
ވީޑިއޯގައި ފެންނަނީ ނައްތާލުމަށް ހުއްދަދެވިފައިވާ ސައިކަލުތަކެއް: ފުލުހުން
ދައުރުވަމުން ދަނީ، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ގެންދިޔަ މަންޒަރުކަމަށް ފުލުހުން ބުނެފި އެވެ.
މީސް މީޑިއާގައި ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތްތަކުން ހަވާލު ނުވުމުގެ ސަބަބުން ޤާނޫނީ އަދި އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި އިޖްރާއަތްތައް ފުރިހަމަ ކުރުމަށްފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަދެވިފައިވާ އުޅަނދުތަކެއް ކަމަށެވެ.
އަދި ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް ދޭއްއިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްކުރަމުންދިޔަ މަންޒަރު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ޓްރަކްއަކުން ސައިކަލެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމުން، ފުލުހުން ’އިހާނެތިކޮށް އުޅަނދުތަކެއް އުކާލަނީ‘ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.



