
ކާށިދޫ ކަނޑުގައި ދިޔަވަމުންދިޔަ ދޯންޏެއް ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި
ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް ހާދިސާއެއް ދިމާވ،ެ ދިޔަވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މީޑީއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެފަރާތުން ބުނެފައި ވަނީ، މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ”ސީލައިން 3“ ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދިޔަވާ ކަމުގެ މައުލޫމާތު މިއަދު 09:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަަމަށް ވެސް ބުނެފައިވެ އެވެ.
މިހާދިސާ ހިނގާފައިވަނީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފަވާ ކަމަށާއި، މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ 4 މީހުން ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.



