
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް (އައި.ޑީ.ޑީ.އާރް.އާރް) 2026 ފާހަގަކުރުމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބައިނަލްއަޤްވާމީ މުޖުތަމައާ ބައިވެރިވެ، ދިވެހިރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށާއި، މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކާރިސާތަކުން ކުރިމަތިވާ ނުރައްކާތަކަށް ރިއާޔަތްކޮށްގެން ވިލުންތެރި ރާއްޖެއަކަށް ވާސިލްވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އަޒުމް ވަރުގަދަކޮށްފިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ނާޒުކު ގޮތާއި، ބިމުގެ ސަތަހައިން ބިން ތިރިކޮށް އޮތުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، އުދައެރުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ކާރިސާތަކުގެ ބިރުވެރިކަން ރާއްޖެއަށް އޮވެއެވެ. މި ނާޒުކު ހާލަތްތަކުގެ ސަބަބުން، ޤައުމީ ފެންވަރުގައި ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން ބޮޑުވެ، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް އިންވެސްޓްކުރުމާއި، ތަރައްޤީގެ ހުރިހާ މަރުހަލާއެއްގައި ވިލުންތެރިކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކަކީ ވިލުންތެރި ބައެއްގެ ގޮތުގައި ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީ ހިމެނޭ ސަރުކާރުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި، ޤައުމީ ފެންވަރުގެ މަސްލަހަތުވެރިން އަދި ބައިނަލްއަޤްވާމީ ތަރައްޤީގެ ބައިވެރިންނާ ގުޅިގެން، އެން.ޑީ.އެމް.އޭ އިން ދަނީ ވަށާޖެހޭ، ގުޅިލާމެހިފައިވާ އަދި އިސްނަގައިގެން މަސައްކަތްކުރާ ޤައުމީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ޤައުމީ ފެންވަރުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމާއި މެނޭޖްކުރުމުގެ ސްޓްރެޓީޖިކް ޕްލޭނިންގ ހަރުދަނާކުރުން
މި ދާއިރާއިން ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ، ހަމައެކަނި ކާރިސާ ދިމާވުމުން އެއަށް އިޖާބަދިނުމުގެ ބަދަލުގައި، ކާރިސާތަކުން ރައްކާތެރިވުމާއި، ނުރައްކާ ކުޑަކުރުމާއި، ތައްޔާރުވެފައި އޮތުމާއި، އިޖާބަދިނުމާއި، އަލުން އާރާސްތުކުރުން އަދި ވިލުންތެރިކަން އިތުރުކުރުން ހިމެނޭ ފުރިހަމަ ނިޒާމަކަށް ބަދަލުވުމަށް އެކުލަވައިލެވިފައިވާ ޤައުމީ ސިޔާސަތުތަކާއި ރަނގަޅަށް ޕްލޭން ކުރެވިފައިވާ އޮނިގަނޑުތަކެވެ.
’ނެޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓީޖީ‘ އަކީ ޤައުމީ ސިޔާސަތުތަކާއި، ދާއިރާތަކުގެ މަޝްރޫޢުތަކާއި، ތަރައްޤީގެ ޕްލޭންތަކުގައި ކާރިސާގެ ނުރައްކާތަކަށް ރިއާޔަތްކުރުން ހިމަނައިގެން އެކުލަވައިލެވިފައިވާ ސްޓްރެޓީޖިކް އިރުޝާދެކެވެ. މީގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި ގުޅުން ހަރުދަނާވެ، ސަރުކާރުގެ ހުރިހާ ފެންވަރެއްގައި ނުރައްކާތަކަށް ބަލައިގެން ނިންމުންތައް ނިންމުމުގެ ބިންގާ އެޅިގެންދެއެވެ.
މި އޮނިގަނޑަށް އެހީތެރިވުމުގެ ގޮތުން، އެން.ޑީ.އެމް.އޭ އިން ދަނީ ’ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން‘ އެކުލަވައިލަމުންނެވެ. މީގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ކަމާބެހޭ މުއައްސަސާތަކުގެ ދައުރާއި ޒިންމާތައް އަދި އޮޕަރޭޝަނަލް އިންތިޒާމުތައް އެއް ނިޒާމެއްގެ ދަށުން ވިލަރެސްކުރުމެވެ.
