
މީސްތަކުންގެ ތެރޭގައި ޣައިބުގެ ކަންކަމާއި މުސްތަޤުބަލުގެ ޚަބަރުތައް އެނގޭކަމަށް ދަޢުވާކުރާ ބަޔަކު އުޅެ އެވެ. މީގެ ތެރޭގައި ފާލުބަލާ މީހުންނާއި ކާހިނުންނާއި ނުޖޫމީ ޢިލްމުވެރިންނާއި އަތްތިލައިގެ ރޭޚާތައް ބަލާ މީހުންނާއި ސިހުރުވެރިން ހިމެނެ އެވެ.
މިފަދަ މީހުން މަޢުލޫމާތު ހޯދުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ސައިތަށީގެ ފަތް ބެލުމާއި ރޭޚާތައް ކުރެހުމާއި ނަންބަރުތައް ލިޔުމާއި އަތްބެލުމާއި ތަރިތަކަށް ބަލައިގެން ފާލުބެލުމާއި ބޯޅަ ބޭނުންކޮށްގެން ބެލުމާއި ކަށި ނުވަތަ ދަނޑިބުރި ފަދަ ތަކެތި ބޭނުންކުރުން ހިމެނެ އެވެ. ޣައިބު އެނގޭކަމަށް ދަޢުވާކުރާ މިފަދަ މީހުން މައިގަނޑު ދެ ބަޔަކަށް ބެހިގެންވެ އެވެ.
1- އެއްވެސް ޙަޤީޤީ ޢިލްމެއް ނުވަތަ ސިއްރެއް ނެތް ނަމަވެސް ޢާންމުކޮށް މީހުންނަށް ދިމާވާ ކަންކަމުގެ ވާހަކަ ބުނެދޭ މީހުންނެވެ. މިފަދަ މީހުން މާނައެއް ނެތް އާދަކާދަތަކެއް ދެއްކުމަށްފަހު ޢާންމު ލަފާކުރުންތަކެއް ބުނެދެ އެވެ.
ބައެއް ފަހަރު މި ލަފާކުރުންތަކަކީ ވަރަށް ޢާންމު ވާހަކަތަކަކަށް ވުމުން އޭގެ ތެރެއިން ބައެއް ކަންކަން ދިމާވެދެ އެވެ. ގިނަ މީހުން ހަނދާން ބަހައްޓަނީ ދިމާވާ މަދު ކަންތައްތަކެވެ. އަދި ދިމާނުވާ ގިނަ ކަންތައްތައް މަތިން ވަރަށް އަވަހަށް ހަނދާން ނެތިގެންދެ އެވެ.
މިސާލަކަށް ކޮންމެ އަހަރަކު މަޝްހޫރު ފާލުބަލާ މީހުން ކުރާ ލަފާކުރުންތައް ނޫސްތަކުގައި ޝާއިޢުކުރެ އެވެ. 1980 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ ރަނގަޅަށް ލަފާކުރި މީހާގެ ވެސް ދިމާވެފައިވަނީ އެންމެ ސައުވީސް އިންސައްތަ (24%) ކަންކަމެވެ.
2- ދެވަނަ ގުރޫޕަކީ ޖިންނީންނާ ގުޅުން އުފައްދައިގެން އުޅޭ މީހުންނެވެ. މިއީ އެންމެ ނުރައްކާތެރި ބައެވެ. ސަބަބަކީ މީގައި ޝިރުކުގެ ބޮޑު ފާފަ އެކުލެވިގެންވުމާއި އެމީހުން ދޭ ބައެއް މަޢުލޫމާތުތަކަކީ ޙަޤީޤަތަކަށް ވުމުން މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ކުރިމަތިވާ ބޮޑު ފިތުނައަކަށް ވާތީ އެވެ.
ނުޖޫމީ ޢިލްމު (އެސްޓްރޮލޮޖީ) ބޭނުންކުރުމަކީ ޙަރާމް ކަމެއްގެ އިތުރުން އެފަދަ މީހުންގެ ގާތަށް ދިއުމާއި އެމީހުން ދައްކާ ވާހަކަ އެހުމާއި އެކަމާ ގުޅޭ ފޮތްތައް ކިޔުމަކީ ވެސް މަނާކުރައްވާފައިވާ ކަންކަމެވެ.
ނުޖޫމީ ޢިލްމު ބޭނުންކުރަނީ މުސްތަޤުބަލު ބެލުމަށް ކަމަށްވާތީ އެކަން ކުރާ މީހުން ބެލެވެނީ ފާލުބަލާ މީހުންގެ ތެރޭގަ އެވެ. އެހެންކަމުން މިފަދަ ކަންކަން ހޯދާ މީހުންގެ މައްޗަށް ރަސޫލާ ﷺ ގެ މި ޙަދީޘް ބަސްފުޅު ހިނގާނެއެވެ. ”ފާލުބަލާ މީހެއްގެ ގާތަށް ގޮސް ކަމަކާ ބެހޭގޮތުން ސުވާލުކޮށްފި މީހާގެ ނަމާދު ސާޅީސް ރޭވަންދެން ޤަބޫލުނުކުރެވޭ ހުއްޓެވެ.“ [މުސްލިމް]
މި ޙަދީޘްގައިވާ އިންޒާރަކީ ހަމައެކަނި އެފަދަ މީހެއްގެ ގާތަށް ގޮސް ސުވާލުކުރުމުން ލިބޭ އަދަބެކެވެ. އެއީ އެމީހަކު ބުނާ ބަހުގެ ތެދުކަމާމެދު ޝައްކު އުފެދިފައިވާ ޙާލަތުގައި ވީނަމަވެސްމެ އެވެ.
