
ސޫރަތުލް ޣާޝިޔާ (3) ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު 12ޑިސެންބަރު 2016 2016 އާގުޅޭ..
(أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ ) މި ސޫރަތް ފެށުނު ކޮޅުގައި ޣާޝިޔާގެ (ގިޔާމަތް ދުވަހުގެ) ޚަބަރުތައްވަނީ ދެއްވާފައެވެ. އަދި އެދުވަހުން މީސްތަކުން ދެބަޔަކަށް ބެހިގެންދާނެ ވާހަކަވެސް ވަނީ ބަޔާން ކުރައްވާފައެވެ. އެއްބަޔެއްގެ މޫނުމަތިން މާޔޫސްކަމާއި ބިރުވެރިކަން ފާޅުވާން ހުންނާނެއެވެ. އަދި ހޫނުކަންގަދަ ކެކިކެކި ހުންނަ އަލިފާންގަނޑެއްގެ ތެރޭގައި އެބައިމީހުންނަށް ޢަޛާބު ދެއްވޭނެ ވާހަކަ ވަނީ ބަޔާން ކުރައްވާފައެވެ. އަދި އެދުވަހުން އެހެންބަޔަކު އެބައިމީހުންގެ މޫނުމަތީގައި ނިޢްމަތްތަކުގެ އަޘަރު ފެންނަން ހުންނާނެ ކަމާއި، އެބައިމީހުންނަށް ޓަކައި ސުވަރުގޭގައި ތައްޔާރު ކޮށް ދެއްވާފައިވާ ބޮޑެތި ނިޢްމަތްތަކުގެ ވާހަކަވަނީ ބަޔާން ކުރައްވާފައެވެ. އެއަށް ފަހު ވަޙީ ކުރައްވަނީ: (أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ ) މާނައަކީ: ”ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ.“ މި ސުވާލަކީ ތައުބީޚީ ސުވާލެކެވެ. އެހެނީ ގިޔާމަތް ދުވަހުގެ ޚަބަރުތައް ދޮގު ކުރާ މީހުންނަށް އިންކާރު ކުރެއްވުމެވެ. އެބައިމީހުންނަށް ފެންނަ ހިސާބުގައި ހުރި ﷲ ގެ ކުޅަދުންވަންތަކަމުގެ އާޔަތްތަކާއި މެދުގައި ވިސްނާ ފިކުރުނުކޮށް ދޫކޮށްލި ކަމަށް ޓަކައި އެކަމަށް އިންކާރު ކުރެއްވުމެވެ.
އެންމެ ފުރަތަމަވެސް ޖަމަލުގެ ވާހަކައިން ފައްޓަވާފައިވާ ސަބަބަކީ އެބައިމީހުން އެޒަމާނުގައި ޖަމަލުގެ ބޭނުން ވަރަށް ބޮޑަށް ހިފަމުން ދިޔައީތީވެއެވެ. އެބައިމީހުން ދަތުރުކުރުމަށާއި، ކިރުފެލުމަށާއި، މަސްކެއުމަށް އަދި އެނޫންވެސް ބޭނުންތަކަށް ޖަމަލުގެ ބޭނުން ހިފައެވެ. އެހެންވެ، ގިޔާމަތް ދުވަހުގެ ޚަބަރުތައް އިންކާރު ކުރާ މީހުންނާއި ބެހޭ ގޮތުން ވަޙީ ކުރެއްވިއެވެ. (أَفَلَا يَنظُرُونَ إِلَى الْإِبِلِ) ޖަމަލު އާއި ބެހޭ ގޮތުން އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ؟
(كَيْفَ خُلِقَتْ ) އެޖަމަލު އުފައްދަވާފައިވާ ގޮތާއި މެދުގައި ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ؟ އިންސާނުންނަށް ހިނގާފައި ނުދެވޭހާ ދުރަށް ޖަމަލު ހިނގާފައި ދެއެވެ. އަދި އިންސާނުންނަށް ނުއުފުއްލޭހާ ބަރު އެޖަމަލު އުފުއްލައެވެ. މި ހުރިހާ ބާރުތަކެއް ޖަމަލަށް ދެއްވާފައިވަނީ އިންސާނުންގެ މަޞްލަޙަތަށް ޓަކައެވެ. ސޫޜަތު ޔާސީންގެ 73 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُمْ فِيهَا مَنَافِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴿٧٣﴾ ) މާނައަކީ: “ އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟“
މި އާޔަތުގައި ހަމައެކަނި ޖަމަލުގެ ވާހަކަ ގެންނަވާ އެހެން އެއްވެސް ބާވަތެއްގެ ޖަނަވާރެއްގެ ވާހަކަ ގެންނަވާ ނުވުމުގެ ޙީކްމަތަކީ: އިންސާނުންނަށް އެންމެ ބޮޑަށް ފައިދާ ކުރުވަނިވި ޖަނަވާރަކީ ޖަމަލު ކަމަށް ވާތީވެއެވެ.
