
ފަލަސްތީނުގެ މަންދޫބުންނާއެކު މައިނޯރިޓީ ސަރުކާރެއް އެކުލަވައިލުމަށް އައިޒެންކޮޓަށް ގޮވާލައްވައިފި
ފަލަސްތީނުގެ މަންދޫބުންނާއެކު މައިނޯރިޓީ ސަރުކާރެއް އެކުލަވައިލުމަށް ވަރުގަދަ ފިޔަވަޅެއް އެޅުމަށް އައިޒެންކޮޓަށް ގޮވާލައްވައިފި އެވެ.
ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެއްބާރުލުން ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފާހަގަކުރައްވައި އައިޒެންކޮޓް އިސްވެ ހުންނަވާ މައިނޯރިޓީ ސަރުކާރަކަށް ތާއީދުކުރުމަށް ޢަރަބި ޕާޓީތައް ތިބީ ތައްޔާރަށް ކަމަށް ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަހުމަދު ތީބީ ވަނީ އިސްރާއީލުގެ އިދިކޮޅު ލީޑަރު އައިޒެންކޮޓް ސިޔާސީ ހިތްވަރު ދައްކަވައި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ޢަރަބި ޕާޓީތަކާއެކު މަސައްކަތް ކުރުމަށް ބާރުއަޅުއްވާފަ އެވެ.
މިދިޔަ ހުކުރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ތީބީ ވަނީ ކުރީގެ ބޮޑުވަޒީރު އިޒްހާކް ރާބީން ދެއްކެވި ފަދަ ”ހިތްވަރެއް“ ދެއްކެވުމަށް އައިޒެންކޮޓަށް ގޮވާލައްވާފަ އެވެ.
1993 ވަނަ އަހަރު އޮސްލޯ އެކޯޑްސް ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތުގެ ތެރެއިން ރާބީންގެ 56 ގޮނޑީގެ މައިނޯރިޓީ ސަރުކާރު ބިނާވެފައި އޮތީ ޤާނޫނު ހަދާ މަޖިލީހުގައި ފަލަސްތީނުގެ ޕާޓީތަކުން ދިން ތާއީދުގެ މައްޗަށެވެ.
ތާއަލް ޕާޓީގެ ބާނީ އަދި ލީޑަރު ތީބީ ވިދާޅުވީ އިސްރާއީލުގެ ޕާލަމެންޓްގައި ތިއްބެވި ފަލަސްތީނުގެ މަންދޫބުންނާއެކު މަސައްކަތް ކުރުން މިފަހަރު ބާކީކޮށްލުމަށް ދިމާވާ އެއްވެސް ޑިމޮކްރެޓިކް ހުއްޖަތެއް ނެތް ކަމަށެވެ.
”އަޅުގަނޑު އުއްމީދު ކުރަނީ އައިޒެންކޮޓް ކެރިވަޑައިގެން ކުރިއަށް ވަޑައިގެން މައިނޯރިޓީ ސަރުކާރެއް އެކުލަވައިލައްވާނެ ކަމަށް. އެއީ ނަތަންޔާހޫގެ މި ސަރުކާރު ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި،“ ތީބީ ވިދާޅުވި އެވެ.
މައިނޯރިޓީ ސަރުކާރެއް އެކުލަވައިލެވެނީ ވެރިކަންކުރާ އިއްތިހާދަށް ކްނެސެޓްގެ 120 ގޮނޑީގެ ތެރެއިން 61 ގޮނޑި ހަމަނުވާ ހާލަތްތަކުގަ އެވެ.
މިފަދަ ސަރުކާރުތައް ދެމިއޮންނަނީ ”ސޭފްޓީ ނެޓް“ އެއްބަސްވުމެއްގެ ދަށުން ރަސްމީކޮށް ކެބިނެޓާ ގުޅުމެއް ނެތި އިދިކޮޅުން ހުށަހަޅާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ދެކޮޅަށް ބޭރުގެ ޕާޓީތަކުން ވޯޓު ދީގެންނެވެ.
ތީބީގެ ޕާޓީއަކީ ފަލަސްތީނުގެ އަނެއް ދެ ޕާޓީ ކަމަށްވާ ހަދަޝް އަދި ބަލަދު އާ ގުޅިގެން އުފައްދާފައިވާ ”ޖޮއިންޓް ލިސްޓް“ ގެ ބައެކެވެ.
މި އިއްތިހާދުން 11 ގޮނޑި ކާމިޔާބު ކުރިއިރު ފަލަސްތީނުގެ އަނެއް ޕާޓީ ކަމަށްވާ ރާއަމް އިން ވަނީ އަށް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މިއާއެކު ޖުމްލަ 19 ގޮނޑި ލިބިފައިވާއިރު މިއީ ޕާލަމެންޓުގައި ފަލަސްތީނު ޕާޓީތަކުން ހޯދި ރެކޯޑް އަދަދެކެވެ.
މި ނަތީޖާއާއެކު ފަލަސްތީނުގެ ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ނަތަންޔާހޫއަށް ނުވަތަ އައިޒެންކޮޓަށް ވެސް 61 ގޮނޑީގެ އަޣްލަބިއްޔަތެއް ހޯދުމަކީ މުސްތަހީލު ކަމެކެވެ.
ތީބީ ވިދާޅުވީ ޖޮއިންޓް ލިސްޓުގެ އަމާޒަކީ ނަތަންޔާހޫ މަގާމުން ދުރުކޮށް އައު ސަރުކާރަކަށް މަގުފަހިކޮށްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ތާއީދުކުރުން ކަމަށެވެ.
ތަޖުރިބާކާރު ސިޔާސީ ޝަޚްސިއްޔަތު ތީބީ ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިންކާރު ކުރައްވާފަ އެވެ.
އެފަދަ އިންތިޒާމެއްގެ ދަށުން ނަތަންޔާހޫގެ ލިކުޑް ޕާޓީއާއެކު އިދިކޮޅު ޕާޓީތައް ގުޅިގެން އަޣްލަބިއްޔަތު ހޯދި ނަމަވެސް ބެޒަލެލް ސްމޮޓްރިޗް އަދި އިތަމާރު ބެން ގްވީރު ފަދަ ހަރުކަށި ފިކުރުގެ ބޭފުޅުން ބާކީވާނެ އެވެ.
ނަމަވެސް ތީބީ ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ސަރުކާރެއްގެ ސަބަބުން ނަތަންޔާހޫގެ ސިޔާސަތުތައް ދެމިއޮތުމުގެ ފުރުސަތު ލިބި އެހެން ސިޔާސީ ލީޑަރަކަށް އެ ސިޔާސަތުތައް ހުޅަނގުގެ ޤައުމުތަކަށް ރީތިކޮށް ހުށަހެޅުމުގެ ފުރުސަތު ފަހިވާނެ އެވެ.
”އަޅުގަނޑުމެން އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދެއް ނުކުރަން. އެއީ އެއްފަރާތުން އޭނާގެ އަނިޔާވެރި ސިޔާސަތުތައް ކުރިއަށް ގެންދާއިރު އަނެއް ފަރާތުން އެ ސިޔާސަތުތައް މާކެޓް ކުރަން އެހީތެރިވާނެތީ،“ އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެން އިސްކަންދެނީ އައިޒެންކޮޓް އިސްވެ ހުންނަވާ މައިނޯރިޓީ ސަރުކާރަކަށް. އަދި އެކަމަށް އެހީތެރިވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،“ އޭނާ އިތުރަށް ވިދާޅުވި އެވެ.