މީގެ އިތުރުން، އެން.ޑީ.އެމް.އޭ އިން ވަނީ ’ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން‘ (އެން.އީ.އޯ.ޕީ) އެކުލަވައިލާފައެވެ. މިއީ ބޮޑެތި ކާރިސާތަކުގެ ވަގުތުގައި މަސައްކަތްތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ވަސީލަތްތައް ބޭނުންކުރުމާއި އަދި ނިންމުންތައް ނިންމުމުގައި ބޭނުންކުރާނެ މުހިންމު އޮޕަރޭޝަނަލް އޮނިގަނޑެކެވެ. ކޯވިޑް-19 ފަދަ ކާރިސާތަކުން ލިބުނު ފިލާވަޅުތަކަށް ބަލައި، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ޕްލޭން (އެން.އީ.އޯ.ޕީ) ގެ ތެރެއިން މުއައްސަސާތަކާއި އިޖާބަދޭ ފަރާތްތަކުގެ ޒިންމާތައް ވަނީ ކުރިއަށްވުރެ ބޮޑަށް ސާފުކޮށްދީ ކަނޑައެޅިފައެވެ.
މި ހުރިހާ މަސައްކަތްތަކަކީ ޤައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމަށާއި އިޖާބަދިނުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.
ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުން ހަރުދަނާކުރުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ ’ނެޝަނަލް ރިސްކް ރެޖިސްޓަރ އެންޑް އެސެސްމަންޓް 2026‘ އެކުލަވާލުމެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ޤައުމީ ފެންވަރުގައި ހެދުނު މިފަދަ ފުރަތަމަ ފުރިހަމަ ދިރާސާއެވެ. މީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، ނާޒުކު ހާލަތްތަކާއި، ކާރިސާގެ ބިރުވެރިކަމާ މެދު ހުރިހާ ފަރާތްތަކުން އެއްމިސްރާބަކަށް އެރުމަށް މަގުފަހިވެގެންދެއެވެ.
މި ދިރާސާއަކީ ޤައުމީ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާތަކުގެ ޕްލޭނިންގ ހެދުމަށާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި، ވަސީލަތްތައް ކަނޑައެޅުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަން ނިންމުމަށް ބޭނުންވާ މުހިންމު ހެކިތައް ފޯރުކޮށްދޭނެ ވަސީލަތެކެވެ.
މި ދިރާސާގެ ސަބަބުން ސަރުކާރުގެ ވުޒާރާތަކަށާއި، މުއައްސަސާތަކަށާއި، ތަރައްޤީގެ ބައިވެރިންނަށް އެ ފަރާތްތަކުގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތަކުގައި ކާރިސާގެ ނުރައްކާތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޤައުމީ ދިރާސާގެ ދުރުރާސްތާ ފައިދާއަކީ، ކާރިސާތަކުން ކުރިމަތިވާ ނުރައްކާތަކުގެ މަޢުލޫމާތު ބޭނުންކޮށްގެން މުޖުތަމައުތައް ރައްކާތެރިކުރުމަށާއި، އަސާސީ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހަރުދަނާކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމެވެ.
ކުރިއާލާ އިންޒާރުދިނުމާއި އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުން
ވަގުތުން ދެވޭ، ފަސޭހައިން ލިބޭ އަދި އަމަލީ ގޮތުން ކުރިއާލާ އެޅޭނެ ފިޔަވަޅު އިންޒާރުތަކުގެ މުހިންމުކަން ދަނެ، ’އާރލީ ވޯނިންގް ފޯރ އޯލް‘ މަޝްރޫއުގެ ދަށުން ރާއްޖެއިން ދަނީ ’ނެޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް އެންޑް އެކްޝަން ޕްލޭން‘ ތަންފީޒުކުރަމުންނެވެ.
މި އިސްނެގުމުގައި ބައިވެރިވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއިން ވަނީ، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ނުރައްކަލުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި، ކުރިއާލާ ދެވޭ އިންޒާރުތަކާ އެއްގޮތަށް އަމަލީ ފިޔަވަޅު އެޅުމުގެ ގުޅުން ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.
ބޮޑު ސަރަޙައްދަކަށް ރަށްތައް ބެހިފައިވާ ޖަޒީރާ ޤައުމަކަށްވުމާއެކު، ނުރައްކަލުގެ އިންޒާރުތައް އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ވަގުތުން ފިޔަވަޅު އެޅޭނެކަން ކަށަވަރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މި މަގުޗާޓަކީ ޤައުމީ ފެންވަރުގައާއި ރަށްރަށުގެ ފެންވަރުގައި ކުރިއާލާ އިންޒާރުދިނުމުގެ ޤާބިލުކަން އިތުރުކޮށް، ގުޅިލާމެހިގެން މަސައްކަތްކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެކެވެ.
