
މެކްލެމޯރް ޕަލަސްޓީނުގެ ޙައްޤުގައި ދެއްވި ވާހަކަތަކަކާ ގުޅިގެން އެމެރިކާ ޓުއަރުން ވަކިކުރުމުން ބަޔަނެއް ނެރެފި
ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމާ ގުޅިގެން، އެޑް ޝީރަންގެ ޔޫ.އެސް ޓުއާ އިން ވަކިކުރުމުން އެމެރިކާގެ ރެޕަރ މެކްލެމޯ ނެރުނު ބަޔާނެއް ނެރެފި އެވެ.
”އަޅުގަނޑު މިއަދު މި ވާހަކަދައްކަނީ ވަރަށް އިޚްލާޞްތެރިކަމާއެކު ޙަޤީޤަތް ހާމަކުރުމަށެވެ. އެޑް ޝީރަން އާއި އޭނާގެ ޓީމުން ވަނީ ’ދަ ލޫޕް‘ ޓުއާ އިން އަޅުގަނޑު ވަކިކުރުމަށް ނިންމާފަ އެވެ.
މިކަމުގެ ތަފްސީލަށް ދިއުމުގެ ކުރިން، އެންމެންނަށްވެސް ސާފުވާންޖެހޭ މުހިންމު ވާހަކައެއް ބުނަން ބޭނުމެވެ. އަދި މި ދަނޑިވަޅުގައި މިއީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އަޅުގަނޑަކީ މިކަމުގައި އަނިޔާ ލިބުނު މީހެއް ނޫނެވެ.
އެޑް ޝީރަން އަކީވެސް އަނިޔާ ލިބުނު މީހެއް ނޫނެވެ. އަދި ޕިންކް އަކީވެސް އަނިޔާ ލިބުނު މީހެއް ނޫނެވެ. އަޅުގަނޑުމެންގެ ކެރިއަރާއި، ފައިސާއާއި، ފުރުޞަތުތަކާއި، ރައްކާތެރިކަމުގެ އިތުރުން މުޅި ދުނިޔޭގައި ސަޕޯޓަރުން އެބަތިއްބެވެ.
އަޅުގަނޑުމެން ދައްކާ ވާހަކައެއްގެ ސަބަބުން ކޮންމެ ފަދަ ނަތީޖާއަކާ ކުރިމަތިލާން ޖެހުނަސް، އަޅުގަނޑުމެންނަށް އެނބުރި ދާނެ ރައްކާތެރި ގެދޮރާއި ޢާއިލާތައް އެބަތިއްބެވެ.
ޙަޤީޤީ އަނިޔާ ލިބެމުންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އެއީ މަރާލެވިފައިވާ، ބަނޑަށް ޖެހިފައިވާ، ރަށްވެހިކަން ގެއްލިފައިވާ އަދި ބަޔާންކުރަންދަތި އަނިޔާވެރިކަމެއްގެ ތެރޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިންނެވެ.
ހަމައެކަނި ޣައްޒާއިންވެސް 20،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރާލާފަ އެވެ. މިއަދުވެސް މީހުން ދަނީ މަރަމުންނެވެ. އަދި މާދަމާވެސް މީހުން މަރާނެ އެވެ. އަޅުގަނޑު މި ވާހަކަ ހިއްސާކުރާއިރު، މި ޙަޤީޤަތް ހަނދާން ނައްތާނުލުމަކީ އަޅުގަނޑު އެދޭ ކަމެކެވެ.“
އޭނާ އިތުރަށް ބުނެފައިވެއެވެ، ”މިދިޔަ ހޯމަ ދުވަހު، މެޓްލައިފް ސްޓޭޑިއަމްގައި އަޅުގަނޑު ދެއްކި ވާހަކައާއި ޕިންކްއާ ގުޅޭގޮތުން މީޑިއާގެ ސަމާލުކަން ހުއްޓިފައިވަނިކޮށް، ރޮބަޓް ކްރާފްޓް އޭނާއަށް ގުޅި ކަމަށް އެޑް ބުންޏެވެ.
މި މަހުގެ ފަހުކޮޅު އަޅުގަނޑުމެން ޝޯ ދިނުމަށް ހަމަޖެހިފައިވަނީ ކްރާފްޓް ގްރޫޕްގެ މިލްކުވެރިކަމުގައިވާ ގިލެޓް ސްޓޭޑިއަމްގަ އެވެ. ކްރާފްޓްގެ ސްޓޭޑިއަމްގައި އަޅުގަނޑަށް ހުށަހަޅައިދިނުމުގެ ފުރުޞަތު ނުދޭނެ ކަމަށް އޭނާ ބުނި ކަމަށް އެޑް ކިޔައިދިނެވެ. އަދި ކްރާފްޓް އިސްވެ ހުރެ އެހެން ސްޓޭޑިއަމްތަކުގެ ވެރިންނާ ގުޅިގެން އެންމެ ފަހުގެ އިންޒާރު ދިން ކަމަށްވެސް އެޑް ބުންޏެވެ. އެއީ، މެކްލެމޯ މި ޓުއާގައި ހުރިނަމަ، އެމީހުންގެ އެއްވެސް ތަނެއްގައި ޝޯ ދިނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.“



