
އޭޝިއަން ކަޕް 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅަށް ފަސްކޮށްފި
ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ 2027 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް، 23 ޑިސެމްބަރު 2027 އިން 21 ޖެނުއަރީ 2028 އަށް ބަދަލުކޮށްފައިވާކަން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އާއި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.
24 ޤައުމު ވާދަކުރާ މި ބޮޑު މުބާރާތް ކުރިން ބޭއްވުމަށް ތާވަލުކޮށްފައި އޮތީ 2027 ވަނަ އަހަރުގެ ޖެނުއަރީ 7 އިން ފެބްރުއަރީ 5 އަށެވެ.
ނަމަވެސް އޭއެފްސީ އާއި ސަޢޫދީގެ ފުޓްބޯޅަ ފެޑެރޭޝަނާއި މުބާރާތް އިންތިޒާމުކުރާ ކޮމިޓީގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު ވަނީ މުބާރާތް ފަށާ ތާރީޚު ގާތްގަނޑަކަށް އެއް އަހަރު ދުވަހަށް ފަސްކޮށްފަ އެވެ.
މި ބަދަލު ގެނައީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތިން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ހިފެހެއްޓުމަށާއި މޫސުމީ ގޮތުން އެންމެ އެކަށީގެންވާ ވަގުތެއްގައި މުބާރާތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކަމަށް ބަޔާނުގައިވެ އެވެ.
އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޑިސެމްބަރު ފަހުކޮޅުން ޖެނުއަރީ މަހާ ދެމެދު އޮންނަ ފިނި މޫސުމަކީ މުބާރާތް ބާއްވާ ސިޓީތަކުގެ މޫސުން އެންމެ ރަނގަޅު ދުވަސްވަރެވެ.
މީގެ ސަބަބުން މުބާރާތުގައި ވާދަކުރާ 24 ޤައުމަށް އެންމެ ފުރިހަމަ މާހައުލެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން މި ބަދަލުގެ ސަބަބުން ލޮޖިސްޓިކްސް ކަންކަމުގައާއި މުބާރާތަށް ތައްޔާރުކުރާ ޒަމާނީ ސްޓޭޑިއަމްތަކާއި ޕްރެކްޓިސް ދަނޑުތަކުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުތައް ތަޖުރިބާކޮށް ތައްޔާރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސަޢޫދީގެ އިންތިޒާމު ކޮމިޓީން ވަނީ އޭއެފްސީ އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާތަނަށް ނުފެންނަ ފަދަ ފުރިހަމަ މުބާރާތެއް ބާއްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
2027 ވަނަ އަހަރުގެ އޭޝިއަން ކަޕަކީ ސަޢޫދީ ޢަރަބިއްޔާގެ ކުޅިވަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. މި މަޝްރޫއުގެ ދަށުން ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހިމެނެއެވެ.



