
އަފްޣާނިސްތާނުގެ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮވައި 7 ދަރިވަރުން މަރުވެ، 99 ކުއްޖަކަށް އަނިޔާވެއްޖެ
އަފްޣާނިސްތާނުގެ އިރުއުތުރު ކުނާރު ޕްރޮވިންސްގެ ސްކޫލެއްގެ ކައިރީގައި ހޮނިހިރު ދުވަހު ހިނގި ގޮވުމެއްގައި ހަތް ދަރިވަރުން މަރުވެ، 99 އަށްވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށް ތާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ހާމަކުރައްވައިފި އެވެ.
ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޢަބްދުލް މަތީން ޤާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިބްތިދާއީ ރިޕޯޓްތަކުން އެނގޭ ގޮތުގައި މި ގޮވުން ގޮވާފައިވަނީ ސްކޫލް ކައިރީގައި ހުރި މައިނިންގ މަސައްކަތްކުރާ ކުންފުނިތަކުގެ ގޮވާތަކެތި ރައްކާކުރާ ގުދަނެއްގަ އެވެ.
ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ކުނާރު ޕްރޮވިންސަކީ މައިނިންގގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ސަރަޙައްދެކެވެ.
މި ހާދިސާ ހިނގާފައިވަނީ އަސަދާބާދު ޑިސްޓްރިކްޓްގެ އަންދަރުސީރު ސަރަޙައްދުގައި ކަމަށާއި ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ކަމަށް ޤާނީ ވިދާޅުވި އެވެ. އަދި ތަޙުޤީޤު ނިމުމުން މިކަމާ ގުޅޭ އިތުރު ތަފްޞީލް ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަފްޣާނިސްތާނުގައި ހުންނަ އދ. ގެ އެސިސްޓެންސް މިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ކާބުލްގެ ތަޢުލީމީ މަރުކަޒެއްގައި ހިނގި ގޮވުމެއްގައިވެސް މަދުވެގެން 42 ކުދިންނަށް އަނިޔާވެފައިވެ އެވެ. ޒަޚަމްވި ކުދިންގެ ތެރެއިން 35 ކުދިންނަށް ފަރުވާދިން ކާބުލްގެ ހޮސްޕިޓަލަކުން ބުނެފައިވަނީ އެ ހުރިހާ ކުދިންނަކީވެސް އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ.



