
ރޮނާލްޑޯގެ އަލް-ނަސްރަށް ލަދުވެތި ނަތީޖާއެއް
އޭޝިއަން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އަލް-އައިން އަތުން 4-0 އިން ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރު ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި ރޮނާލްޑޯ އާއި އަލް-ނަސްރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަލް-އައިން އަތުން މިދިޔަ އަންގާރަ ދުވަހު ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ތަށި މީގެ ކުރިން ދުވަހަކުވެސް ކާމިޔާބު ކުރެވިފައި ނުވާ ސަޢޫދީ ޢަރަބިއްޔާގެ ޗެމްޕިއަނުންގެ މައްޗަށް، މެޗުގެ 25 ވަނަ މިނެޓުގައި ހުސައިން ރަހީމީ ވަނީ އަލް-އައިންއަށް ކުރި ހޯދައިދީފަ އެވެ. އަދި ދެ ފަހަރު މުބާރާތުގެ ތަށި އުފުލާލާފައިވާ އަލް-އައިންގެ ލީޑު، މެޗުގެ ފަހު ބައިގައި ހުސައިން ރަހީމީ ވަނީ އިތުރަށް ފުޅާކޮށްދީފަ އެވެ.
މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް ހުސައިންގެ ކޮއްކޮ ސޫފިއާން ރަހީމީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ޖިއޮގިއޯސް ޖިއަކޫމާކިސް ހަތަރުވަނަ ލަނޑު ޖެހުމަށް ފުރުޞަޠު ތަނަވަސްކޮށްދިނީ ވެސް އޭނާ އެވެ.
މި މެޗުގައި ޢުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 980 ވަނަ ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ.
ނަމަވެސް މެޗުގެ ފަހުކޮޅު އޭނާ ފޮނުވާލި ހިލޭ ޖެހުން އަލް-އައިންގެ ގޯލްކީޕަރު ޚާލިދު އީސާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މެޗަށްފަހު އަލް-ނަސްރުގެ ކޯޗު އެންޖެ ޕޮސްޓެކޮގްލޫ ބުނީ ކުޅުންތެރިން އެމީހުންގެ އެންމެ ފުރިހަމަ މަސައްކަތް ކުރި ކަމަށާއި، މި ބައްޔަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. އަދި މުޅި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއްކަން އޭނާ ފާހަގަކުރި އެވެ. މި ނަތީޖާއާއެކު، ސަޢޫދީ ލީގުގެ ޗެމްޕިއަނުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގައި ސަޢޫދީގެ އެހެން ކްލަބްތަކަށް ލިބުނީ އެކި ކަހަލަ ނަތީޖާތަކެކެވެ. ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އަލް-ހިލާލް ވަނީ ޤަޠަރުގެ އަލް-ޣަރާފާ އަތުން 2-1 އިން މޮޅުވެފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ކުޅުންތެރިއަކު ރަތް ކާޑު ހޯދައިގެން މަދުވި ނަމަވެސް، ލިބުނު ޕެނަލްޓީއަކުން ރޫބެން ނެވޭސް ވަނީ އަލް-ހިލާލަށް ލީޑު ހޯދައިދީފަ އެވެ. އަދި ދެވަނަ ހާފުގައި ސާޖެއި މިލިންކޮވިޗް-ސަވިޗް ވަނީ ލަނޑެއް ޖަހައި މޮޅުވުން ކަށަވަރުކޮށްދީފަ އެވެ.
އަލް-އަހްލީ އާއި އަލް-އިއްތިހާދު ކުޅުނު މެޗުތައް 1-1 އިން އެއްވަރުވީ އުޒްބެކިސްތާނުގެ ޕަޚްތާކޯރް އާއި ޤަޠަރުގެ އަލް-ޝަމާލް އާ ވާދަކޮށެވެ.
ނަމަވެސް އަލް-ޤާދިސިއްޔާ ވަނީ ޔޫއޭއީގެ އަލް-ވަސްލް އަތުން 2-1 އިން މޮޅުވެ، މުބާރާތް ކާމިޔާބުކަމާއެކު ފަށާފަ އެވެ.



