަން ކުރުމަށްޓަކައި ގަސްތުކޮށްގެން ނިކުންބައެއް އެހެންނަމަވެސް އެބައިމީހުންގެ ޢަމަލުގައި ބިދުޢަ އެކުލެވިގެންވޭ، އެބައިމީހުންގެ ޢަމަލުގައި ﷲ އަށް ޝަރީކުކުރުން އެކުލެވިގެންވޭ، عيسى عليه ااسلام އަކީ الله سبحانه وتعالى ގެ ދަރިކަލެއްކަމަށް އޭގެތެރެއިން މީހުންދެކޭ، އެހެންވެއްޖިއްޔާ އެބައިމީހުންގެ އެއްވެސް އަޅުކަމެއް އެބައިމީހުންނަށް ޤިޔާމަތް ދުވަހުގަ ފައިދާ ނުދޭނެ. ދެންކިހިނެތްތޯވާނީ؟ މިއުންމަތުގެމީހުން ކީރިތިރަސޫލާ އަށް، ނުވަތަ އެހެންވެސް ކޮންމެވެސް ބޭފުޅާކަށް ނުވަތަ އެހެންވެސް ކޮންމެވެސް އެއްޗަކަށް ﷲ އާ ޝަރީކުކޮށްފިނަމަ؟ އަޅުގަނޑުމެންގެ ޝަހާދަތާ އަޅުގަނޑުމެންގެ ޢަމަލުގައި އެއްވެސް ބަރުދަނެއްނުހުންނާނެ އެހެންވީމާ الله سبحانه وتعالى ކުރީއްސުރެ އަންގަވައިފަ މިއޮއްތީ وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ ﴿٦٥﴾ الزمر: ٦٥  ރަސޫލާއަށް މުޚާތަބު ކުރައްވާ، ކަލޭގެފާނުވެސް ޝަރީކުކުރައްވައިފިއްޔާ ހުރިހާ ޢަމަލެއް ބާޠިލު ވިއްޔޭ، ﷲ ގެ ރަސޫލާގެ ކިހާހެޔޮ ޢަމަލެއްވާނެތޯ އެކަމަކު، ޝިރުކު ކުރުމާއެކުގައި އޭގެ އެއްވެސް މަންފާއެއް ފައިދާއެއް އެކަލޭގެފާނަށްވެސް ނުކުރާނެކަމަށް الله سبحانه وتعالى ކުރީބައިގައި އަންގަވައިފައި އޮތީ، ޝިރުކުގެ ބޮޑުކަން އޭގެ ނުރައްކައުތެރިކަން،

ނުނިމޭ………..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.