
ކުރުދީންގެ މައްޗަށް ބަޣުދާދުން އެޅި ފިޔަވަޅުން ފައިދާވާނީ އެމެރިކާއަށްތޯ ނުވަތަ އީރާނަށްތޯ؟
އިރާގުގެ ފެޑަރަލް ސަރުކާރުން ވަނީ ކުރުދިސްތާން ރީޖަނަލް ގަވަމެންޓް (ކޭ.އާރް.ޖީ) ގެ ބާރުގެ ދަށުގައިވާ ބޯޑަރުތަކާއި ހަކަތައާ ބެހޭ ވަސީލަތްތައް އެ ޤައުމުގެ މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދާނެކަން ހާމަކޮށްފަ އެވެ.
އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވިދާޅުވި ގޮތުގައި ކުރުދިސްތާނުގެ ހުރިހާ ބޯޑަރުތަކާއި އެ ސަރަހައްދުން ބަލަހައްޓަމުންދާ ބައެއް ތެޔޮ ވަޅުތައް ބަޣުދާދުގެ ބާރުގެ ދަށަށް ގެންދާނެ އެވެ.
މިއީ އެ ސަރަހައްދުގެ މިނިވަންކަން ހަނިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެ ކުރުދީ ލީޑަރުން ވަނީ މި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ބަޣުދާދުން މި ނިންމުން ނިންމާފައިވަނީ ކުރުދިސްތާން ސަރުކާރުގެ ތެރޭގައި ދާޚިލީ ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ހަމައެއާއެކު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާއަކަށް މުޅި މެދުއިރުމަތި ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.
އެމެރިކާގެ ފިއްތުންތަކާ ހެދި އީރާނަށް ތާއީދުކުރާ އިރާގުގެ ބާރުގަދަ ޝީޢީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ކަތާއިބް ހިޒްބުﷲ އާ ދެކޮޅަށް ޒައިދީ ދާދިފަހުން ވަނީ ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާފަ އެވެ.
ބަޣުދާދުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި މި ޖަމާޢަތުން ވަނީ ވަގަށް ތެޔޮ ބޭރުކޮށްގެން އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ހޯދާފަ އެވެ.
ޒައިދީގެ ތަރުޖަމާނު ސަބާހް އަލް-ނޫމާން އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ހޯދިފައިވާ ހޯދުންތަކަށް ބިނާކޮށް ”ކުރުދިސްތާން ސަރަހައްދުގެ ހުރިހާ ބޯޑަރުތަކެއް“ ބަޣުދާދުގެ ބާރުގެ ދަށަށް ގެންދާނެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރުދިސްތާން ސަރަހައްދުން ބޭރުގައިވާ ދިޔާލާ، ކިރްކޫކް، ސަލާހުއްދީން އަދި ނިނެވެހް ޕްރޮވިންސްތަކުގައި ހުރި، ކުރުދީ ސަލާމަތީ ބާރުތަކުގެ ދަށުގައިވާ ހުރިހާ ތެޔޮ ވަޅުތަކެއް ބެލެހެއްޓުމަށް ބޮޑުވަޒީރު ޒައިދީ ތެޔޮ މިނިސްޓްރީއަށް އަމުރުކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ފެޑަރަލް ތެޔޮ މިނިސްޓްރީ މެދުވެރިކޮށް ނޫނީ ތެޔޮ އެކްސްޕޯޓް ނުކުރުމަށް ވެސް ކުރުދިސްތާން ސަރުކާރަށް ވަނީ އަންގާފަ އެވެ.
އިރާގުގެ 2005 ވަނަ އަހަރުގެ ގާނޫނުއަސާސީގެ ދަށުން ކުރުދިސްތާނަށް ވަކި މިންވަރެއްގެ އަމިއްލަ އިޚްތިޔާރެއް ލިބިދީފައި އޮތް ނަމަވެސް ބޯޑަރުތަކާއި ހަކަތައިގެ ވަސީލަތްތައް ބެލެހެއްޓުމަކީ ދެފަރާތުގެ މެދުގައި އަބަދުވެސް ޚިޔާލުތަފާތުވުން އުފެދޭ ބޮޑު މައްސަލައެކެވެ.



