
”ޣައްޒާގެ އެ ކުދިންނަކީ އަހަރެމެންގެ ދަރިން“ – މެކްލެމޯ
”ޣައްޒާގެ އެ ކުދިންނަކީ އަހަރެމެންގެ ދަރިން“ މެކްލެމޯ ފަލަސްތީނަށް ތާއީދު ހޯދުމަށް ކުރި ދަތުރުގެ އެންމެ ފަހު ޝޯ ލަންޑަނުގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޑަބްލިންގައި ބޭއްވި ހޯޒިއާ އަދި ނީކެޕްގެ ހަރަކާތްތަކުން ފެށިގެން ލަންޑަނުގައި ބޭއްވި ގްރެޓާ ތުންބާގް އަދި ޢަރަބް ބަރްޣޫތީގެ ބައިވެރިވުމާ ހަމައަށް މި ދަތުރުގައި ފަލަސްތީނުގެ ހައްގުތަކަށާއި އިންސާނީ އެހީތެރިކަމަށް ބޮޑެތި ތާއީދުތަކެއް ލިބިފައިވެ އެވެ.
މިއުޒިކީ ދާއިރާގެ މަޝްހޫރު ފަންނާނުންނާއި އެކްޓިވިސްޓުން ގުޅިގެން ”ފްރީ ޕަލެސްޓައިން“ ގެ ނަމުގައި ކުރިއަށްގެންދިޔަ ތިން ޝޯގެ މި ދަތުރު މެކްލެމޯ ނިންމާލީ ލަންޑަނުގައި ބޭއްވި ފޯރިގަދަ ޝޯއަކުންނެވެ.
މި ހަރަކާތުގެ ސަބަބުން ފަލަސްތީނުގެ މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަމާއި ތާއީދު ވަނީ ލިބިފަ އެވެ.
އޮކްޓޫބަރު 30 ވީ ހުކުރު ދުވަހު ލަންޑަނުގެ އޯވީއޯ އެރީނާ ވެމްބްލީގައި ބޭއްވި މި ފަހު ޝޯގައި އެމެރިކާގެ ރެޕާ މެކްލެމޯއާއެކު މަޝްހޫރު ފަންނާނުން ކަމަށްވާ ޕަލޯމާ ފެއިތް އަދި ނެމާސިސް ބައިވެރިވި އެވެ.
މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ގްރެޓާ ތުންބާގް އަދި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ލީޑަރު މަރުވާން ބަރްޣޫތީގެ ދަރިފުޅު ޢަރަބް ބަރްޣޫތީވެސް މި ހަރަކާތުގައި ބައިވެރިވި އެވެ.
ޑަބްލިން ޕެރިސް އަދި ލަންޑަނުގައި ބޭއްވި މި ކޮންސަރޓްތަކުގެ ޓިކެޓްތައް ވިއްކަން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ޓިކެޓެއް ހުސްވެފައިވާ ކަމަށް ރިޕޯޓްތަކުންނާއި މެކްލެމޯގެ އިއުލާނުން އެނގެ އެވެ.
މި ދަތުރު އިންތިޒާމުކުރީ ނިއު ޖާޒީގައި ބޭއްވި ޝޯއެއްގެ ތެރޭގައި ”ފްރީ ޕަލެސްޓައިން“ އަށް ގޮވާލުމާ ގުޅިގެން އެޑް ޝީރަންގެ ”ޔޫއެސް ލޫޕް“ ޓުއާގެ ބާކީ ހުރި ޝޯތަކުން މެކްލެމޯ ވަކިކުރުމުންނެވެ.
މެކްލެމޯ ބުނި ގޮތުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ މެދު ހަނދޭނެތި ހުރުމަކީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށްވުރެ ބޮޑު ތަކުލީފަކަށް މިހާރު ވަނީވެފަ އެވެ.
”އަހަރެން ސޯޝަލް މީޑިއާ ބަލަމުން ދިޔައިރު ފެނުނީ އަހަރެމެންގެ ކުރިމަތީގައި ހިނގަމުންދާ ބިރުވެރި ހިތަށްވެސް ނުގެނެވޭ ފަދަ ބޮޑު ކާރިސާއެއް،“ އޭނާ ބުންޏެވެ.
”ވަކި ހިސާބަކުން އެއްޗެއް ނުބުނެ ހުރުމަށްވުރެ ކޮންމެވެސް އެއްޗެއް ބުނުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވި. އަދި އެއްޗެއް ބުނުމަކީ އެއީ ވަރަށް ހިތްވަރުގަދަ ކަމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން.“
މީގެ އިތުރުން އިންސާނުންގެ މެދުގައި އުފައްދާފައިވާ ބޯޑަރުތަކާއި ބައިބައިވުންތަކާ މެދު ސުވާލު އުފައްދަމުން އޭނާ ބުނީ އެ ފާރުތައް ނައްތާލުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ހައިސިއްޔަތުން އަހަރެމެން ކުރަނީ ކޮން ކަމެއްތޯ އެވެ.
މެކްލެމޯ ސްޓޭޖަށް އެރުމާއެކު ބެލުންތެރިން ވަނީ ”ފްރީ ޕަލެސްޓައިން“ ގޮވާލައި އޭނާއަށް މަރުހަބާ ކިޔާފަ އެވެ. އޭނާ ވަނީ ޣައްޒާގެ ހަނގުރާމައާ ގުޅިގެން ނެރުނު ”ހިންޑްސް ހޯލް“ އާއި އޭނާގެ މަޝްހޫރު ލަވަތައް ކަމަށްވާ ”ތްރިފްޓް ޝޮޕް“، ”ސޭމް ލަވް“، ”ގްލޯރިއަސް“ އަދި ”ކާންޓް ހޯލްޑް އަސް“ ހުށަހަޅާފަ އެވެ.
މި ތިން ކޮންސަރޓަކީވެސް އެހީގެ ގޮތުގައި ފައިސާ ހޯދުމަށް ބޭއްވި ހަރަކާތްތަކެކެވެ. މި ހަރަކާތުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފަލަސްތީނަށް އެހީތެރިވާ 12 ޖަމިއްޔާއަކަށެވެ.
މީގެ ތެރޭގައި މެޑިކަލް އެއިޑް ފޯ ޕަލެސްޓީނިއަންސް ޖޫވިޝް ވޮއިސް ފޯ ޕީސް ޕަލެސްޓީނިއަން ޔޫތު މޫވްމަންޓް އިންސްޓިޓިއުޓް ފޯ މިޑްލް އީސްޓް އަންޑަސްޓޭންޑިންގ އަދި ގްލިއާ ހިމެނެ އެވެ.



