
ހަތިޔާރާއެކު މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރު ބޭނުންކޮށްގެން ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:50 އެހާކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު، ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ.
ފުލުހުން އެ ސަރަޙައްދަށް ގޮސް، އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރި އިރު، ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ސަރަހައްދުން އިތުރު ދެ ބަޔޮނެޓް ވެސް ފުލުހުން ވަނީ ހޯދައިފައެވެ.
މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ ސަރަހައްދުން ފެނުނު މީހާ ވަގުތުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ވެސް ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



