
އިސްލާމްދީނުގައި ޑިޕްރެޝަން: މިކަމުން އަރައިގަނެވޭނެ 7 ގޮތެއް
އިސްލާމީ އިލްމުވެރިން ގަބޫލުފުޅުކުރައްވާ ގޮތުގައި ޑިޕްރެޝަނަކީ އިންސާނުންނަށް ކުރިމަތިވާ ހަގީގީ އިހުސާސެކެވެ. އެއީ އީމާންތެރިކަން ބަލިކަށިވުމުގެ ނިޝާނެއް ނޫނެވެ. ކީރިތި ގުރުއާނާއި ހަދީސްފުޅުތަކުން އެނގޭ ގޮތުގައި ހިތާމަޔާއި، ނުތަނަވަސްކަމާއި، ނަފްސާނީ ތަހައްމަލުތަކަކީ އިންސާނުންނަށް ކުރިމަތިވާނެ ކަންކަމެވެ. ޔައުގޫބުގެފާނާއި ޔޫނުސްގެފާނު ފަދަ ނަބީބޭކަލުންނަށްވެސް ބޮޑެތި ހިތާމަފުޅުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހީތެރިކަން ހޯދުމަށް އިސްލާމްދީން ބާރުއަޅައެވެ. ހަދީސްފުޅެއްގެ މާނައިގައިވެއެވެ: ”ޝިފާ ނުލައްވާ އެއްވެސް ބައްޔެއް ﷲ ތައާލާ ނުފޮނުއްވައެވެ.“ (އަބޫ ދާއޫދު). އެހެންކަމުން، ރޫހާނީ ކަންކަމުގެ އިތުރުން ފަންނީ ތެރަޕީ ހޯދުމަކީ މިފަދަ ހާލަތްތަކުގައި ކުރަންޖެހޭ ކަންކަމެވެ.
ޑިޕްރެޝަނަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަސަރުކުރާ އެންމެ އާންމު ނަފްސާނީ ބައްޔެވެ. ނަމަވެސް، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި، ހާއްސަކޮށް މި ސަރަހައްދުގައި މިކަމަކީ އައިބު ކަމެއްގެ ގޮތުގައި ބެލެވެއެވެ. ގިނަ ފަހަރަށް ނަފްސާނީ ބަލިތަކަކީ ހަށިގަނޑަށް ޖެހޭ ބައްޔެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އަދި ޑިޕްރެޝަނާއި ނުތަނަވަސްކަން ފަދަ ސީރިއަސް މައްސަލަތައް ފޮރުވައި، ހަމައެކަނި ނަމާދު ގިނަކުރުމަށް ނުވަތަ މާ ބޮޑަށް ނުވިސްނުމަށް ނަސޭހަތްދީ އެކަންކަން ދޫކޮށްލެވެއެވެ.
މުސްލިމުންގެ ގޮތުގައި ތިބޭއިރު، އަހަރެމެންނަށް ޑިޕްރެޝަން ކުރިމަތިވަނީ ނަމާދު ނުކުރާތީ ނުވަތަ ފަރުވާކުޑަ ކުރެވޭތީ ނުވަތަ ފާފައެއް ކުރެވޭތީ ކަމަށް ހީކުރެވެއެވެ. ނަމަވެސް މިއީ ކޮންމެހެން ރަނގަޅު ވިސްނުމެއް ނޫނެވެ. އިސްލާމްދީނުގައި ޑިޕްރެޝަނުން އަރައިގަތުމަށްޓަކައި އަމަލީ އަދި ރޫހާނީ ގޮތުން ފުރިހަމަ މަގުތަކެއް ދައްކައިދީފައިވެއެވެ. އެގޮތްތައް ތިރީގައި އެވަނީއެވެ.
