
ފިލައިގެން އުޅޭ ޙަސީނާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ. އެނބުރި އަތުވެއްޖެ ނަމަ މަރުގެ އަދަބު ތަންފީޒު ކުރެވޭނެ
ބޮޑުވަޒީރު ރަޙްމާންގެ މުޝީރަކު ވިދާޅުވީ ޙަސީނާ އެނބުރި އަތުވެއްޖެ ނަމަ އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒުކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ.
”ފިލައިގެން އުޅޭ ޙަސީނާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ. އަދި އެކަމަނާ ހަވާލުކުރުމުގެ ކަންކަމާ ގުޅޭގޮތުން އިންޑިއާއާއެކު ވާހަކަދައްކާނަން،“ އިންފޮމޭޝަން އެޑްވައިޒަރ ޒާހިދު އުރް ރަޙްމާން ވިދާޅުވި އެވެ.
އަވާމީ ލީގުގެ އިސްވެރިން ނުގަވާއިދުން ޤައުމަށް އެތެރެވިޔަނުދިނުމަށްޓަކައި ބޯޑަރު ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓަރ އަމީނުލް އިސްލާމް ވިދާޅުވީ ކުށްވެރިވެފައިވާ ފަރާތަކުން އެނބުރި އައުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެއް ކަމަށެވެ.
ހަސީނާގެ ވެރިކަން ވެއްޓުމަށް މެދުވެރިވި ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
ޙަސީނާ އެނބުރި އައުމަށް ގޮވާލައި އަވާމީ ލީގުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާތަކުގައި ވެސް ބައެއް މީހުން ވަނީ މަރުވެފަ އެވެ.
”މީހުން ދެން ހިމޭނަކުން ނުތިބޭނެ،“ ގޯޕާލްގަންޖްގެ އަވާމީ ލީގުގެ ޒުވާން ލީޑަރެއް ކަމަށްވާ ރިޒްވާން ހައުލާދަރު ބުންޏެވެ. އޭނާ ބުނިގޮތުގައި ހައްޔަރުކޮށް ބިރުދެއްކި ނަމަވެސް ޙަސީނާގެ ސަޕޯޓަރުން ތިބީ އޭނާއަށް މަރުޙަބާ ކިޔުމަށް ތައްޔާރަށެވެ.



