ހޫޘީންގެ އިންޒާރެއް އަނެއްކަވެސް

ސަންޢާގައި ކޯލިޝަނުން ދިން ހަމަލާތަކާ ގުޅިގެން ސަޢޫދީ އަރަމްކޯގެ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ދީފި އެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގެ ހުޅަނގުގައި ހުރި ތެޔޮ ރިފޭނަރީތަކަށް ވައިގެ މަގުން ހަމަލާދިނުމާ ގުޅިގެން، ހޫޘީން ވަނީ އަރަމްކޯގެ ވަސީލަތްތަކަކީ ޝަރުޢީ އަމާޒުތަކެއް ކަމަށް ބުނެ އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާންމުން އެ ސަރަހައްދުތަކުން ދިއުމަށް އިންޒާރުދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޫޘީން މި އިންޒާރު ދީފައިވަނީ، ސަންޢާގައި ހުރި ތެޔޮ ރިފޭނަރީއަކަށް ހަމަލާދިނުމުގެ ކުރިން އާންމުން އެ ތަނުން ދިއުމަށް ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން އެންގުމާ ގުޅިގެންނެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަރަމްކޯގެ އެއްވެސް މަރުކަޒެއްގެ ކައިރީގައި ތިބި މުވައްޒަފުންނާއި އާންމު ރައްޔިތުން އެ ތަންތަނާ ދުރަށް ދިއުމަށް އަންގާ ކަމަށާއި، އެއީ އެ ޖަމާއަތުގެ އަސްކަރިއްޔާގެ އަމާޒުފަތްގަނޑުތަކެއް ކަމަށެވެ.

މި އިންޒާރު ދީފައިވަނީ ސަންޢާގެ އަލް-ސަބާހާގައި ހުންނަ ޔަމަން އޮއިލް ކޮމްޕެނީގެ މަރުކަޒީ ސްޓޭޝަނަށް އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ކުރިން އާންމުން އެތަން ދޫކޮށް ދިއުމަށް ކޯލިޝަނުން އެންގުމާ ގުޅިގެންނެވެ.

ސަންޢާއަށް ދޭ ކޮންމެ ހަމަލާއަކަށް ރިޔާޟުން ވަރުގަދަ އަދި ހިތްދަތި ރައްދެއް ދޭނެ ކަމުގެ އިންޒާރު ސަރީޢު ކުރިން ވެސް ވަނީ ދެއްވާފަ އެވެ.

އޭނާ ވަނީ އަރަމްކޯގެ ހެޑްކުއާޓަރާއި، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ރިޔާޟުގައި ހުންނަ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއާ އާންމުން ދުރުވުމަށް ގޮވާލާފަ އެވެ.

ކޯލިޝަނުން އަމުރު ނެރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަންޢާގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޫޘީންނާ ގުޅުންހުރި މީޑިއާތަކުން ބުނާ ގޮތުގައި ވައިގެ ހަމަލާތައް އަމާޒުވެފައިވަނީ އަލް-ސަބާހާ ސަރަހައްދުގައި ހުރި ތެޔޮ މަރުކަޒަކަށެވެ.

ކޯލިޝަނުން ބުނި ގޮތުގައި ރިޔާޟުގެ އުތުރުން ދަތުރުކުރި ތިން ޑްރޯންއެއް އަންގާރަ ދުވަހު ވަނީ ވައްޓާލާފަ އެވެ.

ހޫޘީން ރިޔާޟުގެ އެއާޕޯޓަށް ބެލިސްޓިކް މިސައިލެއް ފޮނުވާލި ކަމަށް ބުނުމާ ގުޅިގެން، ހޯމަ ދުވަހުގެ ރޭ ސައުދީގެ ވެރިރަށަށް ވަނީ ހަމަލާތަކެއް އަމާޒުވެފަ އެވެ. ސަރީޢު ވިދާޅުވީ ސައުދީގެ ދެކުނުގައި އޮންނަ ޚަމީސް މުޝައިތު ކައިރީގައިވާ ކިންގް ޚާލިދު އެއާ ބޭސްއަށް ވެސް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ.

ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ ރިޔާޟަށް އަމާޒުކުރި ބެލިސްޓިކް މިސައިލަކާއި ޚަމީސް މުޝައިތަށް އަމާޒުކުރި ދެ މިސައިލެއް ވައިގެ ތެރޭގައި ނައްތާލާފައިވާ ކަމަށެވެ.

ރިޔާޟުގައި ހުރި ހުޅަނގުގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ހޯމަ ދުވަހުގެ ރޭ މުޅި ސިޓީގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވެ އެވެ.

އަދި ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ބޮޑެތި ރޯވުންތަކެއް ފެންނަން ހުރި ނަމަވެސް، އެއީ ސައްހަ ވީޑިއޯތަކެއްކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ހޯމަ ދުވަހުގެ ހަމަލާތައް ދީފައިވަނީ ހަފުތާ ބަންދުގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާތަކުގައި މަދުވެގެން 14 މީހުން މަރުވެ، 320 އެއްހާ މީހުން ޒަޚަމްވެފައި ވަނިކޮށެވެ.

މިހާރު ވެސް އެއާޕޯޓް އޮތީ ބަންދުކޮށްފަ އެވެ. ސައުދީ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ވަކި ގޮތެއް އަންގަންދެން އެއާޕޯޓް ބަންދުކޮށްފައި އޮންނާނެ ކަމަށެވެ. އަދި ނޯޓިސް ޓު އެއާމެން އިން ދައްކާ ގޮތުގައި މަދުވެގެން އޮކްޓޫބަރު 17 އާ ހަމައަށް އެއާޕޯޓް ބަންދުކޮށްފައި އޮންނާނެ އެވެ.

ހޮނިހިރު ދުވަހު ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ މިޝަނުން ވަނީ އެމެރިކާގެ ރައްޔިތުން އެއާޕޯޓާއި އެ ސަރަހައްދާ ދުރުވުމަށް އަންގާފަ އެވެ. އަދި ފްލައިޓްތައް ކެންސަލްވުމާއި ވައިގެ ސަރަހައްދު ބަންދުކޮށްފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ސަޢޫދީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާގެ ރައްޔިތުންނަށް ލަފާދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.