ޑިޕްރެޝަނުން އަރައިގަންނާނެ ގޮތް (އިސްލާމީ ނަޒަރަކުން)
ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:
- މުސްލިމް ތެރަޕީގެ އެހީ ހޯދުން
ޑިޕްރެޝަނުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ބުރަވެދާނެއެވެ. ނަމަވެސް، އިސްލާމީ އުސޫލުތަކަށް އިހުތިރާމްކުރާ ތެރަޕީއެއްގެ އެހީގައި މި ގޮންޖެހުންތަކުން އަރައިގަނެވިދާނެއެވެ. މުސްލިމް ތެރަޕީން ދީނީ ގަބޫލުކުރުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ނޭދެވޭ ހިޔާލުތަކާއި އިހުސާސުތައް ކޮންޓްރޯލްކުރާނެ ގޮތްތައް ދަސްކޮށްދެއެވެ. ނަމާދާއި، ޛިކުރުކުރުމާއި، ކެތްތެރިކަމާއެކު މިފަދަ ފަރުވާތައް ކުރިއަށް ގެންދިއުމުން އުއްމީދު އާވެ، ދިރިއުޅުމުގެ މަގުސަދު ސާފުވެގެންދެއެވެ. - ނަމާދާއި ޛިކުރު
އުނދަގޫ ވަގުތުތަކުގައި ގިނަގިނައިން ނަމާދުކުރުމަށާއި ޛިކުރުކުރުމަށް އިސްލާމްދީން އަންގަވައެވެ. ޑިޕްރެޝަން އިހުސާސްވާނަމަ ﷲ ހަނދުމަކުރުން ގިނަކުރާށެވެ. މީގެ ސަބަބުން ނޭދެވޭ ހިޔާލުތަކުން ދުރުވެ، ހިތަށް ހަމަޖެހުން ލިބި، ކަންބޮޑުވުންތައް ލުއިވެގެންދާނެއެވެ. ”ސުބުޙާނަﷲ“، ”އަލްޙަމްދުލިއްލާހް“، އަދި ”ﷲ އަކުބަރު“ ފަދަ ކަލިމަތަކަކީ ކޮންމެ ވަގުތަކުވެސް ކިޔާލަން ފަސޭހަ، މާނަފުން ޛިކުރުތަކެކެވެ. - ސިއްހަތަށް ފައިދާހުރި ކާނާ
ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު އިސްލާމްދީނުގައިވެއެވެ. އޭގެ ތެރޭގައި ރަނގަޅު ކާނާ ބޭނުންކުރުން ހިމެނެއެވެ. ޒަމާނީ ސައިންސުން ސާބިތުވާ ގޮތުގައި އިސްލާމީ އިރުޝާދުތަކަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނުހަނު ފައިދާހުރި ކަންކަމެވެ. މިސާލަކަށް، ގިނައިން ފެން ބުއިމާއި، ކެއުމުގައި މެދުމިންގަނޑެއް ހިފެހެއްޓުމާއި، ވަކި ވަގުތުތަކެއްގައި ކެއުމާއި، ރޯދަ ހިފުން ފަދަ ކަންކަން ހިމެނެއެވެ. ކާބޯތަކެއްޗަށް ގެންނަ ހެޔޮ ބަދަލަކީ މިޒާޖު ރަނގަޅުކޮށްދޭ ކަމެކެވެ. - ތަބީއީ މާހައުލުގައި ވަގުތު ހޭދަކުރުން
ބޭރަށް ނުކުމެ ގުދުރަތީ ރީތިކަން ބަލައި، އޭގެ ފައިދާ ހޯދުމަށް އިސްލާމްދީން ބާރުއަޅައެވެ. ސައިންސުން އެނގޭ ގޮތުގައި އިރުގެ އަލިންނާއި ހަށިގަނޑު ހަރަކާތްތެރިކޮށް އުޅުމުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެއެވެ. ހަފުތާއަކު ތިން ހަތަރު ދުވަހު ބޭރުގައި ހިނގާލުމަކީ ޑިޕްރެޝަނުގެ އަލާމާތްތައް ކުޑަކޮށްދޭ ކަމެއްކަން ވަނީ ސާބިތުވެފައެވެ. - އަމިއްލަ ނަފްސާ މެދު ވިސްނުމާއި މެޑިޓޭޝަން