ވިލުންތެރި އަދި ތައްޔާރުވެފައިވާ މުޖުތަމައުތަކެއް ބިނާކުރުން
ރާއްޖޭގެ ކާރިސާގެ ނުރައްކާ މެނޭޖްކުރުމަށް އެން.ޑީ.އެމް.އޭ އިން ކުރާ މަސައްކަތުގެ މައިގަނޑު އަސާސަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމެވެ. އެން.ޑީ.އެމް.އޭ އިން މިހާރު ދަނީ ’ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް‘ އިން ’ކޮމިއުނިޓީ ބޭސްޑް ރެޒިލިއަންސް ބިލްޑިންގ‘ (ސީ.ބީ.އާރް.ބީ) އަށް އަމާޒު ބަދަލުކުރަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ ރަށު ފެންވަރުގައި ކަންކަން ނިންމުމާއި، ތައްޔާރުވެފައި އޮތުމާއި، ނުރައްކާތަކަށް ހޭލުންތެރިވުމުގެ އިތުރުން، ކުރިމަތިވާ ހާދިސާތައް މެނޭޖްކުރުމުގެ ޤާބިލުކަން މުޖުތަމައުތަކުގައި އިތުރުކުރުމެވެ.
މި އުސޫލުގެ ދަށުން ބަލަނީ، ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ އިޖާބަދެނީ އެ ރަށެއްގެ މުޖުތަމައާއި ރަށު ފެންވަރުގެ މުއައްސަސާތައް ކަމަށްވާތީ، އެ ފަރާތްތަކަށް ބޭނުންވާ އިލްމާއި، ވަސީލަތްތަކާއި، އޮޕަރޭޝަނަލް ޤާބިލުކަން ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ޚާއްޞަކޮށް ޖަޕާން ސަރުކާރުގެ އެހީގައި ފޯރުކޮށްދީފައިވާ ފެން ހިންދާ ޕަމްޕާއި އަލިފާން ނިއްވާ ޕަމްޕު ފަދަ ވަސީލަތްތަކުގެ ސަބަބުން ރަށްރަށުގެ އިޖާބަދިނުމުގެ ޤާބިލުކަން ދަނީ އިތުރުވަމުންނެވެ.
މި މަސައްކަތްތަކަކީ އަލިފާން ނިއްވުމުގެ ޚިދުމަތް ހަރުދަނާކުރުމަށާއި، ކައުންސިލްތައް ބާރުވެރިކުރުވުމަށާއި، ލާމަރުކަޒީ އުސޫލުން ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކަށް ލިބޭ ބޮޑު ބާރަކަށެވެ.
ސުނާމީ ކާރިސާއަކަށް ތައްޔާރުވުމާއި މުޖުތަމައުގެ އިޖާބަދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުން
ޔުނެސްކޯގެ އިންޓަރގަވަރމަންޓަލް އޯޝަނޯގްރަފިކް ކޮމިޝަންގެ ’ސުނާމީ ރެޑީ ރިކޮގްނިޝަން ޕްރޮގްރާމް‘ ކުޅުދުއްފުށި ސިޓީގައި ތަންފީޒުކުރުމުގެ މަސައްކަތްވެސް އެން.ޑީ.އެމް.އޭ އިން ދަނީ ކުރަމުންނެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސުނާމީގެ ކުރިއާލާ އިންޒާރު ލިބުމާއި، ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމުގެ ޕްލޭންތައް ހެދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކުޅުދުއްފުށި ސިޓީއަކީ ’ސުނާމީ ރެޑީ‘ ރަސްމީ ދަރަޖަ ހޯދުމަށް މަސައްކަތްކުރަމުންދާ ރަށެކެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ މިންގަނޑުތައް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ގޮތް ދައްކައިދޭ ނަމޫނާއެކެވެ. މި ތަޖުރިބާގެ އަލީގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ސުނާމީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ފުޅާކުރެވޭނެއެވެ.
