
ބ. އަތޮޅު ރަށްރަށުގެ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކަމުގެ ޕްރޮގްރާމެއްކުރިއަށް ގެންގޮސްފި
“ޗައިލްޑް ޕްރޮޓެކްޝަން، އެބިއުސް އެންޑް ވަޔަލެންސް ޕްރިވެންޝަން އެވެއާނަސް” ގެ ނަމުގައި ސުކޫލު ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބ. އަތޮޅު ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމްގައި، ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކާއި، އެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަށް ދެނެގަތުމާއި، އެފަދަ ކަންކަމުން ރައްކާތެރިވުމާއި މައްސަލަ ރިޕޯޓު ކުރާނެގޮތާ އަދި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ނުރައްކާ އޮތް ކުދިން އެކަމުން ދުރުހެލިކޮށް ރައްކާތެރިކުރެވިދާނެ ގޮތްތަކުގެ އިތުރުން، ގެވެށި އަނިޔާއާއި އެކަމުން ރައްކާތެރިވާނެ ގޮތްތަކާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެ އެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ އޭދަފުށި، ހިތާދޫ، ފެހެންދޫ، ދޮންފަނު، ކެންދޫ، ކަމަދޫ އަދި ތުޅާދޫ ސުކޫލު ގުރޭޑު 6 އިން މަތީގެ ދަރިވަރުންނާއި މުދައްރިސުންނާއި، ބެލެނިވެރިންނަށެވެ. އެގޮތުން، 367 ދަރިވަރުންނާއި، 149 ބެލެނިވެރިންނާއި، 79 މުދައްރިސުންނަށް މައުލޫމާތު ދީފައިވެ އެވެ.
ނޮވެމްބަރ 15 އިން 19 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގާއި، ބ. އަތޮޅު ޕޮލިސް ގުޅިގެންނެވެ. ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފެސިލިޓޭޓަރުން މައުލޫމާތު ދެއްވި މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.



