
ސްޓޭޓް މިނިސްޓަރު ބަޔޯޑައިވާސިޓީ މޮނިޓަރިންގ ހަބް އިފްތިތާޙްކުރުމުގައި ބައިވެރިވެވަޑައިގެންފި
އަރުމީނިއާގެ ޔެރެވަންގައި މިހާރު ކުރިއަށްދާ ކޮޕް17 (COP17) ބައްދަލުވުމުގެ ހަވާސާގައި، ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު ފާއިޒް މިއަދު ބޭއްވި ”ޔެރެވަން ޓެކް ފޯ ބަޔޯޑައިވާސިޓީ މޮނިޓަރިންގ ހަބް“ އިފްތިތާޙްކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވުނު މި ބައިނަލްއަގުވާމީ މަސައްކަތަކީ، ދިރުންތަކުގެ މުއްސަނދިކަން (ބަޔޯޑައިވާސިޓީ) މޮނިޓަރކުރުމަށް ގައުމީ ފެންވަރުގައި ގާއިމުކޮށްފައިވާ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި، މުއާހަދާގެ ބައިވެރިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތެކެވެ. މި މަސައްކަތުގައި އައު އީޖާދީ ޓެކްނޮލޮޖީއާއި، ފަންނީ ގާބިލުކަން އިތުރުކުރުމާއި، އަދި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ކުންމިންގ-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް (KMGBF) ތަންފީޒުކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (SIDS) ދިރުންތައް ދެނެގަނެ މޮނިޓަރކުރުމަށް މިއީ ވަރަށް ބޮޑު ފަހި ފުރުސަތެކެވެ. މިކަމަށް ބޭނުންވާ އިތުބާރު ހުރި މަޢުލޫމާތު އެއްކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ތެރެއިން މި ގައުމުތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.