ކާރިސާގެ ނުރައްކާ މެނޭޖްކުރުމުގައި ޑިޖިޓަލް އީޖާދުތައް ބޭނުންކުރުން
ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ހަރުދަނާ ނިޒާމެއްގެ ދަށުން އެއްކުރުމަށާއި ދިރާސާކުރުމަށްޓަކައި، ’ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް‘ (ޑާލާ) ނިޒާމު އެން.ޑީ.އެމް.އޭ އިން ވަނީ މިދިޔައަހަރު އިފްތިތާޙްކޮށްފައެވެ. މި ޑިޖިޓަލް ނިޒާމުގެ ސަބަބުން، ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އެއްގޮތަކަށް ބެލެހެއްޓުމަށާއި، ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށާއި، އަލުން އާރާސްތުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މިއީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ’މޯލްޑިވްސް 2.0‘ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާއަށް ލިބޭ ކުރިއެރުމެކެވެ. މީގެއިން ދައްކުވައިދެނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކާރިސާގެ ހިންގުންތެރިކަން ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތެވެ.
ގުޅުންތައް ބަދަހިކުރުމާއި އެންމެންގެ ޒިންމާ
ވިލުންތެރި ރާއްޖެއެއް ބިނާކުރުމަކީ ސަރުކާރާއި، ރަށު ކައުންސިލްތަކާއި، މުޖުތަމައުތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަމިއްލަ ފަރާތްތަކާއި ބައިނަލްއަޤްވާމީ ބައިވެރިންގެ ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާ ކަމެކެވެ. ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމާއި، މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގައި ޤައުމީ މުއައްސަސާތަކާއި، އިޖާބަދޭ ފަރާތްތަކާއި، ކައުންސިލްތަކާއި، ތަރައްޤީގެ ބައިވެރިން އަދި މުޖުތަމައުގެ ފަރާތުން ލިބޭ އެހީތެރިކަން އެން.ޑީ.އެމް.އޭ އިން ބަލައިގަނެއެވެ.
ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ފަންނީ އެހީތެރިކަމާއި، ތަޖުރިބާ ބަދަލުކުރުމާއި، އަދި ރަށު ފެންވަރުގައި ޤާބިލުކަން އިތުރުކުރުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ޚާއްޞަ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.
ރައްކާތެރި އަދި ވިލުންތެރި ރާއްޖެއަކަށް ވާސިލްވުމަށް ކުރާ ދަތުރު
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް 2026 މިއަދު ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރު ކަމަށްވާ ’ވިލުންތެރިކަން ފެށެނީ އަމިއްލަ ގޭބިސީން‘ އާ އެއްގޮތަށް، އެން.ޑީ.އެމް.އޭ އިން ބަޔާންކުރަނީ ކާރިސާގެ ނުރައްކާ ކުޑަކުރުމަކީ ހަމައެކަނި ކާރިސާއެއް ދިމާވުމުން އިޖާބަދިނުން ނޫން ކަމެވެ. އެއީ ނުރައްކާތައް ދެނެގަތުމާއި، ގެދޮރު ރައްކާތެރިކުރުމާއި، ކާރިސާގެ ކުރިން ހޭލުންތެރިވެ ތައްޔާރުވުން ކަމެވެ.
ޤައުމީ ފެންވަރުގެ ދިރާސާތަކާއި، ސްޓްރެޓީޖިކް ޕްލޭނިންގއާއި، ކުރިއާލާ އިންޒާރުދޭ ނިޒާމުތަކާއި، ޑިޖިޓަލް އީޖާދުތަކާއި، މުޖުތަމައުގެ ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުން ދައްކުވައިދެނީ ރައްކާތެރި މުސްތަޤްބަލެއް ބިނާކުރުމަށް ރާއްޖެއިން އޮތް ސާބިތު އަޒުމެވެ.
އެން.ޑީ.އެމް.އޭ އިން އަބަދުވެސް މަސައްކަތްކުރާނީ ހުރިހާ މަސްލަހަތުވެރިންނާ ގުޅިގެން، ކާރިސާގެ ނުރައްކާ ކުޑަކުރުމަށް ކަނޑައެޅިފައިވާ ޤައުމީ އިސްކަންތައްތައް އަމަލީ ގޮތުން ތަންފީޒުކޮށް، ކޮންމެ ރަށެއްގެ ވިލުންތެރިކަން އިތުރުކުރުމަށެވެ.
ވިލުންތެރި ރާއްޖެއެއް ބިނާކުރުމަކީ މުޅި ޤައުމުގެ އެންމެންގެ ޒިންމާއެކެވެ. އަދި ކާރިސާގެ ނުރައްކާ ކުޑަކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު އެއް އަސާސެވެ.



