
އިންޒެކް 2026ގެ ސިލްވަރ ސްޕޮންސަރަކަށް ޕެންޝަން އޮފީސް ހަމަޖެހިއްޖެ
މޯލްޑިވްސް ޒަކާތު ހައުސްއިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމް.ޕީ.އޭ.އޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، މި އަހަރުގެ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026)ގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި އެ މުއައްސަސާ ހަމަޖައްސައިފިއެވެ.
އެންމެ ފުރަތަމަ ބޭއްވުނު އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2024)ގައި ޕެނަލިސްޓެއްގެ ގޮތުގައި އެމް.ޕީ.އޭ.އޯ އިން ބައިވެރިވެފައިވެއެވެ.
ޒަކާތު ހައުސްއިން ވަނީ އެމް.ޕީ.އޭ.އޯއިން މި ކޮންފަރެންސަށް ދެއްވާ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ދަމަހައްޓަމުން ގެންދާ ގުޅުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށާއި، މަޝްވަރާކޮށް، ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ގައި މާލޭގެ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އުންމީދުކުރަނީ މި ބައިވެރިވުމުގެ ތެރެއިން އެމް.ޕީ.އޭ.އޯއާ އެކު ގާތުން މަސައްކަތްކުރުމަށާއި، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި މަސައްކަތްތަކަކަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށެވެ.
އެމް.ޕީ.އޭ.އޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ އިންޒެކް 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ އަދި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ.



