
ޔޫރޯޕާ ލީގުގެ މެޗަކަށްފަހު ތުރުކީ އާއި އިސްރާއީލުގެ ސަޕޯޓަރުން ޖޯޖިއާގެ އެއާޕޯޓެއްގައި ކުރިމަތިލުންތަކެއް ހިނގައިފި
ޔޫރޯޕާ ލީގުގެ މެޗަކަށްފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ތުރުކީ އާއި އިސްރާއީލުގެ ސަޕޯޓަރުން ޖޯޖިއާގެ އެއާޕޯޓެއްގައި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ޔޫރޯޕާ ލީގުގައި ކުޅުނު މެޗުގެ ތެރެއިން ތުރުކީ ސަޕޯޓަރުން ފަލަސްތީނުގެ ދިދަ ހިފައިގެން ތިއްބާ ހަމަނުޖެހުން ހިންގިތާ ދެ ދުވަސް ފަހުން މޫސުން ގޯސްވުމުގެ ސަބަބުން ސަޕޯޓަރުން ވަނީ ބަޓޫމީގައި ތާށިވެފަ އެވެ.
އިސްރާއީލުގެ ހަޕޮއެލް ބީރުޝެބާ އާއި ތުރުކީގެ ބެސިކްޓާސް ފުޓްބޯޅަ ކްލަބުގެ ސަޕޯޓަރުން ހޮނިހިރު ދުވަހު ޖޯޖިއާގެ އެއާޕޯޓެއްގައި ކުރިމަތިލުންތަކެއް ހިންގާފައިވަނީ މީގެ ދެ ދުވަސް ކުރިން އެ ދެ ޓީމު ބައްދަލުކުރި މެޗުގައި ސަޕޯޓަރުންނާއި ޖޯޖިއާގެ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނު ފަހުންނެވެ.
ޖޯޖިއާގެ ނޫސް އޭޖެންސީއެއް ކަމަށްވާ އިންޓަޕްރެސްނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޓޫމީ އިންޓަނޭޝަނަލް އެއާޕޯޓުގައި މި ދެ ގްރޫޕުގެ މެދުގައި ކުރިމަތިލުންތައް ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތަކަށް ބުރޫއަރައި ސަޕޯޓަރުން އެއާޕޯޓުގައި މަޑުކުރަން ޖެހުމާ ގުޅިގެންނެވެ.
ޖޯޖިއާގެ ފުލުހުން ވަނީ ދެ ގްރޫޕު ދުރުކޮށް މަސްލަހަތު ގާއިމުކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއްނުވެ އެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ފުލުހުން ސްޓޭޑިއަމަށް ވަނުމުން ރެފްރީ ވަނީ ކުޅުން މެދުކަނޑާލާފަ އެވެ.
ގާތްގަނޑަކަށް 30 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފެށިއިރު ބެސިކްޓާސް އޮތީ 2-1 އިން ކުރީގަ އެވެ.
ސްޓޭޑިއަމްގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ބެސިކްޓާސްގެ ސަޕޯޓަރުން ފަލަސްތީނުގެ ދިދަތަކާއި ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް ބެނާތަކެއް ހަރުކުރުމާ ގުޅިގެން ކަމަށް ރިޕޯޓްތައްބުނެ އެވެ.
ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި ފުލުހުން ވަނީ ސަޕޯޓަރުންނާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފަ އެވެ. އަދި ބެސިކްޓާސް ކްލަބުން ވަނީ އެމީހުންގެ ސަޕޯޓަރުންނާ ދެކޮޅަށް ”ބޭކާރު ބާރުގެ ބޭނުންކޮށްފައިވާ“ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
ޖޯޖިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފުލުހުންގެ ފިޔަވަޅުތަކަކީ ފަލަސްތީނުގެ ދިދަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ހަމަނުޖެހުންތައް ފެށުނީ ބެނާތައް ހުޅުވާލުމުގެ ކުރިން ކަމަށާއި ބެސިކްޓާސްގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނުނު ހަރުކަށި އަމަލުތަކުގެ ސަބަބުން ކަމަށެވެ.
ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔޫއެފާއިން ބުނީ ސަޕޯޓަރުންނާއި ފުލުހުންގެ ކުރިމަތިލުން އިތުރަށް ގޯސްވުމުގެ ކުރިން މަސްލަހަތު ހިފެހެއްޓުމަށް ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޔޫއެފާއިން ވަނީ މި ހަމަނުޖެހުންތައް ކުށްވެރިކޮށް މި ހާދިސާތައް ތަހުގީގުކުރުމަށް އެތިކްސް އަދި ޑިސިޕްލިނަރީ އިންސްޕެކްޓަރުން އައްޔަންކޮށްފަ އެވެ.
މި މެޗު އިސްތަންބޫލުން ބަޓޫމީއަށް ބަދަލުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ތުރުކީގައި މެޗު ނުބޭއްވޭނެ ކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ޔޫއެފާއަށް ލަފާދިނުމާ ގުޅިގެންނެވެ.
ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަންކާރާއިން ވަނީ ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން ތުރުކީން ވަނީ ހުކުރު ދުވަހު ޖޯޖިއާގެ ސަފީރު ހާޒިރުކޮށް ތުރުކީ ސަޕޯޓަރުންނާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ގޮވާލާފަ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން މި ހާދިސާއާ ގުޅިގެން ވިދާޅުވީ ”އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން“ ކަމަށް ވިދާޅުވެ ތުރުކީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު އެއާޕޯޓުގައި ހިނގި ކުރިމަތިލުމުގައި ދެ ކްލަބުގެ ސަޕޯޓަރުންވެސް ބައިވެރިވެފައިވެ އެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަޕޮއެލް ބީރުޝެބާގެ ކުޅުންތެރިންނާއި ސްޓާފުން ތިބީ ސަޕޯޓަރުންނާ ވަކިން ވަރުގަދަ ސަލާމަތީ ރައްކާތެރިކަމުގެ ދަށުގަ އެވެ. އަދި އެމީހުން މި ހަމަނުޖެހުމުގައި ބައިވެރިވެފައެއްނުވެ އެވެ.



