
ފުޓްބޯޅައިގެ ބައިނަލްއަޤްވާމީ އިދާރާތަކުން އިސްރާއީލުގެ ކްލަބުތަކަށް އެހީތެރިވަމުންދާ ގޮތް
ފަލަސްޠީނުގެ ކުޅިވަރު ވަސީލަތްތައް ސުންނާފަތިކޮށް، އިސްރާއީލުގެ ރެކްޕޮއިންޓްތަކުގެ ސަބަބުން ކުޅިވަރު ޙަރަކާތްތަކަށް ހުރަސްއެޅިފައިވާއިރު، ފީފާ އާއި ޔުއެފާއިން ދަނީ އިސްރާއީލުގެ އާބާދީތަކަށް ނިސްބަތްވާ ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ޤަތުލު ޢާންމާ ގުޅިގެން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ފުޓްބޯޅައިގެ ޙަރަކާތްތައް ވަނީ މުޅިން ހެން ހުއްޓުމަކަށް އައިސްފަ އެވެ.
ފަލަސްތީނުގެ ކުޅުންތެރިން ފަރިތަކުރުންތަކަށް ދިއުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، ރެކްޕޮއިންޓްތަކާއި އަސްކަރީ ބަންދުތަކުގެ ސަބަބުން މެޗުތައް އަންނަނީ ކެންސަލް ކުރަމުންނެވެ. އަދި ކުޅިވަރު ކުޅޭ އެތައް ސަތޭކަ ތަނެއް ވަނީ ހަލާކުކޮށްލާފަ އެވެ.
ނަމަވެސް، އިސްރާއީލުގެ ޣައިރުގާނޫނީ އާބާދީތަކުގައި ހުރި ފުޓްބޯޅަ ކްލަބުތައް ދަނީ ކުރިއަރަމުންނެވެ. އެ ކްލަބުތަކުގެ ވަޞީލަތްތައް ފުޅާކޮށް، ކުޅުންތެރިން ދަނީ މެދުކެނޑުމެއް ނެތް ގޮތެއްގައި ފަރިތަކުރުންތަކާއި މުބާރާތްތަކުގައި ބައިވެރިވަމުންނެވެ.
އިންވެސްޓިގޭޓިވް ޖާނަލިޒަމް (ARIJ) އާއި މިޑްލް އީސްޓް އައި (MEE) ގުޅިގެން ހެދި ތަހުގީގަކުން ހާމަވި ގޮތުގައި، މި އާބާދީތަކަށް ނިސްބަތްވާ ކްލަބުތައް އިސްރާއީލުގެ ލޯކަލް މުބާރާތްތަކުގައި ބައިވެރިވަނީ އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން (IFA) ގެ އެހީތެރިކަމާ އެކުގަ އެވެ.
ފީފާ އާއި ޔުއެފާއިން ދަނީ އެ އެސޯސިއޭޝަން ބަލައިގަނެ، މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފީފާއިން ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ކަމަށް ބުނި ނަމަވެސް، މި ކްލަބުތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ފީފާ ޕްލަސް ޕްލެޓްފޯމް މެދުވެރިކޮށް އެ ޓީމުތަކުގެ މެޗުތައް ދަނީ ދައްކަމުންނެވެ.
ފަލަސްތީނުގެ ޒުވާން ޤައުމީ ޓީމުގެ ގޯލްކީޕަރު މަހްދީ އަލްއާސީ ބުނި ގޮތުގައި، ދަނޑަށް ދިއުމަށްޓަކައި ރެކްޕޮއިންޓްތަކުގައި އެތައް ގަޑިއިރެއް ހޭދަކުރަންޖެހެ އެވެ. އަދި ފަރިތަކުރުންތަކުގެ ތެރެއަށް ސިފައިން ވަދެ ކަރުނަގޭސް ޖެހުމުގެ ސަބަބުން ތަމްރީނުތަކަށް ބުރޫއަރާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ކުޅޭ ތަނާ ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ”ގިވަތު ޒީވް“ އާބާދީގެ ދަނޑުގައި އިސްރާއީލުގެ ޓީމުތައް ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި ފަރިތަކުރަމުންނެވެ.
މެޗުތައް ބްރޯޑްކާސްޓްކުރުން
ފީފާ އާއި އާބާދީތަކުގެ ފުޓްބޯޅައާ އޮތް ގުޅުން ހަމައެކަނި މުބާރާތްތަކުގައި ބައިވެރިވުމަކަށް ނުނިމެ އެވެ.
ފީފާ ޕްލަސް އިން ވަނީ އިރުމަތީ ގުދުސްގެ ހިފާފައިވާ ބިންތަކުގައި ކުޅޭ މެޗުތައް ވެސް ދައްކާފަ އެވެ.
މީގެ އިތުރުން، އިސްރާއީލުގެ ޔޫތު ލީގުގެ މެޗުތަކާއި އެހެނިހެން މުބާރާތްތަކުގެ މެޗުތައް ވެސް މި ޕްލެޓްފޯމުން ފެންނަން ހުރެ އެވެ.
