އީރާނާއެކު ގުޅުން ބަދަހިކޮށް، ސަރަހައްދީ ސަލާމަތީ އައު އޮނިގަނޑެއް ޤާއިމުކުރަންޖެހޭ – ގަތަރުގެ ބޮޑުވަޒީރު

އީރާނާއެކު ބާއްވަންޖެހޭ ގުޅުން ބަދަހިކޮށް، ސަރަހައްދީ ސަލާމަތީ އައު އޮނިގަނޑެއް ގާއިމުކުރަންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ހަމައެއާއެކު، ހޮރްމޫޒް ކަނޑުއޮޅީގެ މުހިންމުކަން ކުޑަކުރެވިދާނެ ކަމަށް އެމެރިކާއިން ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށާއި، ގޭސް ހޮޅިއެއް އެޅުމުގެ އެއްވެސް މަޝްރޫއެއް ނެތް ކަމަށް ޤަޠަރުގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤަޠަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އައްޘާނީ ވިދާޅުވީ، މެދުއިރުމައްޗަށް އީރާންވެސް ހިމެނޭ ފަދަ ”ސަރަހައްދީ ސަލާމަތީ އައު އޮނިގަނޑެއް“ ބޭނުންވާ ކަމަށެވެ. އަދި އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މުޅި ސަރަހައްދަށް ލިބުނު ”ހޭލުންތެރިކަމުގެ ސިގްނަލެއް“ ކަމުގައި ބެލުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

އާދިއްތަ ދުވަހު ނިއުޔޯކްގައި ބޭއްވި ’ޤަޠަރު އިކޮނޮމިކް ފޯރަމް‘ ގައި ވާހަކަދައްކަވަމުން އައްޘާނީ ވިދާޅުވީ، ”އީރާނަކީ އަޅުގަނޑުމެންގެ އަވަށްޓެރިއެއް“ ކަމަށެވެ.

”މި ސަރަހައްދުގެ ޤައުމުތަކުން ޒިންމާދާރުކަމާއެކު ގުޅިގެން މަސައްކަތްކުރަންޖެހޭ. އަދި އީރާނާއެކު ބަދަހި ގުޅުމެއް ބޭއްވުމަކީ ކޮންމެހެން މުހިންމު ކަމެއް،“ އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން އުންމީދު ކުރަނީ މި ހަނގުރާމައަކީ އެންމެންނަށްވެސް ލިބުނު ފިލާވަޅަކަށް ވާނެ ކަމަށް.“- މުޙައްމަދު ބިން ޢަބްދުއްރަޙްމާން އައްޘާނީ

ޤަޠަރުގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، މަސްތަކެއް ވަންދެން ހަމަލާތައް މަދުވެފައި އޮތުމަށްފަހު، އެމެރިކާއިން އަނެއްކާވެސް ސީދާ ހަމަލާތައް ދޭން ފަށަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްވެސް ރަސްމީ ސަބަބެއް ބަޔާންނުކޮށް، ކޭމްޕް ޑޭވިޑްގައި ހޭދަކުރައްވަމުން ގެންދެވި ޗުއްޓީ ކުރުކޮށްލައްވާފަ އެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ސަލާމަތީ އައު އިންޒާރެއް ނެރެފަ އެވެ.

ފޮކްސް ނިއުސްގެ ރިޕޯޓަރަކަށް މަޢުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވި ކަމަށްވަނީ، ”މާލަސްތަކެއް ނުވެ ވަރަށް ބޮޑެތި ކަންތައްތަކެއް ފެނިގެންދާނެ“ ކަމަށެވެ. އަދި އޭނާ ދިރާސާކުރަމުންދާ ގޮތްތަކުގެ ތެރޭގައި ”އީރާން މުޅިން ފުނޑުފުނޑުކޮށްލުން، އިޤްތިޞާދީ ގޮތުން އިނދަޖައްސާލުން ނުވަތަ އެއްބަސްވުމަކަށް އައުން“ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ވޮޝިންޓަނުން މި ހަނގުރާމަ ހުއްޓާލުމަށް ގަލްފުގެ ބައެއް ޤައުމުތަކުން އެދެމުންދިޔަ ނަމަވެސް، އީރާނުގެ ރައްދު ހަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ގަލްފުގެ ޢަރަބި ޤައުމުތަކަށެވެ.

އީރާނުން ވަނީ މި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޓްރަމްޕްގެ ސަރުކާރުން އަދިވެސް މި ގެއްލުންތަކުގެ ބޮޑުމިން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

ދުނިޔޭގެ އިޤްތިޞާދަށްވެސް މި ހަނގުރާމައިގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާއިރު، ޚައްޞަކޮށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން އެކަމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ކޭޕްލާގެ ޝިޕް-ޓްރެކިން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބަންދު ދުވަސްތަކުގައި އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ 12 އުޅަނދެވެ.

އާދިއްތަ ދުވަހުގެ ކުރީކޮޅު ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވިދާޅުވީ، ސަރަހައްދަށް ”އައު ވިސްނުމެއް“ ބޭނުންވާ ކަމަށާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި ”އީރާނާއި ޢަރަބި“ ޤައުމުތަކުގެ ބައިވެރިވުން ހިމަނަންޖެހޭ ކަމަށެވެ.

ޤަޠަރާއި ގަލްފުގެ އަވަށްޓެރި ޤައުމުތަކަށް މި ހަމަނުޖެހުންތަކަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

ޤަޠަރު، ކުވައިތު، ބަހްރޭން، އިރާގު އަދި ޔޫއޭއީއަކީ ހަކަތަ އެކްސްޕޯޓް ކުރުމަށާއި މުދާ އިމްޕޯޓް ކުރުމަށް މައިގަނޑު ގޮތެއްގައި ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވާ ޤައުމުތަކެވެ.

މީގެ އިތުރުން، މި ކްރައިސިސްގެ ސަބަބުން ޤަޠަރުގެ އެލްއެންޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އުފެއްދުން އިތުރުކުރުމަށް ރާވާފައިވާ މަޝްރޫއުތަކަށްވެސް ވަނީ ބުރޫއަރާފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި ބްލޮކޭޑް ކޮށްފައި އޮތުމުގެ ސަބަބުން، ޤަޠަރުން ވަނީ މި މަހުގެ ކުރީކޮޅު އެލްއެންޖީ ފޮނުވުމަށް ހުރި ’ފޯސް މެޖޫއާ‘ މުއްދަތު ނޮވެމްބަރު މަހުގެ ކުރީކޮޅާ ހަމައަށް އިތުރުކޮށްފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި ނޫން އެހެން މަގަކުން ދަތުރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން އެ ހޮޅިން މަސައްކަތްކުރުން ވަނީ ހުއްޓިފަ އެވެ.

ސަޢޫދީން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިރާޤުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ.

މި ހަމަލާ ދީފައިވަނީ ޔަމަނުގެ ހޫޘީން މުޅި ރަތްކަނޑުގެ އައްސޭރިފަށުގެ ކޮންޓްރޯލް ހޯދާފައިވާ ދަނޑިވަޅެއްގަ އެވެ.

ހޫޘީން ވަނީ ސަޢޫދީގެ އުޅަނދުތަކަށް ބްލޮކޭޑެއް ކުރިމަތިކޮށް، މިދިޔަ ބަންދު ދުވަސްތަކުގައި ރިޔާޒް އެއާޕޯޓަށްވެސް ހަމަލާދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.