ސްވިސްގެ ރައީސް ފާމަލިން މޯދީއާ ބައްދަލުކޮށްފި

އިންޑިއާއާއި ސްވިޒަލެންޑާ ދެމެދު އޮތް ދެފަރާތުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސްވިސް ކޮންފެޑަރޭޝަންގެ ރައީސް ގާއި ފާމަލިން އިންޑިއާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފަށްޓަވައި، ހޯމަ ދުވަހު ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ފާމަލިންގެ މި ދަތުރުފުޅަކީ، އިންޑިއާއާއި ޔޫރަޕިއަން ފްރީ ޓްރޭޑް އެސޯސިއޭޝަން (އީ.އެފް.ޓީ.އޭ) އާ ދެމެދު ޤާއިމުކޮށްފައިވާ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބަސްވުން (ޓެޕާ) އަށް އަމަލުކުރަން ފެށިތާ އެއް އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވެސް ވަނީ ސްވިސް ރައީސާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި ’ޓެޕާ‘ އެއްބަސްވުމުގެ ދަށުން ލިބޭނެ ކުރިއެރުންތަކާ މެދު ފާމަލިން ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއާއެކު ބޭއްވުނު ބައްދަލުވުމުގެ ސަބަބުން ތަފާތު އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

jaishankr

ރައީސް ފާމަލިންގެ ރަސްމީ ދަތުރުފުޅު ފެއްޓެވީ ރާޝްތުރަޕަތީ ބަވަންގައި ބޭއްވުނު ރަސްމީ އިސްތިޤްބލަކުންނެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫ އާއި ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ފާމަލިން ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުން ވެސް އެ ޤައުމުތަކުގެ ގުޅުމަށް ދޭ އަހަންމިއްޔަތު ހާމަކޮށްދޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އިންޑިއާއާއި ސްވިޒަލެންޑުގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުން ޤަބޫލުކުރާ ޑިމޮކްރެޓިކް ހަމަތަކާއި، އިތުބާރާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަދި ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، އައު އުސްމިންތަކަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ’ޓެޕާ‘ އެއްބަސްވުމަށް އަހަރު ފުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މިއީ މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ވަޒަންކޮށް، ކުރިމަގުގައި ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ބައްޓަންކުރުމަށް ލިބޭ އެންމެ އެކަށީގެންވާ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ފާމަލިން އިންޑިއާގެ އިސްވެރިންނާއެކު ވިޔަފާރި، އިންވެސްޓްމަންޓް، ސައިންސާއި ޓެކްނޮލޮޖީ، އީޖާދީ މަސައްކަތްތައް، ދަތުރުފަތުރު، ސަގާފީ ބަދަލުތައް އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި، މަލްޓިލޭޓަރަލް ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވޭނެ އެވެ.

ސްވިސް ރައީސްގެ އަރިހުގައި އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެ އެވެ.

މިއީ ރައީސް ފާމަލިން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް، މިއީ މިއަހަރުގެ ފެބްރުއަރީ މަހު ނިއުދިއްލީގައި ބޭއްވުނު ’އޭ.އައި އިމްޕެކްޓް ސަމިޓް‘ ގައި ބައިވެރިވެވަޑައިގަތުމަށްފަހު، އޭނާ އިންޑިއާއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.