އިޒްރާއީލްގެ ޤަތުލުއާންމުއާއި ދެކޮޅަށް މަސައްކަތްކުރި ނަވީ ޕިއްލޭއަށް ނޯބެލް ސުލްޙައިގެ އިނާމު ލިބިއްޖެ

ޣައްޒާގައި އިޒްރޭލުން ގަތުލުއާންމު ހިންގަމުންދާކަމަށް ކަނޑައެޅި އދ. ގެ ކޮމިޝަންގެ އިސްވެރިޔާގެ މަގާމު އަދާކުރެއްވި، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރ ނަވީ ޕިއްލޭއަށް ނޯބެލް ސުލްހައިގެ އިނާމު އަރުވައިފި އެވެ.
ނޯބެލް ކޮމިޓީން ހާމަކުރި ގޮތުގައި، ދެކުނު އެފްރިކާގެ އެޕާތައިޑް ނިޒާމުގެ ތެރޭގައި އުފަންވެވަޑައިގެންނެވި ނަވީ ޕިއްލޭއަށް 2026 ވަނަ އަހަރުގެ މި ޝަރަފުވެރި އިނާމު އެރުވީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި އޭނާ ކުރައްވާފައިވާ ދިގު އަދި އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ ތެރޭގައި ނެލްސަން މަންޑޭލާގެ ދިފާއުގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތަކާއި ގުޅޭގޮތުން 2025 ވަނަ އަހަރު އދ. އިން އެކުލަވައިލި ތަހުގީގީ ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވުން ހިމެނެ އެވެ.
ނޯބެލް ކޮމިޓީއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާފައިވާ ތާރީޚީ ގާނޫނީ މައްސަލަތަކުގައި، ހަނގުރާމައިގެ ޖަރީމާތަކާއި އަނިޔާވެރިކަން ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތަކުގެ އެހީގައި މަސައްކަތް ކުރެވިދާނެކަން ޕިއްލޭ ވަނީ ސާބިތުކޮށްދެއްވާފަ އެވެ. އަދި އޭނާގެ މިނިވަންކަމާއި، ތަޖުރިބާކާރުކަމާއި، ސާބިތުކަމުގެ ސަބަބުން، އޭނާއަކީ މި ޒަމާނުގައި ދުނިޔެ ދުށް އެންމެ އިޙްތިރާމް ލިބިގެންވާ ބައިނަލްއަގުވާމީ ގާނޫނީ މާހިރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށްވެސް ކޮމިޓީން ފާހަގަކުރި އެވެ.
އދ. ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ފަނޑިޔާރެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޕިއްލޭއަށް މި އިނާމު ލިބިވަޑައިގެންނެވިކަން ހުކުރު ދުވަހުގެ ހެނދުނު އިއުލާނުކުރުމުގެ ކުރިން އޭނާއާ ގުޅޭގޮތް ނުވިކަމަށް ކޮމިޓީން ބުނެފައިވެ އެވެ. ނިއުރެމްބާގް ފޯރަމްގައި ތިއްބެވި އޭނާގެ އެކުވެރިން މި ޚަބަރު ދިނުމުން، އުމުރުފުޅުން 85 އަހަރުގެ ޕިއްލޭ ސަމާސާ ރާގަކަށް ވިދާޅުވީ، ”އެއީ ތެދެއްތޯ؟ އަޅުގަނޑަކީ ވަކީލަކަށްވެފައި ފަނޑިޔާރަކަށް ވާތީ، އެކަން އަދިވެސް ކަށަވަރުކުރަން ބޭނުން،“ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ”ތިޔަބޭފުޅުން ތަންކޮޅެއް ބާރަށް އަތްޖައްސަވައިފިނަމަ، ޓްރަމްޕްއާވެސް މި އިނާމު ހިއްސާކޮށްފާނަން،“ ކަމަށެވެ. މިއީ މިދިޔަ އަހަރު މި އިނާމު ކާމިޔާބު ކުރެއްވި މާރިއާ ކޮރީނާ މަަޗާޑޯ، އޭނާއަށް ލިބުނު މެޑަލް އެމެރިކާގެ ރައީސަށް ހަދިޔާކުރެއްވި ކުރުމަށް އިޝާރާތް ކުރައްވައި ވިދާޅުވި ބަހެކެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ ޕިއްލޭއަށް މި އިނާމު އެރުވުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ އިޒްރާއީލްއާއިދެކޮޅު ނަފުރަތާއި ތައައްސުބަށް ގާނޫނީ ސިފައެއް ދިނުމަށްޓަކައި މިފަދަ ޝަރަފުވެރި އިނާމެއް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މުޑުދާރު އަމަލެކެވެ.
އދ. ގެ 2025 ވަނަ އަހަރުގެ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ލީޑަރުން ކަމަށްވާ ބެންޖަމިން ނަތަންޔާހޫއާއި، ޔޯވް ގަލަންޓް އަދި އިސާކް ހަރުޒޮގް ދައްކާފައިވާ ވާހަކަތަކުން، ގަސްދުގައި ގަތުލުއާންމު ހިންގުމުގެ ނިޔަތް އޮތްކަން ސާފުކޮށް އެނގެން އެބައޮތެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އިޒްރޭލުގެ އިސްވެރިން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތަކުގެ ތެރެއަށް، ގަތުލުއާންމު ހިންގުމުގެ ދައުވާ އިތުރުކުރުމަށްވެސް އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.