
ހައިވޭގައި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނި، ހައްޔަރުކޮށްފި
ސިނަމާލެ ބުރިޖު ހައިވޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވެގެން ބެލިއިރު، އެ ސައިކަލު ދުއްވި މީހާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދުއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އޭނާ ހައިވޭގައި ނުރައްކާތެރި މިންވަރަކަށް ބާރަށް ދުއްވާފައި ދަނިކޮށް ފުލުހުން ފެނިގެން މަޑުކުރަން އެންގުމުންނެވެ. ނަމަވެސް، ފުލުހުންގެ އެންގުމަށް އިޖާބަނުދީ ފިލަން މަސައްކަތްކޮށް، ދުއްވާފައި ދަނިކޮށް އޭނާ އެކްސިޑެންޓުވީ ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއްގައެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފުވެފައެވެ. އަދި އޭނާގެ އަތުން ފެނުނީ އަމިއްލައަށް ބޭނުންކުރުމަށް ގެންގުޅުނު މަސްތުވާތަކެތި ކަމަށާއި، ފެނުނީ ދެ ޕެކެޓު ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.



