
ބޭރުގެ އިންވެސްޓަރުން ފައިސާ އޮއްސާ މިންވަރު މަޑުޖެހުމަކަށް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ބުރާސްފަތި ދުވަހު އިންޑިއާގެ ރުޕީގެ އަގު ކުޑަކޮށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި ވިޔަފާރިތައް ހަމައަކަށް އެޅެމުންދާކަމުގެ ނިޝާންތަކާއެކު އިންޑިއާގެ ހިއްސާގެ ބާޒާރަށް ބޭރުގެ އިންވެސްޓަރުން ފައިސާ އޮއްސާ މިންވަރު މަޑުޖެހުމަކަށް އަތުވެދާނެ އެވެ.
ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ބުދަ ދުވަހު ޑޮލަރަކަށް 92.23 ރުޕީސްގައި ހުރި ރޭޓް ބުރާސްފަތި ދުވަހު ހުޅުވޭއިރު ހުންނާނީ 92.32 އާއި 92.36 އާ ދެމެދުގެ މިންވަރެއްގަ އެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ތެޔޮ ސަޕްލައިކުރުމަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތުމުން ބްރެންޓް ކްރޫޑްގެ އަގު %3.5 މައްޗަށް ގޮސް ބުރާސްފަތި ދުވަހު އޭޝިއާގެ ބާޒާރުގައި ފީފާއެއްގެ އަގު ވަނީ 94.90 ޑޮލަރަށް އުފުލިފަ އެވެ.
އެމެރިކާގެ ހިއްސާގެ ބާޒާރު އިއާދަވާން ފެށުމާއެކު ބުރާސްފަތި ދުވަހު އޭޝިއާގެ ހިއްސާގެ ބާޒާރުތައް ވެސް ވަނީ ކުރިއަށް ޖެހިފަ އެވެ.
ނަސްޑެކް އިންޑެކްސް އެއް ދުވަހުގެ ތެރޭގައި %4 ދަށަށް ދިއުމަށްފަހު ބާޒާރު ބަންދުވިއިރު އޮތީ %0.6 ދަށުގަ އެވެ.
މިއީ އޭއައި ދާއިރާގެ ހިއްސާ ދަށްވަމުން ދިޔަ ދިއުން މަޑުޖެހި ހަމައަކަށް އެޅެން ފަށާފައިވާ ކަމުގެ ނިޝާނެއް ނަމަވެސް އިންވެސްޓަރުންގެ އިތުބާރު އަދިވެސް ވަނީ ނާޒުކު ފައްތަރެއްގަ އެވެ.
އޭއައި އާ ގުޅުންހުރި ކުންފުނިތަކުގެ ހިއްސާގެ އަގަށް އައި ލޮޅުމަކީ ރުޕީއަށް ލިބުނު ބާރަކަށް ވެގެންދިޔަ އެވެ.
މީގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު އިންޑިއާގެ ބާޒާރާ ދުރުގައި ތިބި އިންވެސްޓަރުންގެ މިސްރާބު އަލުން އިންޑިއާއަށް ވަނީ އެނބުރިފަ އެވެ.
މި މަހުގެ މިހާތަނަށް ބޭރުގެ އިންވެސްޓަރުން ވަނީ ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރު އިންޑިއާގެ ހިއްސާގެ ބާޒާރަށް އިންވެސްޓްކޮށްފަ އެވެ.
މީގެ ސަބަބުން ރުޕީގެ އަގު އިއާދަވުމަށް އެހީތެރިވެ ކުރިމަގުގައި ރުޕީގެ އަގު ހިފެހެއްޓޭނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.
ބޭންކެއްގެ ކަރަންސީ ޓްރޭޑަރަކު ބުނި ގޮތުގައި މިވަގުތު ރުޕީގެ އަގަށް ނުފޫޒު ފޯރުވާނެ އެންމެ މުހިންމު ކަމަކީ އޭއައި ވިޔަފާރިތަކަށް އަންނަ ބަދަލުތަކެވެ.
އިންވެސްޓަރުން ނުރައްކަލަށް ބަލައި ފައިސާ އިންވެސްޓްކުރާ ގޮތަށް އައި ބަދަލުގެ ފައިދާ އިންޑިއާއަށް ކުރަމުންދާ ކަމަށާއި އޭޝިއާގެ އެހެން ގައުމުތަކުގެ ފައިސާގެ އަގު ދަށްވާއިރު ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރުޕީގެ އަގު ހިފެހެއްޓެމުންދާކަން އޭނާ ފާހަގަކުރި އެވެ.



