
ތެލުގެ އަގު އުފުލުމާއެކު ސަބްސިޑީގެ ހޭދަ ބޮޑުވެއްޖެ، ރައްޔިތުންނަށް މާލީ ބުރަ ނުޖައްސައި ފަރުޖައްސާލަނީ ބަޖެޓުން ހޭދަކޮށްގެން: މާލީ ވަޒީރު
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަރީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ މާޗް މަހު މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލުމުގެ ސަބަބުން، ސަބްސިޑީއަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކުރިން ކަނޑައަޅާފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އޮކްޓޫބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ހޭދަ ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިގޮތުން އިތުރުވި 1.4 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ހޭދަވެފައިވަނީ ތެލުގެ ސަބްސިޑީއަށެވެ.
އަހާ ފޯރަމްގައި މިނިސްޓަރ ޒަރީރު ވިދާޅުވީ، މިއަހަރަކީ ރެކޯޑް މިންވަރަކަށް ދަރަނި އަދާކުރެވުނު އަހަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ދަރަނި އަދާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކުރީކޮޅުން ފެށިގެން ތައްޔާރުވާން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން، ބޭރުފައިސާގެ ޤާނޫނު ތަންފީޒުކޮށް ބޭންކުތަކަށް ވަންނަ ޑޮލަރު އިތުރުކޮށް އަދި ދަރަނި އަދާކުރުމަށްޓަކައި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުން ދިޔަ ކަމަށް މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ. މިނިސްޓަރ ޒަރީރު ވިދާޅުވި ގޮތުގައި، ސުކޫކް ސެޓްލްމަންޓަށް އެ ފަންޑުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާއިރު، ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ހޭދަވެފައިވެއެވެ.
ދަރަނި އަދާކުރުމާއި ސަބްސިޑީގެ ހޭދަ އިތުރުވުމުގެ ގޮންޖެހުންތަކާއެކުވެސް، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން އެއްގުނަ (ސިންގަލް ޑިޖިޓް) ގައި ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ނިމިދިޔަ އަހަރުވެސް ސަރުކާރުން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވާ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