ރަސޫލާ (ﷺ) އެކަހެރިވެވަޑައިގެން ފުންކޮށް ވިސްނާވަޑައިގެން އުޅުއްވިކަން ހަދީސްތަކުން އެނގެއެވެ. ދަތި ހާލަތްތަކުން ދުރުވެ، އަމިއްލަ ނަފްސަށް ވަގުތު ހުސްކޮށް، ދިރިއުޅުމާ މެދު ފުންކޮށް ވިސްނުމަކީ ކުރިއެރުމަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅަކު ޝުކުރުވެރިވުމާއި ދިރިއުޅުމުގެ ކަންކަމާ މެދު ފިކުރުކުރުމަށް އާދަކުރުމުން، އެކަނިވެރިކަމާއި މާޔޫސްކަމުގެ އިހުސާސުން ދުރުވެވޭނެއެވެ. - ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން
ހަށިގަނޑުގެ ސިއްހަތަށް ސަމާލުކަން ދިނުމަށް ރަސޫލާ (ﷺ) ބާރުއެޅުއްވިއެވެ. އަދި އަޅުކަންކުރުމުގައިވެސް ހައްދުފަހަނަޅައި ނުދިއުމަށާއި، އަމިއްލަ ނަފްސަށް ގެއްލުންވާނެ ކަންކަމުން ދުރުވުމަށް އިރުޝާދު ދެއްވިއެވެ. ހަދީސްފުޅެއްގައިވެއެވެ: ”ހަމަކަށަވަރުން ތިބާގެ ހަށިގަނޑަށް ތިބާގެ މައްޗަށް ހައްގުތަކެއްވެއެވެ.“ (ޞަޙީޙުލް ބުޚާރީ). ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލެވެ. ކަސްރަތާއި، ރަނގަޅު ކާނާއާއި، އަރާމުކުރުމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. - ޝުކުރުވެރިވުމާއި ކެތްތެރިކަން
އިމްތިހާނުތަކާ ކުރިމަތިލެއްވުމުގައި ރަސޫލާ (ﷺ) ދެއްކެވީ ކެތްތެރިކަމުގެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު އެތައް ތަކުލީފުތަކަކާ ކުރިމަތިލެއްވި ނަމަވެސް، އީމާންތެރިކަންމަތީ ސާބިތުވެ ހުންނެވިއެވެ. އަދި ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަމެއް ވާނެކަން އުނގަންނައިދެއްވިއެވެ. ﷲ ތައާލާ ވަނީ ކީރިތި ގުރުއާނުގައި މިކަން ކަށަވަރުކޮށްދެއްވާފައެވެ: ”ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.“ (ސޫރަތުލް އިންޝިރާޙް 5-6). އެހެންކަމުން، މުސްލިމުންނަށް ދިމާވާ ދަތި ހާލަތްތަކަކީ އިމްތިހާނެއް ކަމަށް ބަލައި ކެތްތެރިވާންޖެހެއެވެ. އަދި ދަތިކަމުގެ ތެރޭގައިވެސް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
ނިންމުން
އިސްލާމީ ނަޒަރަކުން ބަލާއިރު ޑިޕްރެޝަނަކީ އީމާންތެރިކަން ބަލިކަށިވުމެއް ނޫނެވެ. އެއީ ﷲ އާ ކުއްތަންވުމަށް ލިބޭ އިމްތިހާނެކެވެ. ދިރިއުޅުމުގައި އުފަލާއި ހިތާމަވެސް އަންނާނެއެވެ. ނަމަވެސް ނަމާދާއި، ކެތްތެރިކަމާއި، ޛިކުރުކުރުމުގައި ދެމިހުރެއްޖެނަމަ ހިތަށް ހަމަޖެހުން ލިބޭނެއެވެ. އެހީތެރިކަން ހޯދުމާއި، ހަށިގަނޑަށް ފަރުވާތެރިވުމާއި، ﷲ ގެ ރަހުމަތުން އުއްމީދު ކަނޑާނުލުމަކީ މުހިންމު ކަމެކެވެ. ޑިޕްރެޝަން ކިތަންމެ ބޮޑުވިނަމަވެސް، ﷲގެ އެހީތެރިކަން އަބަދުވެސް ގާތުގައިވާކަން ހަނދުމަކުރާށެވެ. ޑިޕްރެޝަންގެ އިހުސާސް ކުރެވޭނަމަ، ފަންނީ ތެރަޕީގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.



