
އާރްއެސްޑަބްލިޔު ފައިނޭންސިންގ ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިޔު) ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް އިތުރުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށްވެސް ފައިނޭންސް ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީ އޮފް ފިނޭންސް، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ފައިނޭންސިންގ މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތެއްގައި މި ފެސިލިޓީގެ ދަށުން ފައިނޭންސް ހަމަޖެހިގެންދާނެއެވެ.
މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ޚަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމްތައް ގާއިމްކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
”އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ އެހީއާ އެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ގާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ފައިނޭންސިންގ އަކީ މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ. އަދި މިކަމުގެ ފައިދާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް، ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ހެޔޮ ގޮތުގައި ކުރާނެ،“ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.



