
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ޝަރަފުއްދީން ސްކޫލުގައި ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 8،7 އަދި 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ނޮވެންބަރު 15ވަނަ ދުވަހު އެ ސްކޫލުގައި 3 ސެޝަނަކަށް ބަހައިގެން ބޭއްވި މި ހަރަކާތުގައި 339 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް އާންމުކޮށް ކްލާސްރޫމް މާހައުލުގައި ހޭދަކުރާ ވަގުތުތަކަށް ބަދަލެއް ގެނެސްދިނުމާއި، ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އެކުވެރި، އުފާވެރި މާހައުލެއްގައި އެންމެން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މި ހަރަކާތުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް މަގުފަހިކޮށްދޭ 12 ޓީމް ބިލްޑިންގ ޓާސްކެއް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ ފުރިހަމަ އެހީތެރިކަމާ އެކު ކުރިއަށްދިޔަ މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.



