
އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޮންއަޅާ ބޯޓުތައް އަނބުރާ ގެންގޮސްފި
ސަލާމަތީ ގޮތުން ކުރިމަތިވި ކަންބޮޑުވުންތަކަކާ ގުޅިގެން، އިނގިރޭސިވިލާތުގެ އެއަރބޭސްއެއްގައި ތިބި ބީ-1 ބޮންއަޅާ ބޯޓުތައް އެމެރިކާއިން އަނބުރާ ގެންގޮސްފި އެވެ.
މިދިޔަ މަހު ހިނގި ސިއްރުވެރި ސަލާމަތީ ހާދިސާއަކާ ގުޅިގެން ކައުންޓަރ ޓެރަރިޒަމް އިން ތަޙްޤީޤް ކުރަމުންދާ އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއަރފޯޑްގައި ތިބި ބީ-1 ބޮންއަޅާ ހުރިހާ ބޯޓުތަކެއް އަނބުރާ ގެންގޮސްފައިވާކަން އެމެރިކާއިން އާދީއްތަ ދުވަހު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ މި ބޭސް ކައިރީގައި، ގިނަ އަދަދެއްގެ ވޭންތަކަކާއެކު އުޅުނު ބަޔަކު ”ޝައްކުކުރެވޭ“ އަމަލުތަކެއް ހިންގާ ކަމަށް އެ ސަރަހައްދުގެ ދަނޑުވެރިއަކު ރިޕޯޓު ކުރުމާ ގުޅިގެން، ސެޕްޓެމްބަރު 27 ވަނަ ދުވަހު ފުލުހުން އެތަނަށް ދިޔައެވެ.
އިރާނަށް ހަމަލާ ދިނުމަށް އެމެރިކާއިން ބޭނުންކުރަމުންދިޔަ މި އެއަރބޭސް ކައިރީގައި ހުރި 85 ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ.
ކައުންޓަރ ޓެރަރިޒަމް ފުލުހުން ބުނި ގޮތުގައި، އެ ވޭންތަކުން އެއްވެސް ގޮވާއެއްޗެއް ފެނިފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ޕެޓްރޯލް ވަނީ ފެނިފަ އެވެ.
ޕެންޓަގަންގެ އޮފިޝަލަކު އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާރް.އޭ.އެފް ފެއަރފޯޑްގައި ތިބި އެމެރިކާގެ ހުރިހާ ބޮންއަޅާ ބޯޓުތަކެއް މިހާރު އެމެރިކާގައި ހުންނަ އެ ބޯޓުތަކުގެ އަސްލު މަރުކަޒުތަކަށް އަނބުރާ ގޮސްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަލް ސެކިއުރިޓީގެ ސަބަބުން، އަސްކަރީ ވަސީލަތްތަކާއި ސިފައިންގެ ހަރަކާތްތައް ވަގުތުން ވަގުތަށް ހާމަކުރެވެން ނެތް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މި ހާދިސާގެ ފަހަތުގައި ވަނީ ޓެރަރިޒަމްގެ ނުރައްކަލެއްތޯ ނުވަތަ ތެޔޮ ވަގަށް ނެގުމުގެ އަމަލެއްތޯއާ މެދު ސުވާލު އުފެދިފައިވާއިރު، މި ހަފުތާގައި އިނގިރޭސިވިލާތުގެ ހަކަތައިގެ އަގު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފަ އެވެ.
އިނގިރޭސި ބޮޑުވަޒީރު އެންޑީ ބަރންހަމް ވިދާޅުވި ގޮތުގައި މި ހާދިސާގައި އިރާނުގެ ބައިވެރިވުން އޮތް ކަމުގެ ”ވަރުގަދަ ނިޝާންތަކެއް“ އެބަހުއްޓެވެ. ނަމަވެސް ތެހެރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ލަންޑަނުން ހައްޔަރުކުރި އިނގިރޭސިވިލާތުގެ ހަ މީހުން (މީގެ ތެރޭގައި އިނގިރޭސި އަދި އިރާނުގެ ރައްޔިތުކަން އޮތް މީހަކު ހިމެނޭ) ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅިގެން އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ އެގޮތަށް އަމަލު ނުކުރެއްވީސް ކަމަށެވެ. އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ތުހުމަތު ކުރެއްވި ގޮތުގައި މިކަމުގައި ބޭރުގެ ފަރާތެއްގެ އަތެއްވެ އެވެ.
ލަންޑަނުގައި ހުންނަ އިރާނުގެ އެމްބަސީން ބުނެފައިވަނީ ތެހެރާނުގެ ބައިވެރިވުން އޮތް ކަމަށް ދެކެވޭ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ދޮގުކުރާ ކަމަށެވެ.
މި ހާދިސާ އިތުރަށް ސިއްރުވެރިވެގެން ދިޔައީ، ފުލުހުންނަށް މިކަމުގެ މައުލޫމާތު ދިނީ ހައްޔަރުކުރި މީހުންގެ ތެރެއިން މީހެއް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ފުލުހުން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިރާނާ ދެކޮޅަށް ހިންގާ ”ޚާއްޞަ ދިފާޢީ އޮޕަރޭޝަންތަކުގައި“ ފެއަރފޯޑް ބޭސް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިނީ މާރިޗު މަހުގަ އެވެ.
އޭގެ ފަހުން އެމެރިކާގެ ބޮންއަޅާ ބޯޓުތަކާއި އެހެނިހެން މަތިންދާބޯޓުތައް އެ ބޭސްއަށް ޖައްސާ އަދި ފުރާ މަންޒަރު ވަނީ ފެނިފަ އެވެ.
ފެއަރފޯޑަކީ މި ބޭނުމަށް އިނގިރޭސިވިލާތުގެ މައި ބިމުގައި ބޭނުންކުރާ ހަމައެކަނި އެއަރބޭސްއެވެ.
މި ހާދިސާ ހިނގާފައިވަނީ، އެއަރބޭސް ކައިރީގައި އޮންނަ ވެލްފޯޑް އަވަށުގައި ދިރިއުޅޭ ދަނޑުވެރިއަކަށް، ތިން ވޭންއަކުން މަގު ބަންދުކޮށްގެން ތިބި މޫނު ނިވާކޮށްގެން ތިބި ބަޔަކު ފިލަން ދަނިކޮށް ފެނިގެން ފުލުހުންނަށް ގުޅުމުންނެވެ.
އެ ވޭންތަކުގެ މަތިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭގައި ތެޔޮ ފީފާތަކެއް ހުއްޓެވެ. އަދި އޭގެ ތެރެއިން އެއް ވޭންގައި ޑީސަލް ސަޕްލައި ކުރާ ކުންފުންޏެއްގެ ފޭކު ލޯގޯއަކާއި ފޯނު ނަންބަރެއް ޖަހާފައި ހުއްޓެވެ.



