
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި
ރަސްމާލެ ސަރަހައްދުގައި ’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ‘ ގެ ނަމުގައި 20 ބިލިއަން އެމެރިކާ ޑޮލަރު ގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު އީގަލް ހިލްސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރުއެވެ.
މި އެއްބަސްވުމުގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން މަޝްރޫއު ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާ އާއި ހޮސްޕިޓާލިޓީ ދާއިރާގެ ވަސީލަތްތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ވޯޓާފްރަންޓް ލެޝާ، ރީޓެއިލް، އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ތައުލީމީ، ސިއްހީ އަދި މުޖުތަމައަށް ބޭނުންވާ މުހިންމު ހިދުމަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ހާއްސަ ގައުމެއް ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ރާއްޖޭގެ މި ހާއްސަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ދުނިޔޭގެ ފެންވަރުގެ ފުރިހަމަ މަޝްރޫއެއް ބިނާކުރުން ކަމަށް އަލައްބާރު ވިދާޅުވިއެވެ.
”މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިއަށްގެންދެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް. ބޭރުގެ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވެގެންދާއިރު، 54،000 އަށް ވުރެ ގިނަ ވަޒީފާ އާއި ދިވެހި އާއިލާތަކަށް އެތައް ހާސް ބޯހިޔާވަހިކަމެއް ފަހިވެގެންދާނެ. މިއީ ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، އަދި ޓެކްސްގެ އިނާޔަތްތަކެއް ނުދީ، ވިއްކާ ކޮންމެ ޔުނިޓަކުން ސީދާ ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ހާސިލުކުރެވޭ ކާމިޔާބީއެއް“ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން ރިއަލް އެސްޓޭޓް ސިނާއަތަކީ އިގްތިސާދުގެ މައި ތަނބަކަށް ހަދައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅަކީ ވެސް މިއީ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
އިގްތިސާދީ އަންދާޒާތަކުން ދައްކާ ގޮތުގައި މަޝްރޫއުގެ މުޅި މުއްދަތުގައި ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި 30 ބިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖޭގެ އިގްތިސާދަށް ވަންނާނެ ނެޓް އިންވެސްޓްމަންޓެވެ. އަދި މަޝްރޫއު ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމަށް ހިދުމަތް ފުޅާކޮށް، 45 ހޮޓަލުގެ ހޮސްޕިޓާލިޓީ ޕޯޓްފޯލިއޯއެއް އޮތް، ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.



