
ތިން އަހަރަށްފަހު ގާޒާގެ ދަރިވަރުން ކިޔެވުމަށް އެނބުރި އަތުވެއްޖެ
ކުދިންގެ ފަރާތުން ފެންނަނީ އުފާވެރިކަން
ތަޢުލީމީ ދާއިރާގެ އިސް އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، ވަޤުތީ ގޮތުން ހަދާފައިވާ އަމިއްލަ ސްކޫލްތަކާއި އުނގަންނައިދޭ މަރުކަޒުތަކުގައި މިއަހަރު މަދުވެގެން 540،000 ދަރިވަރުން ކިޔަވަން ފަށާނެ ކަމަށް ބެލެވެ އެވެ.
އަސާސީ ތަކެތީގެ ދަތިކަން އިންތިހާއަށް އޮތް ނަމަވެސް، ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ގާޒާގެ އެތައް ލައްކަ ކުދިންނެއް ވަނީ ސްކޫލްތަކަށް ހާޒިރުވެ ކިޔަވަން ފަށާފަ އެވެ.
މި ދަރިވަރުން ކިޔަވަމުންދަނީ ހަނގުރާމައިގައި ގެއްލުން ލިބިފައިވާ އިމާރާތްތަކާއި، ވަޤުތީ ގޮތުން ތައްޔާރުކޮށްފައިވާ ތަންތަނުގެ އިތުރުން ފޭލިގެތަކުގަ އެވެ.
ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކާއެކުވެސް، ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުގެ އެހީތެރިކަމާއެކު އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2026-27 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
މިގޮތުން ފޭލިގެއާއި، ފޮތިގަނޑާއި، ޓިިނާއި ލަކުޑި ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭނެ އެތައް ވަޤުތީ މަރުކަޒުތަކެއް ވަނީ ޤާއިމުކޮށްފަ އެވެ.
އާ ދިރާސީ އަހަރުގެ ކިޔެވުން ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުނުއިރު، ދަރިވަރުން ކިޔަވަމުންދަނީ އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްޢިއްޔާ (ޔުނިސެފް) އާއި އެހެނިހެން ޖަމްޢިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގަ އެވެ.
އދ. އިން ހާމަކުރި ގޮތުގައި ގާޒާގެ އެކި ސަރަހައްދުތަކުގައި ކިޔަވައިދިނުމަށް 359 ވަޤުތީ މަރުކަޒެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ހާލަތު އިންތިހާއަށް ދަތި ނަމަވެސް، ސްކޫލަށް ދާން ފެށުމުން ގިނަ ކުދިންނަށް ވަނީ ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފަ އެވެ.
ދަރިވަރެއް ކަމަށްވާ މުއައްޔަދު އަބޫ މުސްތަފާ ރޮއިޓާސްއަށް ބުނި ގޮތުގައި، އޭނާ އެންމެ ފަހުން ސްކޫލަށް ދިޔައީ މީގެ ތިން އަހަރު ކުރިންނެވެ. އަދި މިއީ އުފާވެރިކަމާއި ކާމިޔާބީގެ އަހަރަކަށް ވާނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ.
ފޭލިގެތަކުގައި ތިބެގެން ނަމަވެސް ކިޔެވުން ކުރިއަށް ގެންދިއުމަށް ދަރިވަރުން ތިބީ އަޒުމް ކަނޑައަޅައިގެންނެވެ.
”ކޮންމެ ހާލެއްގައި ވިޔަސް އަހަރެމެން ކިޔަވާނަން، ފޭލިގެއެއްގެ ތެރޭގައި ތިބެގެންވެސް އަހަރެމެން އުނގެނޭނަން،“ އޭނާ ބުންޏެވެ. ހަނގުރާމައިގައި ރައްޓެހިން ގެއްލި، އަދި ކިޔަވަން ބޭނުންވާ ފޮތާއި ގަލަމާއި އެކަށީގެންވާ ބޫޓެއް ނެތް ނަމަވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ.
ޔުނިސެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާޒާގެ ސްކޫލްތަކުގެ 90 އިންސައްތަ ވަނީ ހަނގުރާމައިގައި ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އިސް އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 660,000 ދަރިވަރުންނަށް ވަނީ ސްކޫލަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތާއި ޤަވާޢިދުން ތަޢުލީމު އުނގެނުމުގެ ޙައްޤުން މަހުރޫމްވާން ޖެހިފަ އެވެ.



