
އިންޑިއާގެ ރުޕީސްގެ އަގު ހިފެހެއްޓިއްޖެ
ބޭރުގެ އިންވެސްޓްމަންޓްތަކާއެކު އިންޑިއާގެ ރުޕީސްއާއި ބޮންޑުގެ އަގު ހިފެހެއްޓިއްޖެއެވެ.
މި ހަފްތާގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވުމުގެ ސަބަބުން އިންޑިއާގެ ރުޕީސްއާއި ސަރުކާރުގެ ބޮންޑުތަކުގެ އަގު ހިފެހެއްޓޭނެ ކަމަށް ބެލެވެބއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި އެމެރިކާގެ ޓްރެޜަރީ ޔީލްޑް މި ހަފްތާގައި ބާޒާރަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާނެ ކަންތައްތަކެވެ.
ނިމިދިޔަ ހުކުރު ދުވަހު ބާޒާރު ބަންދުވިއިރު ރުޕީސްގެ އަގު ހުރީ ޑޮލަރަކަށް 92.67 ގައެވެ.
މުޅި ހަފްތާއަށް ބަލާއިރު ރުޕީސްގެ އަގު ވަނީ 1.7 އިންސައްތަ މައްޗަށް ގޮސްފަ އެވެ.
10 އަހަރުގެ ބެންޗްމާކް ބޮންޑް ޔީލްޑް މިދިޔަ ހަފްތާގައި 12 ބޭސިސް ޕޮއިންޓް ދަށަށް ގޮސް 7.1868 އިންސައްތައަށް ތިރިވެފައިވެ އެވެ. ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި މި ހަފްތާގައި މި އަދަދު ހުންނާނީ 7.10 އާއި 7.25 އިންސައްތައާ ދެމެދުގަ އެވެ.
ބޮންޑުގެ އަގާއި ޔީލްޑަކީ އެކަތި އަނެކައްޗާ އިދިކޮޅަށް ބަދަލުވާ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވެ އެވެ. ދުނިޔޭގެ އޭއައި ހިއްސާގެ ބާޒާރަށް އައި ހީނަރުކަމުގެ ސަބަބުން އިންޑިއާގެ ހިއްސާގެ ބާޒާރަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
އެގޮތުން ރެކޯޑް އަދަދަކަށް ނުވަތަ 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިންޑިއާގެ ހިއްސާގެ ބާޒާރަށް ވަދެފައިވާއިރު މީގެ ސަބަބުން ރުޕީސް ވަރުގަދަވެ ފިކްސްޑް-އިންކަމް އެސެޓްތަކަށް އޮތް ޑިމާންޑް ވަނީ އިތުރުވެފަ އެވެ.
މި ބަދަލާއެކު ރުޕީސްއާ މެދު އޮތް ނުތަނަވަސްކަން ކުޑަވެ ނޮވެމްބަރު މަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ބޭރުގެ އިންވެސްޓަރުން ވަނީ ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުގެ އިންޑިއާގެ ބޮންޑު ގަނެފަ އެވެ.
މިއީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އިންވެސްޓަރުން ބޮޑު އަދަދަކުން ބޮންޑު ގަންނަން ފެށި ފުރަތަމަ ފަހަރެވެ.
ތެލުގެ އަގު ދަށަށް ދިއުމާއި އެމެރިކާގެ ޓްރެޜަރީ ޔީލްޑް ދަށްވުމަކީ އިންޑިއާގެ އިގްތިސާދަށް ލިބުނު އިތުރު ހިތްވަރެކެވެ.
މީގެ ސަބަބުން އެމެރިކާގެ ފެޑެރަލް ރިޒާވުން އިންޓްރެސްޓް ރޭޓާމެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ މެދު އޮތް ކަންބޮޑުވުންތައް ވަނީ ކުޑަވެފަ އެވެ.
ޔޫ.ބީ.އެސް އެސެޓް މެނޭޖްމަންޓްގެ ފިކްސްޑް އިންކަމް ހެޑް ޝަމާއިލާ ޚާން ވިދާޅުވި ގޮތުގައި އޭއައި ދާއިރާއަށް އިންވެސްޓްކުރުމުގެ ބަދަލުގައި އެހެން ދާއިރާތަކަށް އިންވެސްޓަރުންގެ ސަމާލުކަން އެނބުރުމާއި ތެލުގެ އަގު ހެޔޮވުމުގެ ފައިދާ އިންޑިއާގެ މާލީ ބާޒާރަށް ވަނީ ކުރަން ފަށާފަ އެވެ.
މިއީ ކުރިއަށް އޮތް ތަނުގައިވެސް ބާޒާރަށް ނުފޫޒު ފޯރުވާނެ މުހިންމު ސަބަބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޕްރައިވެޓް ބޭންކެއްގެ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ބޭރުގެ ފައިސާ ވަންނަމުންދާ މިންވަރު ހިފެހެއްޓިފައި ހުރުމަކީ ރުޕީސް ވަރުގަދަވުމަށް ލިބޭ ބާރެކެވެ.
މީގެ އިތުރުން ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށްޓަކައި މަރުކަޒީ ބޭންކުން ބާޒާރަށް ވަންނާނެ މިންވަރަކަށް އިންވެސްޓަރުން ބަލަމުންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އިންވެސްކޯގެ އޭޝިއާ ޕެސިފިކް ފިކްސްޑް އިންކަމް ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ އިސްވެރިޔާ ނޯބާޓް ލިންގް ވިދާޅުވީ އިންޑިއާގެ ބޮންޑުތަކަށް އޮތް ޝައުގުވެރިކަން އިތުރުވީ އެއިން ލިބޭ މަންފާ ރަނގަޅުވުމާއި ޤައުމުގެ އިގްތިސާދީ ބިންގާ ވަރުގަދަވުމުގެ ސަބަބުންނެވެ. އަދި ބްލޫމްބާގް ގްލޯބަލް އެގްރިގޭޓް އިންޑެކްސްގައި އިންޑިއާ ހިމެނުމުގެ ފުރުސަތު އޮތުމަކީވެސް މީގެ މުހިންމު ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.



