
ފީފާއިން ބައްސާމް މުޅި އުމުރަށް ސަސްޕެންޑުކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.
ފީފާއިން ބައްސާމްއާ ދެކޮޅަށް މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރު ދިވެހި ފުޓްބޯޅައަށް އެހީތެރިވުމަށް ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރި ކަން ސާބިތުވުމާ ގުޅިގެންނެވެ. ފީފާގެ އެހީގެ ފައިސާއަށް ޚިޔާނާތްތެރިވި މި މައްސަލައިގައި ޝަރީއަތުން ކުށް ސާބިތުވެ، ބައްސާމް މިވަގުތު ވެސް ގެންދަވަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މަނީ ލޯންޑަރިން އާއި ޚިޔާނާތް އަދި ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް ބަލަމުން ދަނިކޮށް، ކުރިން ވަގުތީ ސަސްޕެންޝަނެއްގައި ހުރި ބައްސާމް ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން އުމުރަށް އެކަހެރި ކުރުމަށް ނިންމީ ކަމަށެވެ. މީގެ އިތުރުން އެއް މިލިއަން ސްވިސް ފްރޭންކް (ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރު) އިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ފީފާގެ އެތިކްސް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަހުގީގު ކުރުމަށްޓަކައި މީގެ ކުރިން ވެސް ފީފާއިން ވަނީ އޭނާ މަގާމުން އެކަހެރިކޮށް، ވަގުތީ ސަސްޕެންޝަނެއް ދީފައެވެ.
ފީފާގެ ބަޔާނުގައި ވާގޮތުން، މި ޚިޔާނާތުގެ މައްސަލައިގައި އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓުމެންޓުގެ ކުރީގެ ހެޑް މުހައްމަދު އަގީލްއާ މެދު ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އަގީލް ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން 10 އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށް، 122،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
އަގީލްގެ މައްޗަށް މި ފިޔަވަޅު އެޅީ، ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމަށް އެހީތެރިވުމާއި، ފޯޖްކޮށްފައިވާ ސައްހަނޫން ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން، މި މައްސަލަ ބެލި ފީފާގެ މިނިވަން އެތިކްސް ކޮމިޓީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށް ފީފާއިން ހާމަކޮށްފައިވެއެވެ.



