
މައިންބަފައިންނަށް އިޙްތިރާމްކުރުން 05
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތް:
އިމާމް ނަވަވީ ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި ”ބިއްރުލްވާލިދައިން“ ނުވަތަ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި، ވާހަކަދެއްކުމުގެ ރާގާއި، ބޭނުންޖެހޭ ވަޤުތު މާލީ އެހީތެރިކަން ދިނުމާއި، އަދި އެމީހުން ނިޔާވުމަށްފަހުވެސް ދުޢާކުރުމާއި ޞަދަޤާތްކުރުން ހިމެނެ އެވެ.
އިސްރާ ސޫރަތުގައިވާ ފަދައިން އެމީހުންނަށް ”އުއްފު“ ވެސް ނުބުނުމަށާއި އަޑުގަދަ ނުކުރުމަށް އޮތް އަމުރުފުޅަކީ އަޚްލާޤީ ގޮތުން ހިފަހައްޓަންޖެހޭ ވަރަށް މަތީ މިންގަނޑެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!



