ފްރާންސްގެ ކޯޗުކަމާ ޒިދާން ހަވާލުވުމަކީ ފިލްމެއް ފަދަ ކަމެއް ކަމަށް އެމްބާޕޭ ބުނެފި

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެން ފުރުޞަޠު ލިބުމަކީ ފިލްމެއްގެ މަންޒަރެއް ފަދަ ކަމެއް ކަމަށް ކީލިއަން އެމްބާޕޭ ދުވަހު ބުނެފި އެވެ.

މިއީ މި ދެމީހުން އެންމެ ފުރަތަމަ ބައްދަލުވިތާ 15 އަހަރު ފަހެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިދާން، ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހުކުރު ދުވަހު ޑިޑިއޭ ޑެޝޯމްޕްސްގެ ބަދަލުގަ އެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި ނޭޝަންސް ލީގުގައި ތުރުކީއާ ދެކޮޅަށް ނުކުންނާނީ އިޒްމިޓްގަ އެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ ’އޭއެސް‘ އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ، އޭނާއަށް އުމުރުން 13 ނުވަތަ 14 އަހަރުގައި ރެއާލް މެޑްރިޑްގެ ޔޫތު ޓީމުގެ ޓްރަޔަލް އަކަށް ދިޔުމުން، އޭނާ ބަލާ އައިސް ޓްރެއިނިން ކޮމްޕްލެކްސަށް ގެންގޮސްދިން ފުރަތަމަ މީހަކީ ޒިދާން ކަމަށެވެ.

”މިހާރު އޭނާއަކީ މަގޭ ޤައުމީ ޓީމުގެ ކޯޗު. މިއީ ހީވަނީ ފިލްމެއްހެން، އެކަމަކު މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއް. މިއީ ޙަޤީޤަތެއް،“ އެމްބާޕޭ ބުންޏެވެ.

ފާއިތުވި 14 އަހަރު ކޯޗުކަމުގައި ހުރި ޑެޝޯމްޕްސްގެ ފަހު މުބާރާތް ނިމިގެންދިޔައީ މާޔޫސްކަމާއެކުގަ އެވެ. އެއީ ޖުލައި މަހު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން ފްރާންސް ބަލިވުމުންނެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސުން ޔޫރޯ 2028 އަށް ތައްޔާރުވުމުގެ މަސައްކަތް ފަށާނީ ނޭޝަންސް ލީގުގެ ހަތަރު މެޗަކުންނެވެ.

މީގެ ތެރޭގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ ދެ މެޗާއި، ސްޓޭޑް ޑި ފްރާންސްގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗު ހިމެނެ އެވެ.

އެމްބާޕޭ ބުނި ގޮތުގައި ފްރާންސް ޓީމުން މި ފަށަނީ އާ މަރުހަލާއެކެވެ. ކުރިއަށް އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވާން ދެ އަހަރު ދުވަސް އޮތްއިރު، މިހާރު މުޅި ޓީމުގެ ފޯކަސް ހުރީ އެކަމަށެވެ.

”މިއީ އާ ކޯޗަކާއެކު ފެށޭ އާ ދައުރެއް. ނޭޝަންސް ލީގުގެ ހަތަރު މެޗު އެބައޮތް، އެ މެޗުތައް ދާގޮތެއް އަހަރެމެން ބަލާނަން. މިއީ އެންމެންނަށްވެސް އާ ތަޖުރިބާއަކަށް ވާނެ، ސަބަބަކީ އަހަރެމެންނަށް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ޑެޝޯމްޕްސް ކަމަށްވާތީ. މިއީ އަންނާނެ ބަދަލެއް، އެކަމަކު ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށް ކަމަށް ޤަބޫލުކުރަން،“ އޭނާ އިތުރަށް ބުންޏެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑާއެކު އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން އަށް ގޯލު ޖަހާފަ އެވެ. ނަމަވެސް އާދިއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި އޭނާއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

ހޯސޭ މޮރީނިއޯ އަލުން ސަންތިއާގޯ ބާނަބިއުއާ ހަވާލުވީ، ބޮޑު މުބާރާތެއްގެ ތަށި ނުލިބި ދިޔަ ދެ ސީޒަނަށްފަހު އެކަން ބަދަލުކުރުމުގެ މަޤްސަދުގަ އެވެ. ނަމަވެސް ލަލީގާގައި ރެއާލް މިހާރު އޮތީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއަށްވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ.

”އެހެން މީހުންނަށް ވާހަކަ ދެއްކިދާނެ، އެކަމަކު އަހަރެމެން ޖެހޭނީ ރެއާލް މެޑްރިޑަށް ކާމިޔާބީ ހޯދައިދީ، ސަޕޯޓަރުންގެ އުއްމީދުތައް އާކުރުމަށް އިތުރަށް މަސައްކަތް ކުރަން،“ އެމްބާޕޭ ބުންޏެވެ.

އެތުލެޓިކޯ އަތުން 2-1 އިން ބަލިވި މެޗުގައި ރެފްރީގެ ނިންމުންތަކަށް މޮރީނިއޯ ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް، އެމްބާޕޭ އެކަމުގައި މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ.

”އަހަރެންގެ ޚިޔާލުތަކެއް އެބަހުރި، އެކަމަކު އެ ވާހަކަތައް ބާއްވާނީ އަހަރެންގެ އަމިއްލަ ނަފްސަށް. އަހަރެންނަކީ ދުވަހަކުވެސް އެކަހަލަ ކުޅުންތެރިއެއް ނޫން، އަދި މިހާރު އެކަން ފަށާކަށްވެސް ނެތިން. ރެފްރީއަކީވެސް އިންސާނެއް، ކުށްތައް ކުރެވޭނެ. ބައެއް ކުށްތައް ހިނގި، އެކަމަކު އަހަރެން ބޭނުމެއް ނޫން އެ ބަހުސްގެ ތެރެއަށް ވަންނާކަށް،“ އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.