
ވަޅިން ޙަމަލާދީ އިންޑިއާގެ މޮޑެލް އެއް މަރާލައިފި
ބުދަ ދުވަހު އިންޑިއާގެ ދިއްލީގައި ޢުމުރުން 21 އަހަރުގެ މޮޑެލްއަކަށް އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ވަޅިން ޙަމަލާދީ މަރާލައިފި އެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި މަރުގެ ތުހުމަތު ކުރެވެނީ އޭނާގެ ޖިމް ޓްރޭނަރަށެވެ.
އޭނާ މަރާލާފައިވަނީ ހުޅަނގު ދިއްލީގެ ތިލަކް ނަގަރުގައި ހުންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި ހުރި އޭނާގެ އެޕާޓުމަންޓްގައި އެކަނި ހުއްޓަ އެވެ.
މި ޙަމަލާ ދިނުމަށްފަހު ތުހުމަތުކުރެވޭ އިމްރާން ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފަ އެވެ.
މުސްކާން ހަޅޭއްލަވާ އަޑަށް އަވަށްޓެރިން އެގެއަށް ދިޔައިރު، އޭނާ އޮތީ ލެއިން ތަތްތެޅިފައެވެ.
އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ.
އެޑިޝަނަލް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ) އަބީޝެކް ގުޕްތާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުށްވެރިޔާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ތަޙުޤީޤަށް ބަލަމުންދާ ކަމަށެވެ.
މުސްކާންގެ ރަހުމަތްތެރިއެއް ކަމަށްވާ އަމާން ބުނި ގޮތުގައި، މުސްކާންއަކީ ޢާއިލާގެ ތިން އަންހެން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ”މުސްކާންގެ ދައްތަ އަހަންނަށް ގުޅާފައި ބުނީ މުސްކާންގެ ގަޔަށް މީހަކު ވަޅި ޖަހައިފި ކަމަށާއި، އަވަހަށް އެގެއަށް ދިއުމަށް. އަހަރެން ވަގުތުން އެހެން ރަހުމަތްތެރިއަކަށް ގުޅާފައި ބުނިން އަވަހަށް އެގެއަށް ގޮސް އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް. އަހަންނަށް އެތަނަށް ދެވުނުއިރު އެމްބިއުލާންސް އައިސް އޭނާ ގެންގޮސްފި،“ އަމާން ބުންޏެވެ.
މީގެ އިތުރުން، އިމްރާން މީގެ ކުރިންވެސް މުސްކާންއަށް ފުރައްސާރަކުރާ ކަމަށް އޭނާގެ ޢާއިލާގެ މެންބަރުންނާ ޙަވާލާދީ އަމާން ބުންޏެވެ. ”މީގެ ކުރިންވެސް އޭނާ އެފަދަ ކަންކަން ކޮށްފައިވޭ. އެހެންކަމުން މި ޙާދިސާ ހިނގުމުން ސީދާ ޝައްކު ކުރެވެނީ އޭނާއަށް،“ އަމާން އިތުރަށް ބުންޏެވެ.