ސްކޮޓިޝް ސްޕޯޓް ފޯ ޕަލަސްޓައިން އިން ފާހަގަކުރާ ގޮތުގައި، ފީފާ ޕްލަސް އިން އިޝްތިހާރާއި ސްޕޮންސަރޝިޕް މެދުވެރިކޮށް އާމްދަނީ ހޯދާއިރު، މި ކްލަބުތަކުގެ މެޗުތަކުން ފީފާއަށް މާލީ މަންފާ ލިބެ އެވެ.
ފީފާގެ 2023-2026 ގެ ބަޖެޓަކީ ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ އާމްދަނީގެ ގޮތުގައި އެކަނިވެސް 3 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ފިޔަވަޅު އެޅުމަށް ފީފާގެ އިންކާރު
2024 ވަނަ އަހަރު ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ އާބާދީތަކުގެ ކްލަބުތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
އެއީ ހުޅަނގު އައްސޭރީގެ ގާނޫނީ ޙާލަތާ މެދު ބައިނަލްއަޤްވާމީ ގޮތުން ގޮތެއް ނިމިފައިނުވާ ކަމަށް ބުނެ އެވެ.
ނަމަވެސް، ނަސްލީ ތަފާތުކުރުމާއި ސިޔާސީ މެސެޖުތައް ފެތުރުމުގެ ސަބަބުން އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން ވަނީ 190,000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނާ ގޮތުގައި މިއީ ފީފާގެ އަމިއްލަ ޤަވާއިދުތަކާ ޚިލާފު، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖެހުމެކެވެ. ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން (ICJ) ވަނީ އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށް ސާފުކޮށް ބުނެފަ އެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ކުރީގެ އޮފިޝަލް ޢުމަރު ޝާކިރު ވިދާޅުވި ގޮތުގައި، ބައެއް ދަނޑުތައް ބިނާކޮށްފައިވަނީ އެތަނަށް ވަނުމުގެ ހުއްދަ ނެތް ފަލަސްޠީނު ޢާއިލާތަކުގެ އަމިއްލަ ބިންތަކުގަ އެވެ. ފީފާގެ ޤަވާޢިދު ބުނާ ގޮތުން، އެއްވެސް މެންބަރު ޤައުމެއްގެ ހުއްދަ ނެތި އެ ޤައުމެއްގެ ބިމުގައި މެޗުތައް ނުކުޅެވޭނެ އެވެ.
ޣައިރުގާނޫނީ އާބާދީތަކުގެ ކުޅިވަރު ވަސީލަތްތައް
ARIJ ގެ ތަޙްޤީޤުން އެނގުނު ގޮތުގައި، އިސްރާއީލުގެ ނޭޝަނަލް ލޮޓަރީ ”މިފަލް ހަޕައިސް“ އިން ދަނީ އާބާދީތަކުގެ ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. މިގޮތުން އެފްރާތު އާބާދީގައި ބިނާކުރި ކުޅިވަރު މަރުކަޒަށް އެކަނިވެސް 5 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅަ ފަންޑު
އާބާދީތަކުގެ ކްލަބުތައް އިސްރާއީލުގެ ލީގުގައި ކުޅެމުންދާއިރު، އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަނަށް ފީފާ އާއި ޔުއެފާގެ މެންބަރެއްގެ ހައިސިއްޔަތުން މާލީ އެހީތެރިކަން ލިބެމުންދެ އެވެ.
ޔުއެފާގެ ހެޓްރިކް ޕްރޮގްރާމްގެ ދަށުން 2024 އާއި 2028 އާ ދެމެދު އިސްރާއީލަށް 17 މިލިއަން ޔޫރޯ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ކުރީގެ ބަޖެޓަށް ވުރެ 21 އިންސައްތަ އިތުރު އަދަދެކެވެ.
ސިޔާސީ ފިއްތުންތައް އިތުރުވުން
ބައިނަލްއަޤްވާމީ ކުޅިވަރު އިދާރާތަކަށް އޮތް ސިޔާސީ ފިއްތުންތައް ދަނީ އިތުރުވަމުންނެވެ. އަޔަލޭންޑްގެ ޕާލަމެންޓުގައި ވެސް ވަނީ އިސްރާއީލުގެ ކްލަބުތަކުން ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވާތީ، އެ ގައުމު ކުޅިވަރުގެ މައިދާނުން ސަސްޕެންޑް ކުރުމަށް ގޮވާލާފަ އެވެ.
ކުޅިވަރު އިދާރާތަކުން ކުޅިވަރާއި ސިޔާސީ ކަންކަން ވަކިކުރަން ބޭނުންވި ނަމަވެސް، މުހައްލިލުން ބުނާ ގޮތުގައި ކުޅިވަރަކީ ބޮޑު ވިޔަފާރިއަކަށް ވެފައިވާއިރު، އެއީ ސިޔާސީ ކަންކަމާ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އިސްރާއީލުން ދަނީ އާބާދީތަކުގެ ކުޅިވަރު ވަސީލަތްތައް ފުޅާކުރަމުންނެވެ. ނަމަވެސް ފަލަސްތީނުގެ ކުޅުންތެރިން ބުނަނީ ކިތަންމެ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، އެމީހުންގެ ކުޅިވަރު ހުއްޓާނުލާނެ ކަމަށެވެ.



