
އިރާޤުގެ ސަލާމަތީ ބާރުތަކުން ޙިޒްބުﷲގެ މަރުކަޒުތަކަށް ވަދެއްޖެ
’ކޮމްޕްރޮމައިޒް‘ އެއްބަސްވުމަކަށްފަހު، އިރާގުގެ ސަލާމަތީ ބާރުތަކުން ހިޒްބުﷲގެ މަރުކަޒުތަކަށް ވަދެއްޖެ އެވެ.
ބަޣުދާދާއެކު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އީރާނުގެ މަދަދުލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކާއި ސަރުކާރާ ދެމެދު ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ބިރު އަދިވެސް އޮތްކަމަށް ގިނަ ބަޔަކުދެކެ އެވެ.
އިރާޤުގެ ސަލާމަތީ ބާރުތަކުން ކަތާއިބު ހިޒްބުﷲގެ ބާރުގަދަ މަރުކަޒުތަކަށް ހުކުރު ދުވަހު ވަދެފައިވަނީ ދެފަރާތުގެ ދެމެދުގައި ހިނގައިފާނެ ބޮޑު ކުރިމަތިލުމަކުން ސަލާމަތްވުމަށް އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ.
ލޯކަލް ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޣުދާދުގެ ދެކުނުން އޮންނަ ޖުރްފުލް ސަޚަރުގައި ކަތާއިބު ހިޒްބުﷲ އިން ބަލަހައްޓަމުންދިޔަ ޗެކްޕޮއިންޓްތަކުން ފުލުހުންގެ ބާރުތައް ވަނީ ހުރަސްކޮށްފަ އެވެ.
ދައުލަތުގެ މީޑިއާތަކުން ބުނެފައިވަނީ އިރާގުގެ ގުޅިފައިވާ ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި އަލުން ގާއިމުވުމަށްޓަކައި ވަންނަން ފަށާފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ ކޮންޓްރޯލް ސަރުކާރާ ހަވާލުކުރުމަށް ކަތާއިބު ހިޒްބުﷲ އަށް ހުކުރު ދުވަހާ ހަމައަށް މުހުލަތެއް ދީފައިވެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެ ސަރަހައްދަށް ވަނުމަށްޓަކައި ބޮޑުވަޒީރު އަލީ އަލް-ޒައިދީ ވަނީ ސަލާމަތީ ބާރުތައް އެ ސަރަހައްދުގެ ބޭރުގައި ތައްޔާރީ ހާލަތަކަށް ގެންނަވާފައެވެ.
ކަތާއިބު ހިޒްބުﷲ އިން ޖުރްފުލް ސަޚަރު މެދުވެރިކޮށް ދައުލަތުގެ މިލިއަނުން އަގުކުރެވޭ ތެޔޮ ވަގަށް ބޭރުކުރާ ކަމުގެ ތުހުމަތު އޮފިޝަލުން ކުރައްވައެވެ. ނަމަވެސް، ރޮއިޓާސް އަށް މައުލޫމާތު ދިން ސަލާމަތީ އިސް ތިން އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު ސަރުކާރުގެ ބާރުތަކަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
މި އެއްބަސްވުމަކީ ޝިއައީ ސިޔާސީ އިސް ލީޑަރުން މެދުވެރިވެގެން އެކުލަވާލި އެއްބަސްވުމެކެވެ. މީގެ އިތުރުން، މަސްރަހު ފިނިކުރުމަށް އެހީތެރިވުމަށްޓަކައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ ވެސް ހޯމަ ދުވަހުގެ ރޭ ބަޣުދާދަށް ވަޑައިގަތެވެ.
އިރާގުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސާދު މާން ވިދާޅުވީ، ހަތިޔާރުއެޅި ޖަމާއަތުގެ ބާރުތައް އެހެން ސަރަހައްދުތަކަށް ބަދަލުވާނެ ކަމަށާއި، ޖުރްފުލް ސަޚަރުގައި ފެޑަރަލް ފުލުހުންގެ ބެލުމުގެ ދަށުން އައު މަރުކަޒެއް ހިންގަން ފަށާނެ ކަމަށެވެ.
އޭނާ ދައުލަތުގެ ޓީވީގައި ވިދާޅުވީ، ހަޝްދުއްޝައުބީގެ ދަށުން ހަރަކާތްތެރިވާ ކަތާއިބު ހިޒްބުﷲ ބްރިގޭޑްތަކުގެ ފަރާތުން މިހާތަނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ، 2003 ވަނަ އަހަރު ސައްދާމް ހުސައިންގެ ވެރިކަން ވެއްޓުނު ފަހުން ގައުމުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަމުންދާ ހަތިޔާރުއެޅި ޖަމާއަތްތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޮޑުވަޒީރަށް އަމާޒުވަމުންދާ ޕްރެޝަރުތަކާ ގުޅިގެންނެވެ.
ބޮޑުވަޒީރު ޒައިދީ ވިދާޅުވީ އޭނާ ކަތާއިބު ހިޒްބުﷲ އާ ދެކޮޅަށް ”ހަނގުރާމައެއް ކުރައްވަނީ ނޫން“ ކަމަށެވެ. ”އެތަނުގައި ތިބި އެންމެންނަކީ ތިޔަބޭފުޅުންގެ އަޚުން… މި ގައުމުގެ ދަރިން، އެމީހުންގެ ލެޔަކީ އަހަރެމެންގެ ލޭ،“ އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ކަތާއިބު ހިޒްބުﷲގެ މަސްދަރަކުން އޭއެފްޕީ އަށް ބުނެފައިވަނީ، ސަރުކާރު ކުރިމަތިލާފައިވާ ދަތި ހާލަތުން ސަލާމަތްވުމަށް އެމީހުން ފުރުސަތު ދިން ނަމަވެސް، ޖުރްފުލް ސަޚަރުން އެމީހުން ފައިބައިގެން ނުދާނެ ކަމަށެވެ.


