
ޖާސޫސީ މައްސަލައެއްގައި ނޭޓޯ އިންޓާންއެއްގެ ފައިގަ ޓެގް އަޅުވައިފި
ޖާސޫސީ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ނޭޓޯގެ ކެނެޑާ އިންޓާންއަކު ޝަރީޢަތް ނިމެންދެން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މޮނިޓަރކުރުމަށް ބެލްޖިއަމްގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ބެލްޖިއަމްގެ ފެޑެރަލް ޕްރޮސެކިއުޓަރުގެ އޮފީހުގެ ތަރުޖަމާނު ބުދަ ދުވަހު ހާމަކުރި ގޮތުގައި ކޯޓުގެ މި ނިންމުމާ ގުޅިގެން އެ އަންހެން މީހާ ބަންދުން ދޫކޮށްލާނީ ފައިގައި ޓެގް އެޅުވުމަށްފަހުގަ އެވެ. އަދި މި ނިންމުން އިސްތިއުނާފު ކުރުމާ މެދު ޕްރޮސެކިއުޓަރުގެ އޮފީހުން ވިސްނަމުންދާ ކަމަށާއި ނަމަވެސް އޭގެ ތަފްސީލެއް ދެވެން ނެތް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ހައްޔަރުކުރި މި އަންހެން މީހާއަކީ ބެލްޖިއަމްގެ މޮންސް ސިޓީގައި ހުންނަ ނޭޓޯގެ މިލިޓަރީ ހެޑްކުއާޓާސްގައި މަސައްކަތްކުރަމުން ދިޔަ ޗައިނާ ދަރިކޮޅުގެ ކެނެޑާ ރައްޔިތެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ތިންވަނަ ޤައުމެއްގެ ފައިދާއަށް ޖާސޫސީ މަސައްކަތް ކުރުމާއި ކުށްވެރިވާ ފަދަ ޖަމާޢަތަކާ ގުޅުން އޮތް ކަމުގެ މައްޗަށެވެ.
ކަމާބެހޭ އިދާރާތަކުން ތުހުމަތު ކުރެވޭ މީހާގެ ނަމާއި އޭނާ ޖާސޫސީ މަސައްކަތް ކޮށްދިން ކަމަށް ބެލެވޭ ޤައުމު ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލައިގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ރޮއިޓާސްއަށް ބުނެފައިވަނީ އެއީ އުމުރުން 30 އަހަރުގެ ކްލެއަރ ޒީ ކަމަށާއި އެއީ ޗައިނާއާ ގުޅުންހުރި ކަމެއް ކަމަށް ތަޙުޤީޤަށް ބެލެވޭ ކަމަށެވެ.
މިކަމާ ގުޅިގެން އެ އަންހެން މީހާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ފޮނުވި މެސެޖުތަކަށް އޭނާ އެއްވެސް ޖަވާބެއް ދީފައި ނުވާއިރު އޭނާގެ ވަކީލުވެސް މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި ބްރަސަލްސްގައި ހުންނަ ޗައިނާ އެމްބަސީންވެސް މިކަމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބެއް ދީފައެއްނުވެ އެވެ.
ނޭޓޯގެ ސުޕްރީމް ހެޑްކުއާޓާސް އެލައިޑް ޕަވަރސް ޔޫރަޕް އިން މި މައްސަލަ ބެލްޖިއަމްގެ އިންޓެލިޖެންސް ސާވިސްގެ ސަމާލުކަމަށް ގެނައީ އެ އަންހެން މީހާގެ ފަރާތުން ޝައްކު ކުރެވޭ ފަދަ އަމަލުތަކެއް ފެނުމާ ގުޅިގެންނެވެ. ސުޕްރީމް ހެޑްކުއާޓާސް އެލައިޑް ޕަވަރސް ޔޫރަޕްގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވަނީ މި މައްސަލައިގެ ސަބަބުން ނޭޓޯގެ އަސްކަރީ ތައްޔާރީތަކަށް ނުވަތަ ހިނގަމުންދާ އޮޕަރޭޝަންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.



