ބްރެޒިލްގެ ކުރީގެ ރައީސްގެ ނަން ވޯޓު ކަރުދާހުގައި ނެތް ނަމަވެސް ބޮޑު ކާމިޔާބީއެއް ހޯދައިފި

ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯގެ ނަން ވޯޓު ކަރުދާހުގައި ނެތް ނަމަވެސް ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި އެވެ.

ބްރެޒިލްގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ފޯރިގަދަ އިންތިޚާބުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަރާތުގެ ނަން ވޯޓު ކަރުދާހުގައި ހިމެނިފައެއް ނުވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިޔާސީ މަގާމުތަކުން އެކަހެރިކޮށް، 2022 ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމާ ގުޅިގެން ބަޣާވާތެއް ރޭވި ކަމުގެ ކުށުގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ހުންނެވީ ގޭބަންދުގަ އެވެ.

އުމުރުފުޅުން 71 އަހަރުގެ ބޮލްސޮނާރޯ ގޭބަންދުގައި ހުންނަވައިގެން މަންޒަރު ބައްލަވަމުން ގެންދަވަނިކޮށް، އޭނާގެ ދޮށީ ދަރިކަލުން ސެނެޓަރ ފްލާވިއޯ ބޮލްސޮނާރޯ ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާތުފިޔައިގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ހައިރާންކުރުވަނިވި ކުރިއެރުމެއް ހޯއްދަވާފަ އެވެ.

މި ނަތީޖާއަކީ އެ ސަރަހައްދުގައި ފެތުރެމުންދާ ކަނާތުފިޔައިގެ ސިޔާސީ އޮއިވަރާއި، ލޫލާގެ ކެމްޕޭނަށް އެރި އޮޅުންތަކާ ގުޅިފައިވާ ނަތީޖާއެއް ކަމަށް މުހައްލިލުން ދެކެ އެވެ.

މިއާއެކު އޮކްޓޯބަރު 25 ގައި ބާއްވާ ދެވަނަ ބުރުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްލާވިއޯ އެވެ.

މި ކާމިޔާބީއަކީ ބޮލްސޮނާރޯގެ އާއިލާއަށާއި އެމީހުންގެ ސިޔާސީ ފިކުރަށް ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އައުމަށް ލިބުނު ބޮޑު ފުރުސަތެކެވެ.

ބޮލްސޮނާރޯގެ ކަނާތުފިޔައިގެ ލިބަރަލް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުގެ އެކި ގިންތިތަކުން ކާމިޔާބީ ހޯދާފައިވާއިރު، މިއީ އޭނާއަށް ކުރިމަތިވެފައިވާ ޤާނޫނީ ގޮންޖެހުންތަކާއެކުވެސް އެ ސިޔާސީ ފިކުރަށް އޮތް ތާއީދު އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

އަންނަ ޖެނުއަރީ މަހު މަޤާމާ ހަވާލުވާ އާ ކޮންގްރެސް މެދުވެރިކޮށް ބޮލްސޮނާރޯގެ ޤާނޫނީ މައްސަލަތަކަށް ހައްލެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

ފްލާވިއޯގެ ކާމިޔާބީގެ އިތުރުން، އެ އާއިލާގެ އިތުރު ހަތަރު މެންބަރަކު ވެސް ވަނީ އާދިއްތަ ދުވަހު އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސްގެ އަނބިކަނބަލުން މިޝެލް ބޮލްސޮނާރޯ އާއި ދެވަނަ ދަރިކަލުން ކާލޯސް ސެނެޓަށް އިންތިޚާބުވިއިރު، ބޮލްސޮނާރޯގެ ކޮއްކޮ ރެނާޓޯ އަދި ހަގު ދަރިކަލުން ޖައިރް ރެނާން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

”ބްރެޒިލްގެ ސިޔާސީ ތާރީޚުގައި އެއްފަހަރާ މިހާ ގިނަ މެންބަރުން އިންތިޚާބު ކުރި ސިޔާސީ އާއިލާއެއް އަޅުގަނޑު ހަނދާނެއް ނެތް،“ 2018 ވަނަ އަހަރު ބޮލްސޮނާރޯގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މަސައްކަތް ކުރެއްވި ސިޔާސީ މުހައްލިލު އެންޓޯނިއޯ ފްލާވިއޯ ޓެސްޓާ ވިދާޅުވި އެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް، އޭނާގެ ދަރިކަލުން ރިޔާސީ ރޭހަށް ނެރުއްވުމަށް ނިންމެވުމުން މާލީ ބާޒާރަށް ލޮޅުން އަރައި، މެދުމިނުގެ ކަނާތުފިޔައިގެ ބައިވެރިން އެކަމާ ނުރުހުން ފާޅުކުރި އެވެ.

އެހެން ބޮޑު އެއްވެސް ޕާޓީއަކުން އެއްބަސްނުވުމުން، ފްލާވިއޯގެ ރަނިންގް މޭޓަކަށް ހަމަޖެއްސެވީ އޭނާގެ ޕާޓީގެ މާ ބޮޑު މަޤްބޫލުކަމެއް ނެތް މެންބަރެއް ކަމަށްވާ އަލްފްރެޑޯ ގަސްޕާ އެވެ.

ފްލާވިއޯގެ އެންމެ މުހިންމު އެހީތެރިޔާއަށް ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، އޭނާގެ ނުފޫޒު މުޅި އިންތިޚާބަށް އޮތެވެ.

އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ބޮލްސޮނާރޯގެ ސޫރައެއް ބޭނުންކޮށްގެން ފްލާވިއޯއަށް ތާއީދު ހޯދުމަށް ކުރި މަސައްކަތް ބޮޑު ބަހުސަކަށް ވެގެންދިޔަ އެވެ.

ޖައިރް ބޮލްސޮނާރޯ ޖަލު ހުކުމުން ގޭބަންދަށް ބަދަލުކުރީ މާރިޗު މަހުން ފެށިގެން ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

މީގެ ތެރޭގައި 2018 ވަނަ އަހަރު އޭނާއަށް ދިން ވަޅީގެ ހަމަލާއާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތައް ހިމެނެއެވެ.

ސުޕްރީމް ކޯޓުން ވަނީ ވޭތުވެދިޔަ ތިން މަސްދުވަހު ދޮށީ ދަރިކަލުންނާ ބައްދަލުކުރުން އޭނާއަށް މަނާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.