
13 މީހުން މަރާލި މީހާ ބަޑިޖަހާ މެރުމަށް ޓްރަމްޕް އަމުރުކޮށްފި
2009 ވަނަ އަހަރު ޓެކްސަސްގެ ފޯޓް ހޫޑް މިލިޓަރީ ބޭސްގައި ބަޑިން ހަމަލާދީ 13 މީހުން މަރާލި އެމެރިކާ ސިފައިންގެ ކުރީގެ ސައިކިއޭޓްރިސްޓް، ބަޑިޖަހާ މެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކޮށްފި ކަމަށް ޕެންޓަގަނުން ހޯމަ ދުވަހު ބުނެފި އެވެ.
އިސްލާމީ ޤައުމުތަކުގައި އެމެރިކާއިން ކުރަމުންދާ ހަނގުރާމަތަކުގެ ބަދަލުހިފުމެއްގެ ގޮތުގައި ކުރި މި ހަމަލާ ދިން، އެމެރިކާ ސިފައިންގެ ކުރީގެ މޭޖަރ ނިދާލް ހަސަންގެ މަރުގެ އަދަބު ބަޑިޖަހައިގެން ތަންފީޒުކުރުމަށް ޓްރަމްޕް ނިންމީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްގެ ލަފާގެ މަތިން ކަމަށް ޕެންޓަގަނުގެ ތަރުޖަމާނު ޝޯން ޕާނެލް އެކްސްގައި ހާމަކުރި އެވެ.
ހަތިޔާރު ނެތް 12 ސިފައިންނާއި ރިޓަޔަރޑް ސިފައިންގެ މީހަކު މަރާލައި، އިތުރު 32 މީހަކު ޒަހަމްކޮށްލި މި ހަމަލާ ދިން ވަގުތު ނިދާލް ހަސަން ”ﷲ އަކްބަރު“ ގޮވައި އަޑުގަދަކުރިކަން ޕާނެލް ފާހަގަކުރެއްވި އެވެ.
މަރުގެ އަދަބު ތަންފީޒުކުރާނެ ވަގުތާއި ތަން ކަނޑައަޅާނީ ސިފައިންގެ ސެކްރެޓަރީ ކަމަށާއި، ހަސަންގެ އިންސާފުގެ ދުވަސް އެންމެ ފަހުން ޖެހިއްޖެ ކަމަށް ޕާނެލް ހާމަ ކުރި އެވެ.
ބަޑިޖަހާ މެރުމަކީ ފެޑަރަލް ބޮޑެތި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ދާދި ފަހުން އިތުރުކުރި މަރުގެ އަދަބު ތަންފީޒުކުރާ ގޮތްތަކުގެ ތެރެއިން އެކެކެވެ.
މީގެ އިތުރުން ކަރަންޓު ގޮނޑީގައި ބޭންދުމާއި ގޭސް ބޭނުންކޮށްގެން ނޭވާ ހާސްކޮށްލުން ވެސް ވަނީ ހުއްދަކޮށްފަ އެވެ.
މިގޮތަށް މަރުގެ އަދަބު ތަންފީޒުކުރާ އުސޫލުތައް ފުޅާކުރީ، މަރުގެ އިންޖެކްޝަން ޖެހުމަށް ބޭނުންވާ ބޭސް ހޯދުމަށް ދަތިވުމާއި، އެކަން ތަންފީޒުކުރުމުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި ޓެނެސީ ސްޓޭޓުން 200 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަންހެނެއްގެ މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
ކްރިސްޓާ ޕައިކް ނަމަކަށް ކިޔާ އެ ގައިދީގެ ގަޔަށް އިންޖެކްޝަން ޖެހުމަށް ޖަލު މުވައްޒަފުން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ސަބަބުން، އޭނާ މިހާރު އޮތީ ހޭނެތި، ލައިފް ސަޕޯޓްގަ އެވެ.
ފޯޓް ހޫޑްގެ މަރުކަޒީ އަސްކަރީ މަރުކަޒުގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ވަދެ، ލޭޒާ ހަރުކޮށްފައިވާ ބަޑިއަކުން ހަމަލާދީ ގަސްތުގައި މީހުން މަރާލުމުގެ 45 ކުށެއް ސާބިތުވުމާ ގުޅިގެން، 2013 ވަނަ އަހަރުގެ އޮގަސްޓް މަހު މިލިޓަރީ ޖޫރީއަކުން ވަނީ ހަސަން މެރުމަށް ހުކުމްކޮށްފަ އެވެ.
މި ހަމަލާ ދީފައިވަނީ އުމުރުން މިހާރު 56 އަހަރުގެ ހަސަން އަފްޣާނިސްތާނަށް ފޮނުވާލުމަށް ހަމަޖެހިފައި އޮތް ތާރީޚުގެ ހަފްތާތަކެއް ކުރިންނެވެ.
އޭނާ ހައްޔަރުކުރި ވަގުތު ފުލުހުން ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައެއް ވާގިނެތި، މިހާރު އުޅެނީ ފުރޮޅުލީ ގޮނޑީގަ އެވެ.
ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން، މަރުގެ އަދަބާ ދެކޮޅު ގްރޫޕެއް ކަމަށްވާ ”ޑެތު ޕެނަލްޓީ އެކްޝަން“ އިން ބުނެފައިވަނީ، މީހުން މެރުމުގެ ބާރު ބޭނުންކުރުމަށްވުރެ ބޮޑަށް ޓްރަމްޕް ލޯބިކުރައްވާ ދެވަނަ ކަމެއް ނެތް ކަމަށެވެ.
އަސްކަރިއްޔާގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. އަދި އަސްކަރީ ޤާނޫނު ބުނާގޮތުން، ކޯޓް-މާޝަލްއަކުން ކުރާ މަރުގެ ހުކުމެއް ތަންފީޒުކުރެވޭނީ ރައީސް އެކަން ތަސްދީގު ކުރެއްވުމުންނެވެ.
ހަސަންގެ މަރުގެ އަދަބު ތަންފީޒުކޮށްފިނަމަ، މިއީ 1961 ވަނަ އަހަރަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން މަރުގެ އަދަބު ތަންފީޒުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ. މައުލޫމާތު ލިބޭގޮތުގައި 1961 ވަނަ އަހަރު މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ ދަންޖައްސައިގެންނެވެ.