( وَإِلَى السَّمَاءِ كَيْفَ رُفِعَتْ ﴿١٨﴾ ) އުޑާއި އުޑޫގައި ލައްވާފައިވާ ތަރިތަކާއި އިރާއި ހަނދާއި އަދި މިނޫންވެސް ފެންނަން ނެތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި މެދުގައި އެބައިމީހުން ވިސްނާ ފިކުރު ނުކުރަނީ ކީއްވެ ހެއްޔެވެ.
(كَيْفَ رُفِعَتْ ) އުޑު އުފުއްލަވާފައިވަނީ ކޮން ގޮތަކަށް ކަމާއި މެދުގައި ވިސްނާ ފިކުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ ޢާއްމު ގޮތެއްގައި އުސް ޢިމާރާތެއް ކޮޅަށް ހުރުމަށް ޓަކައި ތަނބުތަކެއް ބޭނުންވެއެވެ. ނަމަވެސް އުޑު އުފުއްލަވާފައިވާ އިރުގައި ތަނބެއް ހުރިކަން ފެންނާކަށް ނެތެވެ. ސޫރަތުއް ރަޢްދުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ) މާނައަކީ: ”اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ.“
(وَإِلَى الْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ ) ބިންގަނޑު ގުޑައިގެން ނުދާނެ ގޮތަށް ފަރުބަދަތައް ލައްވާފައިވަނީ ﷲ ތަޢާލާ އެވެ. އަފަރުބަދަތަކުގައި ހިލައާއި ވެއްޔާއި އެކި ބާވަތްބާވަތުގެ މަޢްދަންތައް ލައްވާފައިވެއެވެ. މި ހުރިހާ ކަމެއް ލައްވާފައިވާ ފަރާތާއި މެދުގައި ވިސްނާ ފިކުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟
(وَإِلَى الْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾ ) އަދި ބިންގަނޑު ފަތުރުއްވާލައްވާފައިވާ ގޮތާއި މެދުގައި ވިސްނާ ފިކުރު ނުކުރަނީ ކީއްވެހެއްޔެވެ؟
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހެކިތަކެއް ކަމުގައިވާ ޖަމަލާއި، އުޑާއި، ފަރުބަދަ އަދި ބިމުގެ ވާހަކަ ބަޔާން ކުރެއްވުމަށް ފަހު ވަޙީ ކުރެއްވިއެވެ.
( فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ ﴿٢١﴾ ) މާތް ﷲ މި އާޔަތުގައި އަމުރު ކުރައްވަނީ ހަނދާން ކޮށް ދިނުމަށެވެ. ނަމަވެސް ހަނދާންކޮށްދޭންވީ ކާކަށް ކަމެއް އަންގަވާފައެއް ނެތެވެ. އޭގެ މާނައަކީ ހަނދާންކޮށްދިނުމަށް އޮތް އަމުރަކީ ޢާއްމު އަމުރެއް ކަމެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލު ކަމައިގެން ފޮނުއްވިގެންވަނީ އެންމެހައި މީސްތަކުންގެ މައްޗަށް ކަމަށްވާތީވެއެވެ. ވީމާ ކޮންމެ ހާލެއްގައި ކޮންމެ ތަނެއްގައިވެސް ހަނދާންކޮށްދެއްވާށެވެ. އެހެންކަމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަން އަދާކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ފަހުން ޚަލީފާ އިންވެސް ވަނީ އެކަން ކުރައްވާފައެވެ. ނަމަވެސް، މި ހަނދާންކޮށްދިނުމުން ފައިދާ ކުރާނީ ވަކި ބަޔަކަށެވެ. ސޫރަތުއް ޛާރިޔާތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ ﴿٥٥﴾ ) މާނައަކީ: ”ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ.“ އީމާން ނުވާ މީހުންނަށް މިހަނދާން ކޮށްދިނުމަކުން ފައިދާ އެއް ނުކުރާނެއެވެ. ނަމަވެސް، އެބައިމީހުންގެ މައްޗަށް ޙުއްޖަތް ގާއިމު ކުރެވޭނެއެވެ. ނަމަވެސް، އެކަމަކުން ފައިދާ އެއް ނުކުރާނެއެވެ.
ވީމާ، ހަނދާންކޮށްދެވި، އެހެންނަމަވެސް، އެހަނދާންކޮށްދިނުމަކުން ފައިދާ އެއް ނުކުރާނަމަ، ތިމާގެ އީމާންކަމާއި މެދުގައި ސުވާލު ކޮށްލާށެވެ. ސަބަބަކީ އީމާންކަން ހިތުގައި އޮތްނަމަ، ހަނދާންކޮށް ދިނުމުން ފައިދާ ކުރަން ޖެހޭނެއެވެ.
(إِنَّمَا أَنتَ مُذَكِّرٌ) މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ހަނދާންކޮށްދެއްވާ ބޭފުޅެއްކަމުގައި މެނުވީ ނުވެއެވެ. ހިދާޔަތް ދެއްކެވުން ވަނީ ﷲ އަށެވެ. ސޫރަތުލް ބަގަރާގެ 272 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (لَّيْسَ عَلَيْكَ هُدَاهُمْ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ) މާނައަކީ: “ އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތެދުމަގު ދައްކަވައެވެ.“ އެހެންކަމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެފަހު ނޭވަ އާއި ހަމައަށްވެސް މީސްތަކުންނަށް ހަނދާންކޮށްދެވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ޙަދީޘް ކުރެއްވިއެވެ. (الصَّلَاةَ الصَّلَاةَ ، وَمَا مَلَكَتْ أَيْمَانُكُمْ ) މާނައަކީ: ”ނަމާދަށް ރައްކާތެރިވާށެވެ. ނަމާދަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ ތަކެއްޗާއި މެދުގައި ފަރުވާތެރިވާށެވެ.“ އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނީއްސުރެ ފެށިގެން މީސްތަކުންނަށް ހަނދާންކޮށްދެއްވުމުގައި، އަދި އެކަލޭގެފާނާއި ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ފަރާތުންނާއި އެނޫންވެސް މީސްތަކުންގެ ފަރާތުން ލިބެމުންދިޔަ ދުއްތުރާ ތަކާއި ވޭންތަކާއި އެކުގައިވެސް މަސައްކަތުގައި ޘާބިތުވެ ހުންނެވިއެވެ. އެކަލޭގެފާނުގެ ސިޔަރަތު ދިރާސާކޮށްލި ކޮންމެ މީހަކަށް އެކަލޭގެފާނު ދަޢްވަތުގެ މައިދާނުގައި އުފުއްލެވި ބުރަ ސާފުވާނެއެވެ. ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން މައްކާގެ އަހްލުވެރިންގެ ތެރޭގައި ”ތެދުވެރި އަމާނާތްތެރިޔާ“ގެ ލަގަބު ވަނީ ދެވިފައެވެ. އަދި މައްކާގެ މީހުން އެންމެ އިތުބާރުކުރާ ބޭފުޅަކީވެސް އެއީ އެވެ. އެހެންކަމުން، ގެފުޅު މަރާމާތު ކުރަމުންގޮސް ޙަޖަރުލް އަސްވަދި ބަހައްޓާނެ ބަޔަކާއި މެދުގައި އެބައިމީހުންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ދަނޑިވަޅެއްގައިވެސް އެބައިމީހުން ޙާކިމެއް ކަމުގައި ބެލީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އޭރު ކޮންމެ ގަބީލާ އެއްގެ ބަޔަކުވެއް ބުނަމުން ގެންދިޔައީ އެހިލަ ބަހައްޓާނީ ތިމަންމެން ގަބީލާގެ މީހެއް ކަމުގައެވެ. ކޮންމެއަކަސް މި ޚިޔާލުތަފާތުވުމުގެ ތެރޭގައި އެބައިމީހުންވަނިކޮށް އެތަނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަޑައިގެންނެވުނު ހިނދުގައި އެމައްސަލާގައި ފައިޞަލާ ކޮށްދެއްވުމަށް އެބައިމީހުން އެދުނެވެ. އެހިނދު ފޮތިގަނޑެއްގެ މަތީގައި އެހިލަ ބާއްވާ ކޮންމެ ގަބީލާ އެއްގެ މީހަކު ފޮތިނގަނޑުގައި ހިފައިގެން ހިލަބަހައްޓަން ޖެހޭ ހިސާބަށް ގެންދިޔުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުން ހިލަބެހެއްޓެވިއެވެ. ކޮންމެ އަކަސް އެޒަމާނުގައި އެކަލޭގެފާނަކީ އެމީހުންގެ ތެރޭގައި ހުރި އެންމެ ތެދުވެރި އެންމެ އަމާނާތްތެރި ކަމަށް މަޝްހޫރު ބޭފުޅާ އެވެ. ނަމަވެސް، ރަސޫލު ކަމައިގެން ފޮނުއްވުމާއި ގުޅިގެން ހުރިހާ ކަމެއް އަނެއްފުށަށް ޖެހިއެވެ. އެހިސާބުން ފެށިގެން އެކަލޭގެފާނަކީ ސިޙުރުވެރިޔެކޭ ކާހިނެކޭ މަޖްނޫނެކޭ ދޮގުވެރިޔެކޭ ގޮވަންފެށިއެވެ. އަދި އެނޫންވެސް އެމީހުންނަށް ކިޔެން އޮތްހާ ހަޑި އެއްޗެއް ގޮވާހެދިއެވެ. މިހުރިހާ ކަމަކާއި އެކުގައިވެސް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތެވެ. އަދި މީސްތަކުންނަށް ތެދުމަގު ހޯއްދަވައިދެއްވޭތޯ ގަދައަޅާ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް، ހިދާޔަތް ދައްކަވާނީ ﷲ އިރާދަކުރެއްވި އަޅަކަށެވެ. ސޫރަތުލް ގަޞަޞްގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾) މާނައަކީ: “ ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތެދުމަގު ލިބެނިވި މީހުން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.“
އެހެންކަމުން، މީހަކަށް ކަމެއް ހަނދާންކޮށްދީ، ދީނުގެ ދަޢްވަތު ދިނުމުން އެމީހާ ގަބޫލު ނުކުރުމަކީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ސޫރަތުއް ޝުޢަރާގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ ﴿٣﴾ ) މާނައަކީ: “ އެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)“ ވީމާ، އީމާންވެއްޖެނަމަ އެކަމުގެ ފޮނިކަން އޮތީ އެމީހުންނަށެވެ. ކާފިރުކަންމަތީ ދެމިތިބެއްޖެނަމަ އެކަމުގެ ގެއްލުން އޮތީވެސް އެމީހުންނަށެވެ.
ނުނިމޭ…



