
މޯދީ މަނީލާއަށް ދަތުރުކުރުމުގެ ކުރިން، މިޔަންމާއާ ގުޅުން ދެމެހެއްޓުމަށް ބާރުއަޅަނީ
ފިލިޕީންސްގެ ރައީސް ފަރޑިނަންޑް އާރް. މާކޯސް ޖޫނިއަރގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނޮވެމްބަރު 16 އިން 17 އަށް މަނީލާއަށް ޒިޔާރަތްކުރާނެ އެވެ.
މި ދަތުރުގައި މޯދީ 23 ވަނަ އާސިއާން-އިންޑިއާ ސަމިޓާއި 21 ވަނަ އީސްޓް އޭޝިއާ ސަމިޓުގައި ބައިވެރިވާނެ އެވެ.
މިޔަންމާގެ ދާޚިލީ ހަނގުރާމައަށް ހަ އަހަރު ފުރެމުންދާއިރު މިއީ އިންޑިއާ އާއި އާސިއާންގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.
ބޮޑުވަޒީރު މޯދީ އާސިއާން-އިންޑިއާ ސަމިޓާއި އީސްޓް އޭޝިއާ ސަމިޓުގައި ބައިވެރިވުމަށް މަނީލާއަށް ފުރަން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް އިންޑިއާއިން ވަނީ މިޔަންމާ އެކަހެރިކުރުމަކީ ހައްލެއް ނޫންކަމަށް ބުނެފަ އެވެ.
”މިޔަންމާއާ މެދު އަޅުގަނޑުމެންގެ ސިޔާސަތު ވަރަށް ސާފު. މިޔަންމާ އެކަހެރިކުރުމަކީ ރަނގަޅު ގޮތެއް ނޫން، ސަބަބަކީ އެހެން ބަޔަކު އައިސް އެ ހުސްތަން ފުރާނެތީ. ގުޅުން ބޭއްވުން ނޫން އެހެން ގޮތެއް ނެތް،“ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ރުދުރެންދުރަ ޓަންޑަން ބުރާސްފަތި ދުވަހު ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އާސިއާނުން މިޔަންމާއާއެކު ބާއްވާ ގުޅުންތަކަށް އިންޑިއާއިން ފުރިހަމައަށް ތާއީދުކުރެ އެވެ.
މިޔަންމާއަކީ އިޖުތިމާއީ ގޮތުން ނާޒުކު އަދި އޮޅުންބޮޅުން ބޮޑު ޤައުމަކަށް ވާތީ ކެތްތެރިކަމާއެކު އެ ޤައުމާ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ވާހަކަތައް އައިސްފައިވަނީ ސަރަހައްދީ މަސްރަހުގައި މިޔަންމާގެ ދައުރަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން ވެރިކަމަށް އަތްގަދަކުރުމާ ގުޅިގެން ފެށުނު ދާޚިލީ ހަނގުރާމައާ ހެދި އާސިއާންގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވުން އެ ޤައުމުގެ އަސްކަރީ ލީޑަރުންނަށް އޮތީ މަނާކޮށްފަ އެވެ.
ނަމަވެސް މިހާރު އެ އެކަހެރިކަން ކެނޑެމުންދާ ކަމަށް ފެނެ އެވެ. މި އަހަރުގެ ކުރީކޮޅު މިޔަންމާގެ ރައީސް މިން އަންގް ހްލައިންގް އިންޑިއާއަށް ކުރި ރަސްމީ ދަތުރަކީ އިންޑިއާއާއި މިޔަންމާގެ އަސްކަރީ ލީޑަރޝިޕާ ދެމެދު އޮތް ގުޅުމަށް އައި މުހިންމު ބަދަލެކެވެ.
އޭޕްރީލް މަހުން ފެށިގެން ލާއޯސް، ތައިލެންޑް، ކެމްބޯޑިއާ، ވިއެޓްނާމް އަދި މެލޭޝިއާގެ ލީޑަރުންވެސް ވަނީ މިޔަންމާގެ ރައީސާ ބައްދަލުކޮށްފަ އެވެ.
ގުޅުންތައް ރަނގަޅުވާން ފަށާފައިވަނީ މިދިޔަ އަހަރުގެ ނިމުމާއި މި އަހަރުގެ ކުރީކޮޅު ބޭއްވުނު އިންތިޚާބުތަކަށްފަހު އުފެދުނު އާ ސަރުކާރާއެކުގަ އެވެ.
ގުޅުންތައް ބަދަހިވަމުންދާއިރު އާސިއާންގައި މިޔަންމާއަށް އޮތް ހައްގުތައް އިއާދަކޮށްދިނުމަށް އެ ޤައުމުން ދަނީ އެދެމުންނެވެ.
މި މައްސަލައިގައި އާސިއާނުން ގެންގުޅޭ ސިޔާސަތު ބިނާވެފައިވަނީ 2022 ވަނަ އަހަރު އިއުލާންކުރި ”ފަސް ނުކުތާގެ އިއްތިފާގު“ (Five-point consensus) ގެ މައްޗަށެވެ. މީގެ މަގްސަދަކީ މިޔަންމާ އަލުން ސަރަހައްދީ ޖަމާއަތުގެ ތެރެއަށް ގެނައުމަށް މަގުފަހިކުރުމެވެ.



