
ތިން ދަހަރަށްފަހު ދިއްލީގެ މަޝްހޫރު މުޒާހަރާކުރާ ސަރަހައްދު ބަންދުކޮށްފި
ފާއިތުވި ތިރީހަށްވުރެ ގިނަ އަހަރު ތެރޭގައި، ނިއުދިއްލީގެ މެދުތެރޭގައި އޮންނަ މި މަގަކީ އިންޑިއާގެ ރައްޔިތުން އެމީހުންގެ އަޑު އުފުލުމަށާއި، އެކި ބޭނުންތައް ހުށަހެޅުމަށާއި، ވެރިން ޒިންމާދާރުކުރުވުމަށް އެއްވާ މައިގަނޑު މަރުކަޒެވެ.
މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި، މުސްކުޅި ސިފައިންނާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާއި، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ގްރޫޕުތަކުގެ އިތުރުން ދަރިވަރުން ވެސް މުޒާހަރާ ކުރަމުން އައީ 18 ވަނަ ގަރުނުގެ އާސާރީ ބިނާއެއް ކަމަށްވާ ”ޖަންތަރު މަންތަރު“ ކައިރީގަ އެވެ.
މި ސަރަހައްދަކީ ސިޓީގެ ވިޔަފާރި މަރުކަޒާއި ސިޔާސީ ބާރުވެރިކަމުގެ މަރުކަޒާ ކައިރީގައި އޮންނަ ތަނެކެވެ. މިއީ މުޒާހަރާކުރާ ފަރާތްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮންނަ ތަނެކެވެ.
ނަމަވެސް، މި ހަފުތާގައި، އާންމުންގެ ނުރުހުން ފާޅުކުރުމަށް އިންޑިއާގައި ބޭނުންކުރާ އެންމެ މަޝްހޫރު މި މަރުކަޒަކީ މުޒާހަރާކުރުމަށް ހުއްދަ އޮތް ތަނެއް ނޫން ކަމަށް ރަސްމީކޮށް ކަނޑައެޅުމާ ގުޅިގެން، ޑިމޮކްރެޓިކް ހަމަތަކަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމަށް ބުނެ އެކްޓިވިސްޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
”މުޒާހަރާކުރާ ސަރަހައްދެއްގެ ގޮތުގައި ޖަންތަރު މަންތަރަށް ދީފައިވާ ހުއްދަ މިހާރު ވަނީ ބާތިލުކުރެވިފައި،“ ދިއްލީ ފުލުހުން ހޯމަ ދުވަހު ނެރުނު އަމުރެއްގައި ބުނެފައިވެ އެވެ.
މި ނިންމުން ނިންމާފައިވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ”ކޮކްރޯޗް ޖަންތާ ޕާޓީ“ އާއި ކަމާބެހޭ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކަކަށް ފަހުގަ އެވެ.
ޒުވާނުން އިސްވެ ތިބެ ހިންގާ މި ހަރަކާތުން ވަނީ އިންތިޚާބީ ލިސްޓަށް ގެނައި ބަދަލަކާ ގުޅިގެން ހާހުން މީހުން މަގުތަކަށް ނެރެފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ގިނަ ބަޔަކަށް އެ ޙައްޤު ގެއްލިގެންދާނެ އެވެ.
މީގެ މަސްތަކެއް ކުރިން އިމްތިހާނުތަކުގެ މައްސަލަތަކާ ގުޅިގެން ކުރި މުޒާހަރާތަކުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓަރު ވަނީ އިސްތިއުފާ ދެއްވަން މަޖުބޫރުވެފަ އެވެ.
މުޒާހަރާކުރުމަށް ދިއްލީގެ އެހެން ތިން ސަރަހައްދެއް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވީ ނަމަވެސް، އެކްޓިވިސްޓުން ބުނަނީ މުޒާހަރާގެ އަސަރު ފޯރުވުމަށާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ކައިރި ސަރަހައްދެއްގައި މުޒާހަރާކުރުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި މުޒާހަރާކުރުމުގެ ހައްގުގެ މުހިންމު ބައެއް ކަމަށެވެ.
”ޖަންތަރު މަންތަރަކީ ސިޓީގެ މެދުތެރޭގައި، ހުރިހާ ދިމާލަކުން ފަސޭހައިން އާދެވޭ ގޮތަށް، ޕާލަމެންޓާ ވެސް ވަރަށް ކައިރީގައި އޮންނަ ތަނެއް. އެއީ ހުރިހާ މުޒާހަރާތަކަށް ވެސް ވަރަށް މުހިންމު ތަނެއް، މިއީ އިދިކޮޅު އަޑުތައް ކަނޑުވާލުމަށްޓަކައި އެޅި ފިޔަވަޅެއް ފިޔަވައި އެހެން ކަމެއް ނޫން.“ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޝަބްނަމް ހާޝިމީ އޭ.އެފް.ޕީ އަށް ކިޔައިދިނެވެ.
ސަންސްކްރިތް ބަހުން ”ޖަންތަރު މަންތަރު“ ގެ މާނައަކީ ހިސާބުކުރާ އާލަތެވެ. މި ބިނާއަކީ ހުސްލޮލަށް ފެންނަ ގޮތަށް ތަރިތަކާއި ގްރަހުންގެ މަގާމުތައް ބަލައި ދެނެގަތުމަށް ފަރުމާކޮށްފައިވާ ތަނެކެވެ.
ޖަންތަރު މަންތަރު ކައިރީގައި އޮންނަ ގާތްގަނޑަކަށް 1.6 ކިލޯމީޓަރުގެ މި މަގަކީ 1993 ވަނަ އަހަރު މުޒާހަރާކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު، މުޒާހަރާތަކާ ވަކިނުކުރެވޭ ވަރަށް ގުޅިފައިވާ ތަނެކެވެ.
މިދިޔަ ޖުލައި މަހު، ”ކޮކްރޯޗް“ ހަރަކާތުގެ ދަށުން އެތައް ހާސް ދަރިވަރުންނެއް އެ ސަރަހައްދަށް އެއްވެ، މުބާރާތްތަކުގެ އިމްތިހާނުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވަން މަސައްކަތްކޮށްފައިވެ އެވެ.



