112 އަހަރުވީ ”ފަލާފެލް“

އޭނާ ވަނީ 40 ހަނގުރާމައެއް ތަޖުރިބާކޮށްފައެވެ. ނަމަވެސް އާއިލާގެ 112 އަހަރުވީ ފިހާރައިގައި ”ފަލާފެލް“ ތައްޔާރުކުރުން އޭނާ ހުއްޓައެއް ނުލަ އެވެ.

އުމުރުން އެންމެ 6 އަހަރުން ފެށިގެން ބައްޕައާއެކު އެ ފިހާރައިގައި މަސައްކަތް ކުރަން ފެށި މުޙައްމަދު ތައްބާރާ އަދިވެސް ހުންނަވަނީ ކައުންޓަރުގަ އެވެ. އޭނާ ދަނީ ކަސްޓަމަރުންގެ އޯޑަރުތައް ނަގައި ސޭންޑްވިޗްތައް ތައްޔާރުކޮށްދެމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއް ގަރުނަށްވުރެ ގިނަ ދުވަސްވަންދެން ތައްބާރާ އާއިލާއިން ދަނީ ބެއިރޫތުގެ ރައްޔިތުންނަށް ފަލާފެލްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ލުބުނާން އުފެދުމުގެ ކުރިން ފެށިގެން ހިންގަމުން އަންނަ މި ވިޔަފާރި ވަނީ ދުނިޔޭގެ ބޮޑު ދެ ހަނގުރާމައާއި އެ ޤައުމުގައި ހިނގި ދާޚިލީ އެތައް ކުރިމަތިލުންތަކެއްގެ ތެރޭގައިވެސް ދެމިއޮވެފަ އެވެ.

މިހާރު މި ކުޑަ ފިހާރައާ ހަވާލުވުމަށް ތައްޔާރުވަމުންދަނީ އާއިލާގެ ހަތަރުވަނަ ޖީލެވެ.

މި ފިހާރައިން 3 ޑޮލަރަށް ލިބޭ ސޭންޑްވިޗަކީ މުގުރާފައިވާ ފަވާ ބީންސް ބޭނުންކޮށްގެން ތައްޔާރުކޮށް ތެލުލާފައިވާ ކުދި ފަލާފެލްތަކެކެވެ.

މިއީ ލުބުނާނުގެ ފާރޮށީގައި އޮޅާލައި އޭގެ ތެރެއަށް ކިއުކަމްބާ އަސާރަ، ޓޮމާޓޯ، ފާސްލީ، ބޯ ތަހީނީ ސޯސް އަދި ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް އަމިއްލައަށް ތައްޔާރުކުރާ ރަތް މިރުސް ޕޭސްޓް އަޅައިގެން ތައްޔާރުކުރާ އެއްޗެކެވެ.

ބެއިރޫތުގެ ކާރޫބާރޫ ބޮޑު ހަމްރާ ސަރަހައްދުގައި ހުންނަ މި ފިހާރައިގައި ހުރެ އުމުރުން 82 އަހަރުގެ މުޙައްމަދު ތައްބާރާ ބުނީ

”ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މަގޭ ކަސްޓަމަރުން އެބަތިބި“ ކަމަށެވެ. އޭނާ މިހެން ބުނީ ޔޫރަޕްގެ ކަސްޓަމަރަކު ސޭންޑްވިޗެއްގެ އިންތިޒާރުގައި ހުއްޓަ އެވެ. ”އެ އެންމެންވެސް ފަލާފެލް ކާން އަންނަނީ އޭގެ އަސްލު ރަހަ އެނގޭތީ،“ އޭނާ އިތުރަށް ބުންޏެވެ.

މިހާރު އޭނާ މި މަސައްކަތް ދަސްކޮށްދެނީ އުމުރުން 40 އަހަރުގެ ދަރިފުޅު ޒިޔާދު ތައްބާރާއަށެވެ. ކުރިން އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިޔާދު ފާއިތުވި ހަ އަހަރު ހޭދަކުރީ ބައްޕައާއެކު ފުލްޓައިމްކޮށް މަސައްކަތުގަ އެވެ.

ކުޑައިރު ސްކޫލް ބަންދު ދުވަސްވަރުވެސް ބައްޕައަށް އެހީތެރިވި ޒިޔާދު ބުނީ ”މިއީ ތާރީޚާ ގުޅިފައިވާ ޖީލުން ޖީލަށް ވާރުތަވަމުން އައިސްފައިވާ ރަހައެއް“ ކަމަށެވެ.

ޒިޔާދުގެ މުނިކާފަ ކާމިލް ތައްބާރާ 1914 ވަނަ އަހަރު ބެއިރޫތުގެ ބާބު އިދްރީސްގައި މި ފިހާރަ ހުޅުވިއިރު އެ ސިޓީއަކީ އޮޓޯމަން އެމްޕަޔަރގެ ބައެކެވެ.

އެއީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ގްރޭޓަރ ލުބުނާން އުފެދުމުގެ ހަ އަހަރު ކުރި އެވެ.

ކާމިލް މި ވިޔަފާރި އޭނާގެ ދަރިފުޅު އަޙްމަދާ ހަވާލުކުރި އެވެ. އަދި 1950 އިން ފެށިގެން މި ވިޔަފާރި މައިގަނޑު ގޮތެއްގައި ހިންގަނީ ކާމިލްގެ ކާފަދަރިފުޅު މުޙައްމަދެވެ. މިހާރު ހުރި ގޯޅިތެރޭގައިވާ ފިހާރައަށް ބަދަލުވީ 1979 ވަނަ އަހަރެވެ.

”މަދުވެގެން 40 ހަނގުރާމައެއް އަހަރެން ތަހައްމަލުކޮށްފިން،“ ދެ ދާޚިލީ ހަނގުރާމައާއި، 1982 ގައި އިސްރާއީލުން ލުބުނާނަށް އެރުމާއި، އިސްރާއީލާއި ހިޒްބުالله އާ ދެމެދު ހިނގި ހަނގުރާމަތަކާއި އެހެނިހެން ހަމަނުޖެހުންތަކަށް އިޝާރާތްކުރަމުން މުޙައްމަދު ބުންޏެވެ.

އުމުރުން އެންމެ 6 އަހަރުގައި މަސައްކަތް ފެށި މުޙައްމަދަށް ގިނަ ކަސްޓަމަރުންގެ ނަންތައް އެނގެ އެވެ.

ބައެއް މީހުންނަކީ އެތައް އަހަރެއްވަންދެން އެތަނުން ކައި އުޅޭ މީހުންނެވެ. ބެއިރޫތަކީ މުޅި މެދުއިރުމަތީގައިވެސް މީރު ކާނާއަށް މަޝްހޫރު ސިޓީއެކެވެ.

2019 އިން ފެށިގެން ލުބުނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި ފަލާފެލް ސޭންޑްވިޗަކީ ގިނަ ބަޔަކަށް އަތްފޯރާ ފަށުގައި ލިބޭ ބަނޑުފުރާނަ މުއްތިކުރެވޭ ކާނާއެކެވެ.

މުޙައްމަދުގެ ފިހާރައިގައި އޭނާގެ ދެ ފޮޓޯއެއް ހުރެއެވެ. އެއީ 1966 ގައި ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯއަކާއި މީގެ ދެ އަހަރު ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

އޭނާ އެންމެ އިސްކަމެއް ދެނީ ސާފުތާހިރުކަމަށެވެ. ކޮންމެ ދުވަހަކު ތެޔޮ ބަދަލުކޮށް ތަރުކާރީތައް ލޮނާއި ބިނެގަރއިން ދޮވެ އެވެ.

1992 އިން ފެށިގެން އެތަނުން ކާ ކަސްޓަމަރެއް ކަމަށްވާ ޖީން މައްޓާ ބުނީ އެތަނުގެ ކާނާއަކީ ”މީރު މުރަނަ އަދި ސާފުތާހިރު“ އެއްޗެއް ކަމަށެވެ.

ޒިޔާދު މިހާރު ވަނީ ބައްޕަގެ ޚާއްޞަ ރެސިޕީ ދަސްކޮށްފަ އެވެ. އެއީ ރޭގަނޑު ފެނަށް އަޅާފައި ބަހައްޓާ ފަވާ ބީންސް މުގުރައި ލޮނާއި ތަފާތު ހަވާދުތައް އެއްކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ.

މުޙައްމަދު ބުނާގޮތުގައި އާންމުކޮށް ފަލާފެލް ހަދަން ބޭނުންކުރާ ބަރަބޮލަށްވުރެ ފަވާ ބީންސް ބޭނުންކުރުމުން ހަޖަމުކުރަން ފަސޭހަވެ އެވެ. އަދި މެދުގައި ލޯވަޅެއް ހަދައި ތެލާއި އެކު ފަލާފެލް ތައްޔާރުކުރަން ފެށި ފުރަތަމަ މީހަކީ އޭނާ ކަމަށްވެސް އޭނާ ބުންޏެވެ.

”މިތަނުން ލިބޭ ސޭންޑްވިޗަކީ ސިއްހަތަށް ފައިދާހުރި ލުއި އެއްޗެއް،“ ދަރިފުޅު ފަލާފެލްތައް ތެލުލަމުންދަނިކޮށް ސޭންޑްވިޗެއް ބަންދުކުރަމުން މުޙައްމަދު ބުންޏެވެ.

ޒިޔާދު ބުނީ، ”މާތްالله އިރާދަކުރެއްވިއްޔާ އަހަރެން މި ރަހަ މިގޮތުގައި ދަމަހައްޓާނަން“ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.