
އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުގެ 50 އަށްވުރެ ގިނަ މެންބަރުން ގޮވާލައިފި
ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅާތީ އެ ޤައުމާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތުގެ 50 އަށްވުރެ ގިނަ މެންބަރުން ގޮވާލައިފި އެވެ.
ގައްޒާއަށް ބާރުގަދަ ތޫފާންތަކެއް ކުރިމަތިވެފައިވާއިރު އެހީގެ ސާމާނު ހިފައިގެންދާ ލޮރީތަކުގައި ހުރި 150،000 ފޭލިގެ ވަނީ ގައްޒާއަށް ނުވެއްދި އެ ސަރަހައްދުގެ ބޭރުގައި ތާށިވެފަ އެވެ.
ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ”ކުއްލި ފިޔަވަޅުތަކެއް“ އެޅުމަށާއި އިސްރާއީލާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި އިނގިރޭސި ޕާލަމެންޓަށް ހުށަހެޅި ގަރާރަކަށް އެ ގައުމުގެ 50 އަށްވުރެ ގިނަ މެންބަރުން ވަނީ ތާއީދުކުރައްވާފަ އެވެ.
ލޭބަރ ޕާޓީގެ މެންބަރު ރިޗަޑް ބާގަން އަންގާރަ ދުވަހުގެ ރޭ ހުށަހެޅުއްވި މި ގަރާރުގައި ބަޔާންކޮށްފައިވަނީ ގައްޒާގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާއިލާއެއްގެ ހިޔާވަހިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އދ. ގެ ރިޕޯޓުތަކުން ދައްކާ ކަމަށެވެ.
އަދި އިސްރާއީލުން ގައްޒާގެ ގެދޮރާއި ނަރުދަމާ ނިޒާމުތަކާއި އަސާސީ އެހެނިހެން ވަސީލަތްތައް ފުޅާދާއިރާއެއްގައި ހަލާކުކޮށްލުމުގެ ސަބަބުން ގައްޒާގެ ގިނަ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެ މަގުމަތިވެފައިވާކަން މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެއްޗާއި ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަދިނުމަށާއި އަދި އަލުން އާބާދުކުރުމަށް ބޭނުންވާ ސާމާނު ގައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ހުރަސްއަޅަމުންދާ ދިއުމާއި ބައިނަލްއަޤްވާމީ އެހީތެރިން ގައްޒާއަށް ވަނުން ހަނިކުރަމުންދާ ދިއުން މި ގަރާރުގައި ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.