މީގެ މާނައަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް ޣައިބު އެނގިދާނެ ކަމާމެދު ޝައްކުކުރުމެވެ. މިއީ ޝިރުކުގެ ތެރެއިންވާ ކަމެކެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިފަދައިން ވަޙީކުރައްވާފަ އެވެ.
”ޣައިބުގެ ތަޅުދަނޑިތައްވަނީ އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ ފިޔަވައި އެހެން އެކަކަށްވެސް އެކަންކަމެއް ނޭނގެއެވެ.“ [އަލްއަންޢާމް: 59].
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
”ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި، އުޑުތަކާއި ބިމުގައިވާ އެކަކަށްވެސް ޣައިބުގެ ކަންތައްތަކެއް ނޭނގެއެވެ.“ [އައްނަމްލު: 65].
ނަމަވެސް މީހަކު އެފަދަ މީހުން ބުނާ ވާހަކަތައް ނުވަތަ ފޮތްތަކުގައި ލިޔެފައިވާ ކަންކަން ތެދުކޮށްފިނަމަ އެމީހަކު ކުފުރަށް ހުށަހެޅިގެންދާނެ އެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
”ކާހިނެއްގެ ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އޭނާ އެ ބުނާ ބަހެއް ތެދުކޮށްފި މީހާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: އިސްލާމްދީނަށް) ކާފަރުވެއްޖެއެވެ.“ [އަޙްމަދު އަދި އަބޫދާއޫދު].
މި ޙަދީޘްތަކުގައި ފާލުބަލާ މީހުންނާއި ނުޖޫމީ ޢިލްމު ބޭނުންކުރާ މީހުންވެސް ހިމެނެ އެވެ. ސަބަބަކީ ދެބައިމީހުންވެސް ދަޢުވާކުރަނީ މުސްތަޤުބަލު އެނގޭ ކަމަށެވެ. މިއީ ތައުޙީދުގެ އަސާސްތަކާ ސީދާ ޚިލާފު ކަމެކެވެ.
ނުޖޫމީ ޢިލްމުވެރިން ބުނަނީ އިންސާނާގެ މިޒާޖާއި މުސްތަޤުބަލުގައި ހިނގާނެ ކަންކަން ބިނާވެފައިވަނީ ތަރިތަކުގެ މައްޗަށް ކަމަށެވެ. އަދި ފާލުބަލާ މީހުން ބުނަނީ އަތްތިލައިގެ ރޭޚާތަކުން ނުވަތަ އެހެންވެސް ތަކެތިން ޣައިބު އެނގޭ ކަމަށެވެ. މިއީ މަޚްލޫޤުތަކެއްގެ ސިފައަށް ބަލައިގެން ޣައިބުގެ ކަންކަން އެނގޭކަމަށް ކުރާ ދޮގު ދަޢުވާއެކެވެ.
ނުޖޫމީ ޢިލްމާއި ފާލުބެލުމަށް އިޢުތިޤާދު ކުރުމަކީ އިސްލާމްދީނުގެ ރޫޙާ ސީދާ ޚިލާފު ކަމެކެވެ. މިފަދަ ކަންކަމުގެ ފަހަތުން ދަނީ އީމާންކަމުގެ ރަހަ ލިބިފައިނުވާ ހުސް ހިތްތަކެވެ. ޙަޤީޤަތުގައި މިއީ މާތް ﷲ މިންވަރުކުރައްވާފައިވާ ޤަދަރާއި ޤަޟާ އިން ރެކުމަށް ކުރާ ބޭކާރު މަސައްކަތެކެވެ.
މި ޖާހިލުން ހީކުރާ ގޮތުގައި މާދަމާ ވާނެ ގޮތް އެނގިއްޖެނަމަ މިއަދު އެކަމަށް ތައްޔާރުވެ ނުބައި ކަންކަމުން ސަލާމަތްވެ ހެޔޮ ކަންކަން ޙާޞިލުކުރެވޭނެ އެވެ.
އެހެންކަމުން ޙަޤީޤީ މުސްލިމުން މިފަދަ ކަންކަމާ ދުރުހެލިވާންޖެހެއެވެ. ނުޖޫމީ ރަމްޒުތައް ނުވަތަ ”ޒޯޑިއެކް ސައިންސް“ ޖަހާފައިވާ އަނގޮޓި ނުވަތަ ފަށް ފަދަ ތަކެތި އެކަމަށް އިޢުތިޤާދު ނުކުރި ކަމުގައިވިޔަސް ބޭނުންކޮށްގެން ނުވާނެ އެވެ.
އެއީ ކުފުރު ފަތުރާ ނިޒާމެއްގެ ބައެއް ކަމަށްވާތީ އެކަންކަން މުޅިން ހުއްޓާލަންޖެހެ އެވެ. އެއްވެސް މުސްލިމަކު އަނެކާގެ ބުރުޖަކީ ކޮބައިތޯ ސުވާލުކޮށް ނުވަތަ ނޫސްތަކުގައި ހުންނަ ”ތަރިތަކުގެ ފާލު“ ކިޔައި ހަދައިގެން ނުވާނެ އެވެ. މިފަދަ ކަންކަމަށް ބިނާކޮށް އަމަލުކުރާ މީހަކުނަމަ ﷲ ގެ ޙަޟްރަތުގައި ތައުބާވެ އީމާންކަން އާކުރަންޖެހޭނެ އެވެ.
والله أعلم



