
ނިންޖަކީ ބޮޑު ނިޢުމަތެއް 01
ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ކެއިންބުއިމާއި ނިދުމުގެ ރަނގަޅު އާދަތަކެއް އަށަގެންނެވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުނުކުރެވޭފަދަ މަތިވެރި ނިޢުމަތެކެވެ.
އެއީ ދުވާލުގެ ބުރަ މަސައްކަތްތަކަށްފަހު، އަޅުގަނޑުމެންގެ ހަށިގަނޑާއި ސިކުނޑި ތާޒާވެ، އަރާމުލިބުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބޭނަމަ، އިންސާނާގެ މަސައްކަތްތަކަށާއި، ކިޔެވުމަށް ނުވަތަ ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް އޭގެ ނޭދެވޭ އަސަރު ފޯރަ އެވެ.
ނިދުމަކީ ހަށިގަނޑަށް ހަމަޖެހުމާއި އަރާމު ލިއްބައިދޭ އެންމެ ފުރިހަމަ ވަޞީލަތެވެ. މިކަމާ ގުޅޭގޮތުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ މިފަދައިން ވަޙީކުރައްވާފަ އެވެ.
وَجَعَلْنَا نَوْمَكُمْ سُبَاتًا
މާނައީ: ”އަދި ތިޔަބައިމީހުންގެ ނިދުމަކީ (ތިޔަބައިމީހުންގެ ހަށިގަނޑުތަކަށް) އަރާމެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ.“
މި އާޔަތުގެ ތަފްސީރުގައި ’ޚަޒާއިނުލް އިރްފާން‘ ގައި ބަޔާންކޮށްފައިވާ ގޮތުން، ނިދުމަކީ ހަށިގަނޑަށް ލިބޭ އަރާމެއްގެ އިތުރުން ވަރުބަލިކަން ފިލުވައިދޭ ކަމެކެވެ. ’ނޫރުލް އިރްފާން‘ ގައި ބަޔާންކޮށްފައިވާ ގޮތުގައި، ނިދުމަކީ އެންމެ ވަރުގަދަ މީހާގެ މައްޗަށްވެސް ގަދަވެގަންނަ ކަމެކެވެ. މިއިން ހާމަކޮށްދެނީ އިންސާނާގެ ނިކަމެތިކަމެވެ.
ނިދަންޖެހޭ މިންވަރު
ނިދި ބޭނުންވާ މިންވަރު ބިނާވެފައިވަނީ ޢުމުރާއި އެހެނިހެން ޞިއްޙީ ސަބަބުތަކުގެ މައްޗަށެވެ. ޢިލްމީ ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް 12 ގަޑިއިރާއި 15 ގަޑިއިރާ ދެމެދުގެ ނިދި ބޭނުންވެ އެވެ.
ޢުމުރުން 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް 7 ގަޑިއިރާއި 8 ގަޑިއިރުގެ ނިދި ބޭނުންވާއިރު، 40 އަހަރުން މަތީގެ މީހުންނަށް 6 ގަޑިއިރުގެ ނިދި ފުދެ އެވެ.
ނިދި މަދުވުމުގެ ގެއްލުންތައް
ނިދި މަދުވުމުގެ ސަބަބުން ޖިސްމާނީ އަދި ރޫޙާނީ ދުޅަހެޔޮކަމަށް ބުރޫއަރައި، ވަޒީފާއާއި، ތަޢުލީމާއި އަދި ޢާއިލީ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ.
ވަޒީފާގެ ގަޑީގައި ނިދުމަކީ މަސައްކަތުގެ ފެންވަރު ދަށްވެ، ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބަކަށް ވެދާނެ އެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ހާލުގައި އުޅަނދުފަހަރު ދުއްވާ މީހުންނާއި ފްލައިޓް ދުއްވާ މީހުންގެ ސަބަބުން، އެމީހުންގެ އަމިއްލަ ފުރާނައަށާއި ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވެ އެވެ.
ތަފާތު ތަޙުޤީޤުތަކުން އެނގޭ ގޮތުގައި، ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަނީ އުޅަނދު ދުއްވަން އިންނަ މީހާއަށް ނިދިޖެހުމުގެ ސަބަބުންނެވެ. ކިޔަވާ ކުއްޖަކަށް ފުދޭވަރަށް ނިދި ނުލިބޭނަމަ، އުނގަންނައިދޭ ފިލާވަޅުތައް ދެނެގަތުމަށް އެކުއްޖާއަށް އުނދަގޫވާނެ އެވެ.
ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި އުޅުނުކަމުގައިވިޔަސް، ނިދުމަކީ އިންސާނާގެ ޠަބީޢީ ބޭނުމެކެވެ. އެކަށީގެންވާ މިންވަރަށް ނިދި ނުލިބޭނަމަ ތަފާތު ބަލިތަކަށް ހުށަހެޅި، މީހާގެ މިޒާޖު ގޯސްވެ އެވެ. އަދި އަވަހަށް ރުޅިއައުމާއި، މީހުންނާ މުޢާމަލާތްކުރުމުގައި ހަރުކަށިވުމުގެ ސަބަބުން މީހުން އެމީހަކާ ދުރުވާގޮތްވެ އެވެ.
ލޭގެ ޕްރެޝަރު މަތިވުމާއި، ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ނިދި މަދުވުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެ އެވެ.
ނަމަވެސް އެކަށީގެންވާ މިންވަރަށް ނިދުމަކީ އެފަދަ ބަލިތަކުން އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭ ކަމެކެވެ. ސިކުނޑީގެ ސެލްތައް އަރާމެއް ނެތި ގިނައިރު މަސައްކަތްކުރާނަމަ، ހަށިގަނޑަށް ގެއްލުންދޭ މާއްދާތައް އުފެދި، އޭގެ ސަބަބުން ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ. މީގެ ތެރޭގައި ބުއްދި ފިލައިދިއުން ފަދަ ނުރައްކާތެރި ބަލިތައް ހިމެނެ އެވެ.
އިތުރަށް ނިދުން
ނުނިމޭ….



